Roadha Mihaaru
ސްކޫލްތަކުގެ އަހަރީ ޗުއްޓީ އަށް ބަދަލު ގެނެސްފި

ސްކޫލްތަކުގެ އަހަރީ ޗުއްޓީއަށް ބަދަލު ގެނެސް ދެ ބަޔަކަށް ބަހާލަން ނިންމައިފި

26 ޑިސެމްބަރ 2019

އަންނަ އަހަރުން ފެށިގެން ސްކޫލުތަކުގެ އަހަރީ ބޮޑު ޗުއްޓީ ދެ ބަޔަކަށް ބަހާލައި ބޮޑު ބަދަލެއް ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ އަހަރުން ފެށިގެން ސްކޫލުތަކުގެ އަހަރީ ބޮޑު ޗުއްޓީ ދެ ބަޔަކަށް ބަހާލައި ބޮޑު ބަދަލެއް ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްކޫލުތައް ޗުއްޓީ އަށް ބަންދުކުރާ ނޮވެމްބަރު އަދި ޑިސެމްބަރު މަހަކީ ޓޫރިޒަމް ދާއިރާގެ އެންމެ ބާރު ބޮޑު ދުވަސްވަރަށްވާތީ، އެ ދާއިރާގައި މަސައްކަތްކުރާ ބެލެނިވެރިންނަށް އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ގިނަ ފަހަރަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އެހެންވެ ކޮންމެ ކުއްޖަކު ވެސް އާއިލާ މެމްބަރުންނާ އެކު ބޮޑު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، ޗުއްޓީ މިހާރު ރާވާފައިވާ ގޮތަށް ބަދަލު ގެންނަން ނިންމީ ކަމަށް ބުންޏެވެ.

އެ ބަދަލުގެ ސަބަބުން، އަހަރީ ޗުއްޓީގެ ފުރަތަމަ ބައި މެއި 31، 2020 އިން ފެށިގެން ޖޫން، 11، 2020 އަށް އަދި ޗުއްޓީގެ ދެ ވަނަ ބައި ޑިސެމްބަރު 6، 2020 އިން ފެށިގެން ޖެނުއަރީ 7، 2021 އަށް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.

"އަހަރީ ޗުއްޓީ އަށް ގެނެވުނު މި ބަދަލާ އެކު އެހެން ސިނާއަތްތަކާއި އޮފީސްތަކަށް ވެސް މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ލިބޭނެ ކަމުގައި މިނިސްޓްރީން ދެކެމެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިހާރު އޮންނަ ގޮތުން ދެ ވަނަ ޓާމުގެ ރިޕޯޓު ފޮތާ އެކު ނޮވެމްބަރު މަހު ސްކޫލުތައް ބަންދުކުރުމަށް ފަހު އަލުން ކިޔެވުން ފަށަނީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ އިތުރުން އަހަރުގެ ތެރޭގައި އެއް ހަފުތާގެ ދެ މިޑްޓާމް ބަންދާއި އެއް ޓާމް ބަންދު ލިބެ އެވެ. އެއީ މާޗު މަހު ލިބޭ މިޑް ޓާމް ބަންދާއި ޖޫން މަހު ލިބޭ ފުރަތަމަ ޓާމްގެ ބަންދުގެ އިތުރުން އޮގަސްޓް-ސެޕްޓެމްބަރުގައި ލިބޭ ދެ ވަނަ ޓާމުގެ މިޑް ޓާމް ބަންދެވެ.

ބޮޑު ޗުއްޓީ ދެބަޔަކަށް ބަހާލި ނަމަވެސް މިހާރު އޮންނަ ގޮތަށް މިޑް ޓާމް ބްރޭކްތައް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވި އެވެ. ދެ ވަނަ ޓާމަށް ފަހު ސްކޫލްތަކުގެ ރިޕޯޓް ފޮތް ދޭނީ ޑިސެމްބަރު 3 ގަ އެވެ.