Roadha Mihaaru
ސަބްސިޑީ ދެނީ ވޯލްޑް ބޭންކުން ކަނޑައަޅާ މިންގަނޑަށް

ސަބްސިޑީ ދެނީ ވޯލްޑް ބޭންކުން ކަނޑައަޅާ ފަގީރުންގެ މިންގަނޑަށް

02 އޮކްޓޯބަރ 2016

ރާއްޖޭގައި ސަބްސިޑީ ދޭނެ ފަގީރުން ކަނޑައަޅަނީ، ވޯލްޑް ބޭންކުން އެކުލަވާލާފައިވާ ފަގީރުން ބަލާ މިންގަނޑާ އެއްގޮތަށް ކަމަށް އެންސްޕާ އިން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި ސަބްސިޑީ ދޭނެ ފަގީރުން ކަނޑައަޅަނީ، ވޯލްޑް ބޭންކުން އެކުލަވާލާފައިވާ ފަގީރުން ބަލާ މިންގަނޑާ އެއްގޮތަށް ކަމަށް އެންސްޕާ އިން ބުނެފި އެވެ.

ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ހަމައެކަނި ފަގީރުން ދޭން ނިންމާފައިވާއިރު ފަގީރުން ކަމަށް ބަލާ މިންގަނޑު ސަރުކާރުން އާއްމު ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން "މިހާރު"ން ސުވާލު ކުރުމުން އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު މިއަދު ވިދާޅުވީ ސަބްސިޑީ ދިނުމުގައި ރާއްޖޭގައި ފަގީރުން ކަމަށް ކަނޑައަޅަނީ، ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި ވެސް އަމަލު ކުރާ ވޯލްޑް ބޭންކުގެ ޕްރޮކްސީ މީންސް ޓެސްޓް (ޕީއެމްޓީ) އާ އެއްގޮތަށް ކަމަށެވެ.

އަދި އެހީދިނުމަށް އެންސްޕާއިން އެކުލަވާލި "ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު" ވެސް ބިނާކޮށްފައިވަނީ އެ މިންގަނޑާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީއެމްޓީގައިވާ ގޮތުން ފަގީރެއްގެ ގޮތުގައި ކަނޑައަޅަނީ ވަކި މިންވަރަކަށް ވުރެ ދަށުން އާމްދަނީ ލިބޭ ނަމަ އެވެ.

ވޯލްޑް ބޭންކުން މިދިޔަ އަހަރު ކަނޑައަޅާފައިވާ ގޮތުން ފަގީރެއްގެ ގޮތުގައި ބަލަނީ ދުވާލަކު 1.90 ޑޮލަރު (29.4) ނުލިބޭ މީހުންނެވެ. ރާއްޖެ އަށް ކަނޑައަޅާފައިވާ ހާއްސަ ނިސްބަތުގެ ދަށުން ފަގީރެއްގެ ގޮތުގައި ބަލަނީ މީހަކަށް ދުވާލަކު 45ރ. އަށް ވުރެ މަދުން އާމްދަނީ ލިބޭ ނަމަ އެވެ.

ޕީއެމްޓީ މިންގަނޑުން އޭނާއަށް އާމްދަނީ ލިބޭ މިންވަރާއި ކެއުން ބުއިމަށް ކުރާ ހަރަދު، އަދި ގޭގެ ހާލަތު ވެސް އެނގޭނެ އެވެ.

މުޖުތަބާ ވިދާޅުވީ އެހީ ދިނުމުގައި ލިބޭ އާމްދަނީ އަށާއި ގެއެއްގައި މީހުން ތިބޭ އަދަދާއި އާއްމު ދިރިއުޅުމުގެ ހާލަތު ބަލާނެ ކަމަށެވެ. އަދި އެކަންކަން، ފަގީރުންނަށް ސަބްސިޑީ ދިނުމަށް ދޫކުރާ ފޯމުގައި ހިމަނާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ފޯމުގައިވާ ގޮތުން އެ ގެއެއްގައި މީހުން ބޭނުން ކުރާ ކޮޓަރީގެ އަދަދާއި ދިރިއުޅޭ އާއިލާގެ އަދަދާއި އެ މީހުންގެ އަދަދާއި 18 އަހަރުން ދަށުންނާއެކު ދިރިއުޅެނީ ކިތައް މައިންތޯ އާއި ދިރިއުޅޭ ތަނުގެ ބޮޑުމިން ހިމަނަން ޖެހެ އެވެ. އަދި ގޭގައި ބޭނުން ކުރާ ދޮންނަ މެޝިނާއި ރޭޑިއޯ އާއި އައިސްއަލަމާރި އާއި ރައިސް ކުކާ އާއި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކް ސާމާނު ހުރޭތޯ ބަލަ އެވެ.

ސަރުކާރުން ކަނޑައަޅާ ފަގީރު ގޭބިސީއަކަށް މަހަކު ގިނަވަގެން ދޭން ނިންމާފައިވާ 240ރ.ގެ ސަބްސިޑީ އެކެވެ.

މުޖުތަބާ ވިދާޅުވީ އެންސްޕާއިން ދޫކުރާ އެހެން އެހީތައް ދިނުމުގައި ވެސް މި ގައިޑްލައިނަށް ބަލާނެ ކަމަށާއި އެހެންވެ، ކަރަންޓު ސަބްސިޑީ އާއި ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދިނުމުގައި ދޫކުރާ ފޯމުގައި ވެސް ބަލާނީ ގާތްގަނޑަކަށް އެއް ކަންތައްތަކަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކާޑުގެ ބާވަތްތަކުން ސަބްސިޑީ ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް މިދިޔަ މާޗު މަހުގެ ތެރޭގައި ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އެކަމަކު ގިނަ ބަޔަކަށް އެކަން ނޭނގޭ ކަމަށާއި އެންމެން ވެސް އެހީ ހޯދަން އެދުނީ ސަބްސިޑީ ހުއްޓާލުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކަނޑާލައި ހަމަ އެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުން އަގުވަނީ ބޮޑުވެފަ އެވެ. އެގޮތުން ހަނޑޫ ކިލޯއެއް ދެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.

މިއީ ހަމައެކަނި މާލޭގައި ކާޑު ވިއްކާ އަގެވެ. ރަށްރަށުގައި މި އަގު އަދި މިއަށް ވުރެ ބޮޑު ވާނެ އެވެ.