Roadha Mihaaru
ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތް ހަދައިދޭން އެދިއްޖެ

ޔާމީނަށް ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތް ހަދައިދޭން އަނެއްކާ ވެސް އެދިއްޖެ

13 އޯގަސްޓް 2020

މަނީލޯންޑަރިންގެ ކުށުގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދޭން، ކަމާ ބެހޭ އިދާރާތަކުގައި އިދިކޮޅު ކޯލިޝަނުން މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަނީލޯންޑަރިންގެ ކުށުގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދޭން، ކަމާ ބެހޭ އިދާރާތަކުގައި އިދިކޮޅު ކޯލިޝަނުން މިއަދު އެދިއްޖެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެ މިނިސްޓްރީގެ އިސްވެރިން އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ބައްދަލުކުރެއްވުމަށްފަހު ނެރުނު ބަޔާނުގައި ވަނީ، ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ހައި ކޯޓުން އަމުރުކުރިތާ މަހަކަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް ޔާމީނަށް އެ ފުރުސަތު ފަހިކޮށްދީފައިނުވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކޯޓުން އެގޮތަށް އަމުރުކުރީ، ޔާމީންގެ އިސްތިއުފާނު މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމައިލަން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޖަލުގައި ހުންނަވައިގެން ވަކީލުންނާ މަޝްވަރާ ކުރެއްވުމަށް އެކަށީގެންވާ ފުރުސަތެއް ލިބިވަޑައިނުގަންނަވާތީ ޔާމީން އެކަމަށް އެދިވަޑައިގަތުމުންނެވެ.

އެ ދުވަހުގެ އަޑުއެހުން ނިންމައިލީ އެ ފުރުސަތު ޔާމީނަށް ދޭން ދައުލަތާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ކޯޓުން އެންގުމަށް ފަހު އެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަންގެ ތުހުމަތުތައް ކަރެކްޝަންސް އިން ދޮގުކުރެ އެވެ. ކަރެކްޝަންސް އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ވަކީލުންގެ ބައްދަލުވުމަށް އެދުމުން އެ ފުރުސަތު ހަމަޖައްސައިދޭނެ ކަމަށް ޔާމީންގެ ވަކީލުންނަށް އަންގާފައިވާނެ ކަމަށެވެ. އަދި ވަކީލުން އެމަނިކުފާނާ ބައްދަލު ކުރަން އެދި ހުށަހެޅި ފޯމާ ގުޅިގެން އަމަލު ކުރަންޖެހޭ ގޮތް ވަކީލުންނަށް ސާފުކޮށް ދީފައިވާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ބަޔާނުގައި ބުނީ ޔާމީނާ ބައްދަލުކުރަން އެމަނިކުފާނުގެ ވަކީލުން ކަރެކްޝަންސްގައި އެތައް ފަހަރެއްގެ މަތިން އެދިފައިވާ ކަމަށެވެ. ނަމަވެސް އެކަން ހަމަޖައްސައި ނުދީ ދިގު ދަންމަމުންދާ ކަމަށް ބުންޏެވެ.

"ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގަންނަވަންޖެހޭ ހައްގުތަކަކުން އެމަނިކުފާނު މަހުރޫމްކޮށް އެމަނިކުފާނަށް ދެމުން ގެންދާ އަނިޔާތައް ހުއްޓާލުމަށް ވެސް ވަނީ އެދިފަ އެވެ،" ބަޔާނުގައި ބުންޏެވެ.

ނަމަވެސް އެ ބައްދަލުވުމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީން ބުނީ މަޝްވަރާކުރީ ޔާމީނަށް ޖަލުން ލިބޭ ހިދުމަތްތައް އިތުރުކުރުމާ ގުޅޭގޮތުން ކަމަށެވެ. ޕީޕީއެމުން ވަނީ ހޯމް މިނިސްޓްރީން ދޮގު ޓްވީޓެއް ކޮށް ކަމުގެ ހަގީގަތް އޮޅުވާލާފައިވާ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ. އެފަދަ ދޮގު ހަބަރުތައް ފަތުރައިގެން ރައްޔިތުންނަށް އޮޅުވާލަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރައްވާ މަސައްކަތް ހުއްޓާލަން ވެސް ގޮވާލާފައި ވެ އެވެ.

"ރައީސް ޔާމީންއާ އެމަނިކުފާނުގެ ލޯޔަރުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަނުޖެހި ތަފާތު ބަހަނާތައް ދައްކަަވައިގެން ދިގު ދެންމުމުގެ ބަދަލުގައި ހައި ކޯޓު ފަނޑިޔާރުން އަމުރުކުރައްވާފައިވާ ގޮތަށާއި އަދި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އިން ވެސް ކަށަވަރުކޮށްދޭ ހައްގަކަށްވާތީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ލޯޔަރުންނާއި ބައްދަލުކުރެވޭނެ އިންތިޒާމްތައް މިހާރުން މިހާރަށް ހަމަޖައްސަވައިދެއްވުމަށް ވެސް ގޮވާލަމެވެ،"

މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ވެސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ. އެކަމަކު އެ މައްސަލަތަކުގެ ޝަރީއަތް އަދި ނުފަށަ އެވެ.