Roadha Mihaaru
ޔާސިރު، އަލްގައިދާގައި އިސް ދައުރެއް އަދާކުރި:ސަރުކާރު

ޔާސިރަކީ އަލްގައިދާ ޖަމާއަތުގައި އިސް ދައުރެއް އަދާކުރި މީހެއް: ސަރުކާރު

03 އޯގަސްޓް 2020

ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރުމުގެ ސަބަބުން ހާލު ދެރަވެ، ފަރުވާ ދެމުން ދަނިކޮށް އިއްޔެ މަރުވި ޔަމަންގެ ޔާސިރު ޔަހުޔާ ސާލިހު މުތީއު އަކީ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ އަދި އެ ޖަމާއަތުގައި އިސް ދައުރެއް އަދާކުރި މީހެއް ކަމަށް ރާއްޖޭގެ ރަސްމީ އިދާރާތަކުން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރުމުގެ ސަބަބުން ހާލު ދެރަވެ، ފަރުވާ ދެމުން ދަނިކޮށް އިއްޔެ މަރުވި ޔަމަންގެ ޔާސިރު ޔަހުޔާ ސާލިހު މުތީއު އަކީ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ އަދި އެ ޖަމާއަތުގައި އިސް ދައުރެއް އަދާކުރި މީހެއް ކަމަށް ރާއްޖޭގެ ރަސްމީ އިދާރާތަކުން ރޭ ބުނެފި އެވެ.

ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފު ވެގެން، ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުއްޓައި ކެއުންބުއިމަށް އިންކާރު ކުރުމުގެ ސަބަބުން މިދިޔަ މަހުގެ 21 އިން ފެށިގެން އޭނާ އަށް އައީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. މީގެ ކުރިން ވެސް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރުމުގެ ސަބަބުން ހާލު ދެރަވެ ޔާސިރަށް އައިޖީއެމްއެޗުގައި ފަރުވާ ދިނެވެ. އެކަމަކު ފަހުން އޭނާ ކާން ފެށި އެވެ.

ސްޓްރޯކެއް ޖެހިގެން ޔާސިރު މަރުވީ އިއްޔެ ހަވީރު 4:25 ގަ އެވެ.

މާލޭގައި އަރަބި ޓީޗަރަކަށް އުޅުނު ޔާސިރު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މާޗު، 3، 2017، ގަ އެވެ.

ޓެރަރިޒަމާ ގުޅުން ހުރި ތުހުމަތުތަކެއްގެ ސަބަބުން، ރާއްޖެއިން ފުރައިގެން ދާން މުހުލަތެއް ދިން ނަމަވެސް އޭނާ ނުފުރުމުން އެންމެ ފަހުން މާޗު 2، 2017 ގައި އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ހުރުމުގެ ހުއްދަ ބާތިލްކޮށްފަ އެވެ. އެހެންވެ، ހުޅުމާލޭގައި ހުންނަ ސެންޓަރުގައި އޭނާ ބަންދުކޮށްފައި ހުރީ ރާއްޖެއިން ފުރުވައިލެވެންދެންނެވެ.

ބަންދުކޮށްފައި ހުންނަތާ، ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް، އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރެ އެވެ. އެހެންވެ، އެހާ ގިނަ ދުވަހު ބަންދުކޮށްފައި ހުއްޓައި ޔާސިރު މަރުވުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އެ މައްސަލައާ ގުޅޭ ތަފްސީލީ މައުލޫމާތު ފުރަތަމަ ފަހަރަށް ހިއްސާކޮށް، މޯލްޑިވްސް އިމިގްރޭޝަނާއި ކަރެކްޝަނަލް ސާވިސް އާއި ފުލުހުން ގުޅިިގެން ރޭ މެންދަމު ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް، ޔާސިރަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގަބޫލުކުރެވޭތީ ރާއްޖޭގައި ހުރުމުގެ ހުއްދަ ބާތިލްކުރުމުގެ ކުރިން، ފެބްރުއަރީ 1، 2017 ގައި އިމިގްރޭޝަނަށް ހާޒިރުކޮށް، އެއް މަހުގެ ތެރޭގައި ރާއްޖެ އިން ފުރައިގެން ދާން އެންގި ކަމަށެވެ.

