Roadha Mihaaru
ސްކޫލް ބޮޑު ޗުއްޓީގެ ބޭނުން ނުހިފި ބޭކާރު!

ސްކޫލް ބޮޑު ޗުއްޓީގެ ބޭނުން ނުހިފި ބޭކާރު!

20 ޖުލައި 2022

ސްކޫލްތަކުގެ ބޮޑު ޗުއްޓީ އަހަރު މެދު ތެރެއަށް ބަދަލުކުރި ފުރަތަމަ އަހަރުގެ ތަޖުރިބާ ވެސް ރަނގަޅެއް ނޫނެވެ. މިދިޔަ އަހަރުގެ ޖޫން 24 ގައި ހުރިހާ ސްކޫލެއް ބަންދުކޮށް، ޖެހިގެން އައި އޮގަސްޓް 10 ގައި ދިރާސީ އާ އަހަރަށް ސްކޫލްތައް ހުޅުވުމާ ދޭތެރޭ ގިނަ ދުވަސްތައް ދިޔައީ ވިއްސާރަކޮށެވެ. އެހެންވެ، ދަރިން ގޮވައިގެން ކައިރި ރަށްރަށާއި ބޭސްފަރުވާއަށް މާލެއަށް ދަތުރުކުރުމުގައި ގޮންޖެހުންތައް ހުރުމުން ގިނަ ބެލެނިވެރިން އަދި ޓީޗަރުން ކަންބޮޑުވުން ފާޅުކުރި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލްތަކުގެ ބޮޑު ޗުއްޓީ އަހަރު މެދު ތެރެއަށް ބަދަލުކުރި ފުރަތަމަ އަހަރުގެ ތަޖުރިބާ ވެސް ރަނގަޅެއް ނޫނެވެ. މިދިޔަ އަހަރުގެ ޖޫން 24 ގައި ހުރިހާ ސްކޫލެއް ބަންދުކޮށް، ޖެހިގެން އައި އޮގަސްޓް 10 ގައި ދިރާސީ އާ އަހަރަށް ސްކޫލްތައް ހުޅުވުމާ ދޭތެރޭ ގިނަ ދުވަސްތައް ދިޔައީ ވިއްސާރަކޮށެވެ. އެހެންވެ، ދަރިން ގޮވައިގެން ކައިރި ރަށްރަށާއި ބޭސްފަރުވާއަށް މާލެއަށް ދަތުރުކުރުމުގައި ގޮންޖެހުންތައް ހުރުމުން ގިނަ ބެލެނިވެރިން އަދި ޓީޗަރުން ކަންބޮޑުވުން ފާޅުކުރި އެވެ.

މި އަހަރު ވެސް އެ ގޮތެވެ؛

މިދިޔަ މަހުގެ 30 ގައި ސްކޫލްތައް ބަންދުވިތާ ގާތްގަނޑަކަށް މި ވީ ދެ ހަފުތާގެ ބޮޑު ބައެއް ދިޔައީ ވިއްސާރަވެ، ކަނޑު ގަދަކޮށެވެ. އެ ސަބަބުތަކާ ހެދި ދަތުރު ނުކުރެވި ރަށު ބަންދުގައި ތިބި މީހުން ވެސް މަދެއް ނޫނެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މަހުގެ ހަތް ވަނަ ދުވަހު ފަށާނެ އެވެ.

އެ ކަންބޮޑުވުންތައް އެންމެ ގިނައިން ފެންނަ އެއް ތަނަކީ ފޭސްބުކާއި ޓްވިޓާ އެވެ.

ސްކޫލް ބޮޑު ބަންދާއި އީދާ ދިމާކޮށް ބަޔަކު ރަށަކަށް ދިއުމަށް ބޯޓެއްގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސްކޫލް ބޮޑު ބަންދާއި އީދާ ދިމާކޮށް ބަޔަކު ރަށަކަށް ދިއުމަށް ބޯޓެއްގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަލީ މުސްތަފާ ނަމަކަށް ކިޔާ ބެލެނިވެރިޔަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ "މި އުޅެނީ ހަމައެކަނި ދަރިން ގޮވައިގެން މަޖާ ނުކުރެވިގެން ނޫން" ކަމަށާއި ބޭސްފަރުވާ އަށް މާލެއާ ހަމައަށް ވެސް ދަތުރުކުރަން އުނދަގޫވެގެން ކަމަށެވެ. ކިތަންމެ ގިނަ ބައެއްގެ ތާއީދާ އެކު ބޮޑު ޗުއްޓީ ބަދަލުކުރިޔަސް ޖޫން/ޖުލައި އަށް ބޮޑު ޗުއްޓީ ރަނގަޅު ނޫން ކަމަށް އޭނާ ބުންޏެވެ.

