Roadha Mihaaru
ގޮންޖެހުން ގިނަ، އެކަމަކު ޓާގެޓަށް މަސައްކަތްކުރާނަން

ގޮންޖެހުން ގިނަ، އެކަމަކު ޓާގެޓަށް މަސައްކަތްކުރާނަން: މޯހަން

25 ޑިސެމްބަރ 2019

ރާއްޖޭގެ ފުޓްބޯޅަ ހާލަތު މި ވަގުތު އޮތްގޮތުން ކުރިއަށްދިއުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމުގައި ވިޔަސް ކްލަބް އީގަލްސް ގޮވައިގެން ޓާގެޓަކަށް ވާސިލްވުމަށް ކުރަމުން އަންނަ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭތޯ ބަލާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރާއްޖޭގެ ފުޓްބޯޅަ ހާލަތު މި ވަގުތު އޮތްގޮތުން ކުރިއަށްދިއުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމުގައި ވިޔަސް ކްލަބް އީގަލްސް ގޮވައިގެން ޓާގެޓަކަށް ވާސިލްވުމަށް ކުރަމުން އަންނަ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭތޯ ބަލާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ށ.ފޯކައިދޫ އަތުން 3-2 އިން ބަލިވެ އީގަލްސް އަށް ވަނީ ދެ ވަަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. މި ވަގުތު ލީގުގެ ހަތަރު ވަނައިގައި އީގަލްސް އޮތްއިރު، އެ ޓީމަށް 12 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 14 މެޗުން 35 ޕޮއިންޓާ އެކު އެވެ.

ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މޯހަން ބުނީ އެކި މައްސަލަތައް ހުރި ކަމުގައި ވިޔަސް ބޭނުންވަނީ ސީޒަނުގައި ކަނޑައެޅި ޓާގެޓްތަކާ ހަމައަށް ދެވޭތޯ މަސައްކަތްކުރުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވާ ޓާގެޓަށް މަސައްކަތް ކުރަމުން މިދަނީ. އެކަން ކާމިޔާބު ކުރުމުގެ ޔަގީންކަން އަޅުގަނޑު އަމިއްލަ ޒަމީރަށް އެބައޮތް. އަޅުގަނޑުމެންގެ އަމިއްލަ ބާރު އެބައޮތް. އެއީ ޓާގެޓަކީ ދެ ވަނަ ހޯދުން. ދެން އެއް ވަނަ އަކީ ފެށުނީއްސުރެ ވެސް ހޯދަން އުނދަގޫ އެއްޗެއް. އެކަމަކު އެ އަށް މަސައްކަތް ކުރަމުން އައީ ދެން އެންމެ ފަހުން މެޗުގައި މިދިމާވި ހާލަތާ އެކީގައި އެކަން ވަރަށް ބޮޑަށް ނުވުމާ ގާތަށް ގޮސްފައި މި އޮތީ. އެހެންވީމަ ދެން އިން ޓާގެޓަށް މަސައްކަތް ކުރަމުން މިދަނީ،" މޯހަން ބުންޏެވެ.

މޯހަން ބުނީ އީގަލްސް އަކީ ފައިނޭންޝިއަލީ ބަލާއިރު ވަރުގަދަ ޓީމެއް ނޫން ކަމަށާއި އެ ފަދަ މައްސަލަތަކެއްގައި މުޅި ފުޓްބޯޅަ އޮތް ވަގުތެއްގައި އެ ޓީމަށް ކުރާ އަސަރު ބޮޑު ކަމަށެވެ. އަދި ޒުވާން ކުޅުންތެރިން ހިމަނައިގެން ބޮޑު ސްކޮޑެއް އީގަލްސް އިން އަބަދުވެސް ގެންގުޅޭ އެންމެ ބޮޑު ސަބަބަކީ އެކި ހާލަތްތަކުގައި ވެސް ޓީމު ރަނގަޅު ހިސާބެއްގައި އޮތުން ކަމަށްވާއިރު، އެ މަސައްކަތުގެ ތެރެއިން ޒުވާން ކުޅުންތެރިންނަށް ވެސް ފުރުސަތު ދިނުން އިސް ކުރާނެ ކަމަށް މޯހަން ބުންޏެވެ.

އީގަލްސް އަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކުރަމުން މޯހަން ބުނީ ގައުމީ ޓީމަށް ކުޅެން ދިއުމަށް ފަހު ކުޅުންތެރިން އައިއިރު ލެވެލަށް އަސަރުކޮށްފައިވާ ކަމަށާއި ޕްރޮފެޝަނަލް ވިސްނުމަށް ބަލާއިރު ވެސް ކުޅުންތެރިންނަށް އެކި ގޮންޖެހުންތައް ހުރުމުން ކުރިއަށް ދިއުމަށް ދަތިތަކެއް ހުރި ކަމަށެވެ.

