Roadha Mihaaru
ގްރީންސްޓްރީޓްސް އަލުން ދެ ވަނަ އަށް

ގްރީންސްޓްރީޓްސް އަލުން ދެ ވަނަ އަށް

20 ޑިސެމްބަރ 2019

ބޯވާރޭގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީ 5-0 އިން ބަލިކޮށް ކްލަބް ގްރީންސްޓްރީޓްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް މިރޭ އަލުން އަރައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބޯވާރޭގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީ 5-0 އިން ބަލިކޮށް ކްލަބް ގްރީންސްޓްރީޓްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް މިރޭ އަލުން އަރައިފި އެވެ.

މިއަދު ހަވީރު ދަ ގްރާންޑޭ އަތުން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބް އޮތީ 22 ޕޮއިންޓާ އެކު ދެ ވަނަ އަށް އަރައިފަ އެވެ. ގްރީން އަލުން އެ މަގާމް ހޯދީ 23 ޕޮއިންޓާ އެކު އެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 35 ޕޮއިންޓާ އެކު މާޒިޔާ އެވެ. ޔުނައިޓެޑް ވިކްޓްރީ އޮތީ 11 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

މިރޭގެ މެޗުގެ ފަސް ގޯލް ވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ ތިން ވަނަ މިނެޓުގައި އަލީ އަޝްފާގް (ދަގަނޑޭ) ގްރީން އަށް ލީޑު ނަގައިދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. އަދި 13 ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓްރީގެ އަލީ ޝަމާލް އަބްދުﷲ އަތުން ބައިކޮޅަށް ވަން ލަނޑުން ގްރީންގެ ލީޑު ފުޅާވި އެވެ. އޭގެ ފަހުން ދަގަނޑޭ ތިން ވަނަ ގޯލް ޖަހައިދިން އިރު އަނެއް ދެ ގޯލް ޖެހީ މުހައްމަދު އުމެއިރާއި ރިހާމް އަބްދުލްގަނީ (ބޮބީ) އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑް ވިކްޓްރީން ކުޅުން ރަނގަޅުކޮށް ގްރީން އަށް ނުރައްކާކުރި އެވެ. އަނެއްކޮޅުން ތަފާތު ބޮޑުކުރަން ގްރީން އަށް ވެސް ފުރުސަތު ލިބި ބޭކާރުވި އެވެ.

ގްރީންސްޓްރީޓްސްގެ މުސްލިހް (ކ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިޔަކު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީންސްޓްރީޓްސްގެ މުސްލިހް (ކ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިޔަކު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ބޮޑު ބްރޭކަކަށް ފަހު މިދިޔަ ހަފުތާގައި ލީގު އަލުން ފެށިއިރު ގަވާއިދުން ޕްރެކްޓިސް ކުރަމުން އައި ދެ ޓީމުގެ ތެރޭގައި ހިމެނޭ ޔުނައިޓެޑް ވިކްޓްރީ އަށް ފުރަތަމަ ދެ މެޗު މިދިޔައީ މޮޅެއް ނުލިބި އެވެ. ފުރަތަމަ މެޗުން ށ. ފޯކައިދޫއާ 1-1 އިން އެއްވަރުވީ އެވެ.

އެ ޓީމުގެ ކޯޗު މުހައްމަދު އާދަމް ބުނީ މެޗުގެ ވަރަށް ކުރީކޮޅު ގޯލްކީޕަރު ފައުލެއް ކުރި ކަމަށް ބަލައި ގްރީން އަށް ރެފްރީ ދިން ޕެނަލްޓީ ގޯސް ކަމަށާއި އެ ހިސާބުން ކުޅުން ރޫޅިގެން ގޮސް ބައިކޮޅަށް ލަނޑެއް ވެސް ވަދެ މެޗު އަތުން ދޫވީ ކަމަށެވެ. އޭނާ ބުނީ ރެފްރީންގެ ނިންމުންތައް ރަނގަޅު ނުވަންޏާ ދިވެހި ފުޓްބޯޅަ ކުރިއަށްނުދާނެ ކަމަށާއި ކުރީ މެޗުގައި ވެސް ދިމާވީ އެފަދަ ގޮތެއް ކަމަށެވެ.

"ކުރީ މެޗާ ބަލާއިރު ކުޅުން ރަނގަޅު. މި ޓީމުގައި ފެންވަރު އެބަހުރި. މިރޭ ވެސް ދެ ވަނަ ހާފުގައި ރަނގަޅަށް ކުޅުނު. އެ ބޯޅަ ކުޅެންޏާ ކާމިޔާބުވާނެ،" މުހައްމަދު ބުންޏެވެ.

ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ މި ލިބުނީ މުހިއްމު މޮޅެއް ކަމަށާއި ރަނގަޅު ނަތީޖާއަކުން މޮޅުވެ އަލުން ދެ ވަނަ މަގާމުގައި ހަމަޖެހިލެވުމުން ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ ދެ ވަނަ ހާފުގައި ވެސް ފުރުސަތު ލިބުނު ކަމަށާއި އެކަމަކު އެހާ ބޮޑު ލީޑެއްގައި އޮންނައިރު ފަސޭހަކޮށްލެވުމަކީ ވެދާނެ ކަމެއް ކަމަށެވެ.