"ވެރިންނަށް ރައްޔިތު މީހާގެ ހާލު އިނގޭނީ، ބަލާނީ ހަމައެކަނި އިންތިހާބަށް،" މި މަހުގެ 10 ވަނަ ދުވަހު މުސްތަފާ ކުރި ޕޯސްޓުގައި ބުންޏެވެ.

އެ ޕޯސްޓަށް ކޮމެންޓްކުރި ގިނަ ބަޔަކު ވެސް ވަނީ، ވިއްސާރަ ދުވަސްވަރާ ސްކޫލް ޗުއްޓީ ބަދަލުކުރުމުގެ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

ހުދާ އަބްދުލް ސަމަދު ނަމަކަށް ކިޔާ މީހަކު ބުނީ ބޮޑު ޗުއްޓީ ދުވަސްވަރު ބަދަލުކުރުމަކީ ރަށްރަށުގައި ދިރިއުޅޭ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އޭނާ ބުނީ ޗުއްޓީ ނިމޭއިރު ވެސް ތިބެން ޖެހެނީ ކަނޑު ދަތުރުކޮށްފައި ބޭސްފަރުވާ އަށް މާލެ ނާދެވި ކަމަށެވެ.

އޭނާގެ ކޮމެންޓަށް ޖަވާބު ދިން މީހަކަށް ދިން ރައްދެއްގައި ހުދާ ބުނީ ޖޫން/ޖުލައި އަކީ ވިއްސާރަވެ އެންމެ ކަނޑުގަދަ ދުވަސްވަރު ކަން މި ރާއްޖޭގައި އުޅޭ މީހަކަށް ވެއްޖިއްޔާ އިނގޭނެ ކަމަށެވެ.

"ޗުއްޓީ ހަމަ ބޭކާރު. ދަރިންކޮޅު ޑޮކްޓަރަަށް ދައްކަން ވެސް [މާލެ] ނުދެވިފައި. ކޮންމެ ރަށަކަށް ސްޕެޝަލިސްޓް ޑޮކްޓަރުން ފޮނުވާފައި ތިބި ނަމަ މި ޝަކުވާއެއް ނޯންނާނެ،" އައިޝަތު އަޒްރާގެ ނަމުގައި ފޭސްބުކްގެ ޕޯސްޓަކަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.

ސްކޫލު ޗުއްޓީ ޖޫން/ ޖުލައި އަށް ބަދަލު ކުރުމަށް މި ސަރުކާރުން އޭރު ދެއްކި އެއް ހުއްޖަތަކީ ޓޫރިޒަމް ސީޒަނަށް ވާތީ، ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުންނަށް ދަރިން ކައިރި އަށް ނުދެވުމެވެ. އެކަމަކު ރާއްޖޭގެ ޓޫރިޒަމް މިހާރު އޮތް ގޮތުން ސީޒަނެއް، އޮފް ސީޒަނެއް މިހާރަކު ނޯވެ އެވެ. އަދި، ކަނޑުގަދަ ދުވަސްވަރެއްގައި، ރިސޯޓްތަކުގައި އުޅޭ މީހުން ރަށަށް ގޮސް ދަރިންނާ އެކު ވަގުތު ހޭދަކުރާނީ ވަކި ކިހިނެއްތޯ އާންމުން ސުވާލުކުރެ އެވެ.

ޓްވިޓާގައި ކަންބޮޑުވުން ފާޅުކުރި މީހަކު ކުރި އެއް ސުވާލަކީ ދަރިވަރުންގެ ޗުއްޓީއަކީ ރިސޯޓް މުވައްޒަފުންގެ ހައްގެއްތޯ އެވެ.

"ޖޫން ޖުލައި ބޮޑު ވިއްސާރަ އަށް ސްކޫލް ބޮޑު ޗުއްޓީ ދިނުން މީ ސްކޫލް ކުދިންނަށް ދެވޭ އަނިޔާއެއް. ބޭސްފަރުވާ އަށް ނުދެވި ރަށު ގޮނޑުދޮށަށް ކުޅެލަން ނުދެވި ޕިކްނިކު ނުދެވި ރަށު ބަންދުގައި،" އެ ޓްވީޓުގައި ބުންޏެވެ.

ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ޝަކުވާތައް އޮއްސާލިއިރު، ޗުއްޓީ އަށް ގެނައި ބަދަލާ މެދު ހިތްހަމަޖެހިގެން ވާހަކަދެއްކިތަން ފެނުނީ ވަރަށް މަދު ބައެކެވެ.