"ޓީމު ތެރޭގައި ވެސް ހުރި ހާލަތާއި އެހެން ކްލަބްތަށް ވެސް އޮތް ހާލުގައި ޕްރެކްޓިސް ވެސް ނުކުރެވުމާއި ރާއްޖެ ތެރޭގައި އޮތް މުބާރާތްތަކުގައި ކުޅުންތެރިން ކުޅުމާއި މި ކަހަލަ ކަންކަން މި އޮތީ. އެ މުބާރާތް ތަކަށް ދާން ވެސް ޖެހޭނެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑަށް ފޮނުވެން ފުރުސަތު އޮތިއްޔާ ފޮނުވާނަން. އެ މުބާރާތްތަކަކީ ފުޓްބޯޅަ އަށް އަޅުގަނޑުމެންނަށް ރަށްރަށުން ކުޅުންތެރިން ލިބެން އޮތް ގޮތަކީ އެ މުބާރާތްތަކުގައި މޮޅެތި ކުޅުންތެރިން ކުޅުމަކީ ވަރަށް މުހިއްމު ކަމެއް،" ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުގައި މަސައްކަތްކުރި މޯހަން ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިރޭގެ މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަކީ އެންމެ ފަހުން މިއައި ބްރޭކު ތެރޭގައި އެންމެ ރަނގަޅަށް ޕްރެކްޓިސް ކުރި ޓީމުކަން މޯހަން ފާހަގަކުރި އެވެ. މޯހަން ބުނީ ޔުނައިޓެޑް ވިކްޓްރީން އެންމެ ފަހުން ދެ މެޗުގައި ނަތީޖާ ގޯސްކޮށް ދިއުމުން އީގަލްސްއާ ދެކޮޅަށް ނުކުންނާނީ ރަނގަޅު ރޫހެއްގައި ނަތީޖާ ނެރެން ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ހަމައެ ގޮތަށް އީގަލްސް އިން ވެސް އަލުން މޮޅަކާ އެކު ފަށަން ބޭނުންވާނެކަން މޯހަން ފާހަގަކުރި އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް އެ ޓީމާ ހަވާލުވި ފަހުން ކުޅުނު ދެ މެޗުގައި ވެސް ބަލިވި ނަމަވެސް އޭނާގެ ނަޒަރުގައި އެ ޓީމުން ވަނީ މެޗަކަށް ފަހު މެޗެއް ކުރިއެރުން ހޯދައިފަ އެވެ. ރަނގަޅު ޕްރެކްޓިސް މެޗުތަކެއް ނުލިބުމުގެ އަސަރު ޓީމުން ފެންނަ ކަމަށް މުހައްމަަދު ބުންޏެވެ.

"މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުން މި އަންނަނީ. ބާކީ މި އޮތް ތިން މެޗުގައި ނަތީޖާ ދެއްކޭނެ އިރާދަކުރެއްވިއްޔާ،" މި ސީޒަނުގައި އެންމެ ފުރަތަމަ ވިކްޓްރީގެ ބެންޗުން ފެނުނު މުހައްމަދު ބުންޏެވެ.

މުހައްމަދު ބުނީ މެޗަށް ކުޅުންތެރިންގެ ސަމާލުކަން ހުރި މިންވަރު ކުޑަވުމަކީ ވެސް އޮތް މައްސަލައެއް ކަމަށާއި އެ ފަދަ ކަންތައްތަކުގެ ސަބަބުން ކުޅުންތެރިން މޯޓިވޭޓްކޮށްގެން ރަނގަޅު ރޫހެއްގައި މެޗަށް ގެންނަން އުނދަގޫވާ ކަމަށެވެ.

"ޔޫވީގައި މުސާރަ ދޭތީ ކުޅުންތެރިންނަށް ނެތް ދެވޭކަށް (ރަށްރަށަށް). އެކަމަކު ޑިސެމްބަރު ޖެނުއަރީގައި މި މެޗު ކުޅޭތީވެ ކުޅުންތެރިން ސިކުޑީގައި ނެތް މެޗުގެ ކަމެއް. އަބަދު ވެސް ސުވާލުކޮށްލަ ކޮށްލަ މި ތިބެނީ ތިމަންނަ މުބާރާތެއްގައި މެޗެއް ކުޅެލަން ގޮސްފައި އަޔަސް ހެޔޮ ހެއްޔޭ. މި އަށް ސީދާ ކޮންސަންޓްރޭޓް ކުރުން އުނދަގޫވެފައި މި އޮތީ. އެހެންވެ އެ ގޮންޖެހުން ވެސް އެބައޮތް،" މުހައްމަދު ބުންޏެވެ.

މާލީ މައްސަލަތަކެއް ދިމާނުވެ މި ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ ކުރިއަށް ދަނިކޮށް ކުރިއަށް އޮތް ޓްރާންސްފާގައި ކުޅުންތެރިންތަކެއް ގެނެސްގެން ނެތް ވަރަކުން ކުރަން އުނދަގޫވާނެ ކަމަށާއި އަނެއްކޮޅުން ހާސިލްކުރެވޭނެ މާ ބޮޑު އެއްޗެއް ނެތްކަން މުހައްމަދު ފާހަގަކުރި އެވެ.

"ވަކި ޔޫވީ އެކަންޏެއް ނޫން، މިހާރު މާޒިޔާ އަތުލުމަކީ ކޮންމެ ޓީމަކަށް ވެސް އުނދަގޫ ކަމަކަށްވާނީ. އެހެންވީމަ ޓޮޕަށް ދެވޭނެ އެއްވެސް ޖާގައެއް ހަގީގަތުގައި ނެތް. ދެން އަނެއްހެން ބުނަންޏާ ޔޫވީ ގަދަ ހަޔަކަށް ވަންނަން ނިލަންދޫ މެޗު ޑްރޯވި ހިސާބުން ޗާންސް ހަނިވެއްޖެ. އެންމެ ފަހުން ފޯކައިދޫ އިން އީގަލްސް ބަލިކުރީމަ އެ އަށް ވުރެން ބޮޑަށް ޗާންސް ގެއްލިގެން ގޮސްފި ދެން ވަރަށް ރަނގަޅު ކާމިޔާބެއް ހޯދައިގެން ނޫނީ އެ މަގާމު ހޯދުން އުނދަގޫ ކަމަކަށް ވާނީ،" މުހައްމަދު ބުންޏެވެ.

އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.