އެ އެންގުމަށް އަމަލު ނުކުރުމުން، އޭގެ ފަހުން ވެސް ރާއްޖެ އިން ފުރައިގެން ދާން ތިން ފަހަރެއްގެ މަތިން ޔާސިރަށް އަންގާފައިވާ ކަމަށް ބަޔާނުގައި ވެ އެވެ. އެކަމަކު، އެ ހަތަރު ފަހަރު ދިން މުއްދަތުގައި ވެސް ފުރައިގެން ނުދިއުމުން ރާއްޖޭގައި ދިރިއުޅެން ޔާސިރަށް ދީފައިވާ ހުއްދަ މާޗު 2، 2017 ގައި ބާތިލްކުރީ ކަމަށް ސަރުކާރުން ބުންޏެވެ.

އެ ފިޔަވަޅާ އެކު، އޭނާ ފުރުވައިލެވެންދެން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކުރި ކަމަށް ބަޔާނުގައި ބުންޏެވެ. އެއީ އިމިގްރޭޝަންގެ ގާނޫނާ ޚިލާފުވާ ބިދޭސީން ބައިތިއްބާ ތަނެކެވެ.

މޯލްޑިވްސް ސާވިސް ސާވިސް އަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުން އެނގޭގޮތުގައި އޭނާއަކީ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ، އެ ޖަމާއަތުގެ އިސްދައުރެއް އަދާކުރާ، އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެކެވެ.

ސަރުކާރުން ބުނި ގޮތުގައި، ޓޫރިސްޓު ވިސާގައި ޔާސިރު ރާއްޖެ އެތެރެވީ 2014 ގަ އެވެ. ހަމަ އެ އަހަރު ދިވެއްސަކާ ކައިވެނިކުރި އެވެ.

ޓެރަރިޒަމާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭތީ އެ މުއްދަތުގައި އޭނާގެ ހަރަކާތްތައް ފުލުހުން ބަލައި މޮނީޓަ ކޮށްފައިވާ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަލްގައިދާ ޖަމާއަތުން ހިންގާ ހަރަކާތްތައް ރާވައި ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމާ ގުޅުން ހުރި މައްސަލަތަކުގައި ދިވެހި ފުލުހުން ތަހުގީގު ކޮށްފައިވާ ދިވެހިންނާ ޔާސިރު ގުޅުން ބަދަހިކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސް އަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުން އެނގޭ ގޮތުގައި އޭނާއަކީ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ، އެ ޖަމާއަތުގެ އިސް ދައުރެއް އަދާކުރާ، އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެކެވެ،" ބަޔާނުގައި ވެ އެވެ.

ސަރުކާރަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ދިވެހި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާއި ކަރެކްޝަނަލް ސާވިސް ގުޅިގެން ނެރުނު ބަޔާނުގައި ބުނިގޮތުގައި، އުފަން ގައުމުގެ އިތުރުން ޔާސިރަކީ އެހެން ގައުމުތަކުގައި ވެސް ޓެރަރިޒަމާ ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރުކޮށް އެކި ފަހަރު މަތިން ބަންދުކޮށްފައިވާ މީހެކެވެ. އަދި އެކި ގައުމުތަކުގެ ސައްހަ ނޫން ޑޮކިއުމަންޓުގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ސަރުކާރުން ބުނީ ޔާސިރު ރާއްޖެ އިން ފުރުވައިލަން ބޭނުންވާ ޓްރެވެލް ޑޮކިއުމަންޓް ފޮރިން މިނިސްޓްރީ މެދުވެރިކޮށް، ޔަމަނު ސަރުކާރުން ހޯދަން އެކި ފަހަރުމަތިން ތަކުރާރުކޮށް ކުރި މަސައްކަތުގައި ވެސް އޭނާގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށެވެ. އެހެންވެ "އިންވޮލަންޓަރިލީ" ޔާސިރު ރާއްޖެ އިން ފުރުވައިލަން ބޭނުންވާ ޓްރެވެލް ޑޮކިއުމަންޓް ހޯދަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔަމަން ސަރުކާރުގައި އެދުނު ކަމަށް ވެސް ބަޔާނުގައި ބުންނެވެ.