ހަމީދު ސަހާ، މީގެ ދެ ތިން ދުވަސްކުރިން ފޭސްބުކްގައި ޖެހި ސްޓޭޓަސްގައި ބުނީ ދަރިން ލިބުނު ފަހުން ޓޫރިޒަމް ދާއިރާގައި ފާއިތުވި 14 އަހަރުން އެއް ފަހަރު ވެސް ނުލިބޭ ވަރަށް ދަރިން ކައިރީގައި ވަގުތު ހޭދަކުރަން ލިބުނު ހަމައެކަނި ފަހަރަކީ މިއީ ކަމަށެވެ.

"އެހެން ކޮންމެ އަހަރަކު ކުދިންނަށް ޗުއްޓީ ވާއިރު އަޅުގަނޑު ހުންނަން ޖެހެނީ ރިސޯޓުގަ އެވެ. ލިބެނީ އެންމެ ގިނަ ވެގެން ވެސް ހަ ވަރަކަށް ދުވަހެވެ. ސަބަބަކީ މަސައްކަތްކުރާ ޑިޕާޓްމަންޓްގައި ތިބޭ އެންމެން ދަރިންގެ ކަންކަމުގައި ފޮނުވަން ޖެހޭތީ އެންމެންނަށް ފުރުސަތު ދެވޭނެ ހަމައެކަނި ބަހާލައިގެން އެންމެންނަށް ލީވް ލިބޭނެ ގޮތް ހެދުން ކަމުގައި ވާތީ އެވެ،" ހަމީދު ބުންޏެވެ.

ފޭސްބުކްގައި 78،000 އަށްވުރެ ގިނަ މީހުން ލައިކް ދީފައިވާ އަދި މޯލްޑިވިއަން ސިސްޓަމް ނަމަކަށް ކިޔާ ޕޭޖް އަދި 112،825 މީހުން ފޮލޯކުރާ ދަ ލޮޖިކަލް މޯލްޑިވިއަން ޕޭޖުން ވެސް އާއްމުންގެ ހިޔާލު ހޯދަން ނެގި ވޯޓުން އެނގުނީ ސްކޫލްގެ ބޮޑު ޗުއްޓީ ދުވަސްވަރު ރަނގަޅު ނޫން ކަމަށެވެ. އެގޮތުން، މޯލްޑިވިއަން ސިސްޓަމްގެ ޕޯސްޓަށް 1،400 އަށްވުރެ ގިނަ މީހުން ވޯޓު ދިންއިރު، އޭގެ ތެރެއިން 1،200 އަށްވުރެ ގިނަ މީހުން ބުނީ ބޮޑު ޗުއްޓީގެ ބަދަލު ކަމުނުދާ ކަމަށެވެ.

އެކަން ކަމުދާ ކަމަށް ބުނީ 161 މީހުންނެވެ.

ދަ ލޮޖިކަލް މޯލްޑިވިއަންގެ ޕޯސްޓަށް 403 މީހުން ވޯޓު ދިނެވެ. އޭގެ ތެރެއިން 339 މީހުންނަށް ޖޫން/ޖުލައިގައި ބޮޑު ޗުއްޓީ ބާއްވަން ކަމުނުދާއިރު 63 މީހުންނަށް އެކަން ކަމުދެ އެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި (ކ-ވ) ޑެޕިއުޓީ މިނިސްޓަރު އިހުސާން، މިނިސްޓަރު އައިޝަތު އަލީ އަދި ޑެޕިއުޓީ މިނިސްޓަރު މުޖާޙިދު

މިއަދުގެ މީޑިއާ ބްރީފިންގައި (ކ-ވ) ޑެޕިއުޓީ މިނިސްޓަރު އިހުސާން، މިނިސްޓަރު އައިޝަތު އަލީ އަދި ޑެޕިއުޓީ މިނިސްޓަރު މުޖާޙިދު

ކޮވިޑު-19 ގެ ސަބަބުން ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދިއުމާއި ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިނުމަށް ސްކޫލް ބޮޑު ޗުއްޓީ ފެށޭ ދުވަސްވަރު ބަދަލުކުރަން މީގެ ކުރިން ވެސް މަޝްވަރާ ކުރި އެވެ. އެކަމަކު، ތައުލީމް ދާއިރާ އަށް އެ ބޮޑު ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީ އަށް އެންމެ ރަނގަޅު ފުރުސަތަކަށް ބަލިމަޑުކަމާ ގުޅިގެން ސްކޫލްތައް ބަންދުކުރި 2020 ވަނަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ކުރިން ވިދާޅުވީ އެކަޑެމިކް ކަލަންