26 ޑިސެމްބަރ 2019
އެތަނުން ކޮންމެ ކުއްޖަކު ވެސް ރަށުގެ ބަނދަރާ ދިމާލަށް ދިޔައީ ބޮޑު ތަރުފާލުގަނޑެއް ހިފައިގެންނެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ނަގައިގެން، ބިންމަތީގައި ދަމަމުން ދަމަމުން ގެންދިޔަ މި ތަރުފާލުތައް ހުރީ ވަރަށް ބޮޑަށް ކިލާވެ، ހަޑިވެފަ އެވެ.
އެތަނުން ކޮންމެ ކުއްޖަކު ވެސް ރަށުގެ ބަނދަރާ ދިމާލަށް ދިޔައީ ބޮޑު ތަރުފާލުގަނޑެއް ހިފައިގެންނެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ނަގައިގެން، ބިންމަތީގައި ދަމަމުން ދަމަމުން ގެންދިޔަ މި ތަރުފާލުތައް ހުރީ ވަރަށް ބޮޑަށް ކިލާވެ، ހަޑިވެފަ އެވެ.
އެއީ ކީއްކުރަން ގެންދާ ތަރުފާލުތަކެއް ހެއްޔެވެ؟
"މިއީ މިރޭ އަހަރެމެންގެ ތަންމަތި. މި ތަރުފާލިތައް ދޮވެގެން ދޯނީގައި އަޅައިގެން ކޮންމެ ރެއަކު މި ނިދަނީ. އާއިލާގެ އެންމެން ނިދަނީ ދޯނިފަހަރުގަ އާއި އަތިރިމަތީގައި. އަހަރެމެންގެ ގެތައް ހުރީ ބިމާ ހަމަވެފައި. މިނޫން އެއްވެސް ތަނެއް ނިދާކަށް ނެތް،" އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ބުންޏެވެ.
އޭނާއާ އެކު ތިބި އެހެން ކުދިންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ މާޔޫސްކަމާއި ހިތްދަތިކަމެވެ.
"ގަނެފައި ހުރި ފޮތްތައް ވެސް މުޅިން ހަލާކުވެއްޖެ. އަހަރެމެންގެ ދުވަސް ހިނގައްޖެ،" އެހެން ކުއްޖަކު ބުންޏެވެ.
މިދިޔަ އާދީއްތަ ދުވަހު ރާއްޖެ އަށް ބޮޑު ރާޅު އެރުމުގެ ހާދިސާއާ ގުޅިގެން ތ. އަތޮޅުން އެންމެ ބޮޑު ގެއްލުންވި އެއް ރަށަކީ މި ރަށެވެ. އާބާދީގައި 1،500 ވަރަކަށް މީހުން ދިރިއުޅޭ މި ރަށުގެ ގާތްގަނޑަކަށް ހުރިހާ ގެއެއް ބިމާ ހަމަވެފައި ހުރުމުން އެތައް ބަޔަކު ނިދަނީ ދޯނިފަހަރާއި ރަށުގެ އަތިރި މަތީގަ އެވެ. މިހާރު އެ މީހުންގެ ގެދޮރަކީ އަދި ބޯހިޔާވަހިކަން އޮތީ އެތަންތަނުގަ އެވެ.
މި ރަށުން ނުވެއްޓި ހުރި މަދު ގެތަކުގެ މީހުންނަށް ވެސް ރޭގަނޑު އަލިކަމެއް ނެތުމުން ނިދަން ޖެހިފައި ވަނީ އަތިރިމަތީގަ އެވެ. ރަށުގައި އުޅޭ މީހުން އިރުއޮއްސެންވާއިރަށް ދޯނިފަހަރަށާއި އަތިރިމައްޗަށް މިސްރާބު ޖަހަ އެވެ.
"ރަށުގައި ނުވެއްޓި ހުރި އިމާރާތްތަކުގެ މީހުން ވެސް މި އުޅެނީ ވަރަށް ހާލުގައި. ބާލީހެއް ނެތް. ބެޑް ޝީޓެއް ނެތް. ގޮދަޑިއެއް ނެތް. ސިއްހީ ފަރުވާއެއް ލިބޭކަށް ނެތް. ކަރަންޓެއް ނެތް. އެންމެ ކުޑަމިނުން ފުޅި ބައްތިއެއް ވެސް ނެތް. މިތިބެނީ ހަދާނެ އެއްވެސް ގޮތެއް ނެތިފައި،" މި ރަށު، އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.
"ކޮއްކޯ! އަހަރެމެންނަށް އެހީއެއް ވެދީ. ތިގޮތަށް މި ރަށަށް އަންނަ ބައެއްގެ ފަރާތުން އަހަރެމެންނަށް އެހީއެއް ލިބޭނީ. އެހެން ނޫނީ ދިރިއުޅެން ޖެހޭނީ މި ހާލުގައި. މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ބަރުބާދުވެގެން ހިނގައްޖެ. އަލުންބަލުން ދިރިއުޅުން ފަށަން މި ޖެހުނީ. އަހަރެމެންނަށް ކޮންމެވެސް ބަޔަކު އެހީވެދީ!،" އުމުރުން ދުވަސް ވެފައި ހުރި އެ މީހާ އެދެމުން ވާހަކަ ދައްކަމުން ދިޔައީ އަސަރާ އެކު އެވެ.
ރަށުގައި ދިރިއުޅޭ މީހުންނަށްޓަކައި ސަރުކާރުންނާއި ހެޔޮއެދޭ ފަރާތްތަކުން ވަނީ ކާޑުގެ ބާވަތްތަކާއި އަންނައުނު ފަދަ އެއްޗެތި ފޮނުވަން ފަށައިފަ އެވެ.
ބޮޑު ރާޅު އެރުމުގެ ހާދިސާއާ ގުޅިގެން ގެތައް ބިމާ ހަމަވެފައިވީ ނަމަވެސް ރައްޔިތުން ތިބީ އެއްގޮތަކަށް ވެސް ރަށުން ފައިބައިގެންދާ ގޮތަކަށް ނޫނެވެ. އެހެން ރަށްރަށުގެ މީހުންނާ ހިލާފަށް މި ރަށު މީހުން އުފަން ފަސްގަނޑު ދެކެ މާ ބޮޑަށް ލޯބިވެ އެވެ. ރަށަށް ޖެހިފައިވާ ލޯބި މާ ބޮޑެވެ.
"މި ރަށުން ފައިބައިގެން [އެހެން ރަށްރަށަށް] ދާން އެއްބަޔަކު އުޅުނު. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ހަރުކުލައިގެން މީހުން ނުކުމެ އެ މީހުންނަށް ވިސްނައިދީގެން އެކަން ހުއްޓުވީ. އިމާރާތްތައް ވެއްޓުނެއް ކަމަކު ރަށް ފަޅު ކޮށްލުމުގެ އެއްވެސް ބޭނުމެއް ނެތް،" މަޑިފުށީގެ ހަރު މީހެއް ކަމަށްވާ ސޮލާހު ރަހާ ބުންޏެވެ.
"މިއީ އަޅުގަނޑުމެންގެ ރަށް. މި ރަށް ސާފުކޮށް ބެލެހެއްޓޭނީ ކޮންމެވެސް ބަޔަކު މިތަނުގައި ތިބެގެންތާ! ރަށުން ފައިބައިގެން ދާން ޖެހިއްޖިއްޔާ އަހަރެމެން ދާނީ ހުޅުމާލެ އަށް. އެ ނޫން ތަނަކަށް ނުދާނަން. ރަށް ފަޅުކޮށްލާފައި ދިއުމަށް ވުރެ މާ ހިތްހަމަ ޖެހޭ ދޯނީގައި ނިދިޔަސް."
މަޑިފުއްޓަށް ބޮޑު ރާޅު އެރި މަންޒަރުތައް ދުށް މީހުން ބުނާ ގޮތުން "މީހުން ރަށުގެ މަގުތައް މަތީގައި ފީނަމުން ދިޔައީ ކަނޑުގައި ފީނާ ގޮތަށެ"ވެ. މީހާގެ އިސްކޮޅަށް ވުރެ މައްޗަށް އަރައިގެން އައި ރާޅުގެ ސަބަބުން މަޑިފުށިން ނިޔާވީ އެންމެ މީހެކެވެ. މުޅި ރަށް ވަނީ ވީރާނާވެފަ އެވެ. ދާ ކޮންމެ ދިމާލަކުން ފެންނަނީ ބިމާ ހަމަވެފައި ހުރި އިމާރާތްތަކެވެ. މާޔޫސްވެފައިވާ މޫނުތަކެވެ.
މަޑިފުއްޓަކީ ތ. އަތޮޅަށް ބަލާއިރު ތަރައްގީވަމުން އައި ނަމޫނާ ރަށެކެވެ. އާބާދީ ކިތަންމެ ކުޑަ ނަމަވެސް ރަށުގެ ރައްޔިތުން އައީ ތަރައްގީއަށް ޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
"މިއީ ގުދުރަތީ ކަމެއް. އެކަމަކު މިކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި އަދި މާލީ ގޮތުން ލިބުނު ގެއްލުން ފޫބައްދަން އެތައް އަހަރެއް ނަގާނެ. އަބަދަކު ދޯނިފަހަރަކު ނުނިދޭނެ. ކޮންމެވެސް އެއްގޮތެއް އަހަރެމެންނަށް ބަޔަކު ހޯދައިދޭން އެބަ ޖެހޭ. އެހެން ނޫނީ އަހަރެމެންނަށް ކުރިމަގުގައި ލިބޭނެ ގެއްލުން މާ ބޮޑުވާނެ،" ރަށުގެ ޒުވާނެއް ކަމަށް މުހައްމަދު ޔޫސުފް ބުންޏެވެ.
އަހުމަދު ހަމްދޫން
އަހުމަދު ހަމްދޫނަކީ "މިހާރު"ގެ އެސިސްޓެންޓް އެޑިޓަރެކެވެ. އޭނާ ނޫސްވެރިކަމުގައި އުޅުއްވާތާ 20 އަހަރު ވެއްޖެ އެވެ. ރާއްޖޭގައި ހިނގި ބޮޑެތި އެތައް ހާދިސާތަކެއް ހަމްދޫން ވަނީ ކަވަރުކުރައްވައިފަ އެވެ.
މައްސަލަތައް ހައްލުކުރަން އެއްބައިވަންތަވާންޖެހޭ: ރައީސް
އެ ދުވަސް: ގައުމީ ހިދުމަތުގައި އަތުކުރި އޮޅާލައިގެން
އެ ދުވަސް: މާލެ ލޮނުގަނޑުގެ އަޑިއަށް
އެ ދުވަސް: "މިތިބީ އެއްގަމުގައި ކަނޑުވެފައި"
ސުނާމީގައި ބައިނަލްއަގުވާމީ/ދިވެހިި މޫނު
މަޑިފުއްޓަށް ޑްރަގް ގެންދިޔަމީހަކު 27 އަހަރަށް ޖަލަށް
ވަރުގަދަ ބިންހެލުމަކަށް ފަހު ޖަޕާނަށް ސުނާމީއެއް
ސުމަޓްރާގެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ:މެޓް
"ހަނދާންކުރަން ބޭނުންވަނީ އެހީ އާއި ހިތްހެޔޮކަން"
މިރޭ ފަތިސް ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