"ޔާސިރު ޔަހްޔާ ސާލިހު މުތީއު ރާއްޖެއިން ފުރުވާލުމަށް އެކި ފަހަރުމަތިން މަސައްކަތް ކުރެވުނު ނަމަވެސް އޭނާ ރާއްޖެއިން ފުރުވާލެވިފައި ނުވަނީ ފުރައިގެން ދިއުމަށް އިންކާރުކޮށް، ފުރުމަށް ބޭނުންވާ ޓްރެވެލް ޑޮކިއުމަންޓް ހެއްދުމަށް އެއްބާރުލުން ދީފައި ނުވުމުގެ ސަބަބުންނެވެ،" ބަޔާނުގައި ވެ އެވެ.

ތިން އިދާރާ އިން ބުނީ ޔާސިރާ ގުޅޭ ތަފްސީލީ މައުލޫމާތު އެކި ފަހަރުމަތިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ބަންދުކޮށްފައި ހުރި މުއްދަތުގައި ވެސް އޭނާއާ މެދު އަމަލުކޮށްފައި ވަނީ ސަލާމަތީ ގޮތުން ކަށަވަރު ކުރަން ޖެހޭ ކަންކަން ކަށަވަރުކޮށް، އިންސާނީ ހައްގުތަކާ އެއްގޮތަށް، އޭނާގެ ދިވެހި އާއިލާއާ ގުޅުން ބޭއްވުމަށާއި ކެއުންބުއިމާއި ހުރުމުގައި ވެސް ހާއްސަ އުސޫލެއްގެ ދަށުން ލުއި ގޮތަކަށް ކަމަށް ބުންޏެވެ.

ސަރުކާރުން ބުނި ގޮތުގައި ޔާސިރު ބަންދުކުރި މުއްދަތުގައި އޭނާއާ ގުޅޭ މައުލޫމާތު ޔަމަންގެ ސަރުކާރަށް ވެސް ފޯރުކޮށްދިނެވެ.

ޔާސިރަކީ ޓެރަރިޒަމާ ގުޅުން ހުރި މީހެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އޮކްޓޯބަރު 2، 2019 ގައި ވިދާޅުވެފަ އެވެ. ފުލުހުންނާ އެކު ބޭއްވި ނިއުސް ކޮންފަރެންސްގައި އިމްރާން ވިދާޅުވީ ޔާސިރާ ޓެރަރިޒަމާ ގުޅުން ހުރިކަން ބައިނަލްއަގުވާމީ މީޑިއާއިން ވެސް ފެންނަން އެބަހުރި ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޔާސިރަކީ އެކި ގައުމުތަކުގައި ޓެރަރިޒަމްގެ އަމަލުތަކާ ގުޅިގެން އެތައް ދުވަހަކު ޖަލުގައި ހޭދަކޮށްފައިވާ މީހެއް ކަމަށާއި ރާއްޖޭގައި އުޅޭ ޓެރަރިޒަމާ ގުޅުން ހުރި ކަމަށް ބެލެވޭ ބައެއް މީހުންނާ ވެސް އޭނާއާ ގުޅުން އޮންނަކަން ފުލުހުންނަށް އެނގޭ ކަމަށެވެ. ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކުން ވެސް ޔާސިރާ ބެހޭ މައުލޫމާތު ދީފައި އެބަހުރި ކަމަށް ހަމީދު ވިދާޅުވެފައި ވެ އެވެ.

"ޔަމަންގައި، އޮމާންގައި ޕާކިސްތާން އަދި މެލޭޝިއާގައި މި ފަރާތް [ޔާސިރު] ވަނީ ޓެރަރިސްޓް އެކި ހަރަކާތްތަކާ ގުޅިގެން ހައްޔަރުކުރެވި ބަންދުކޮށް ޖަލުގައި ގިނަ ވަގުތު ހޭދަކޮށްފައި،" ހަމީދު ކުރިން ވިދާޅުވެފައި ވެ އެވެ.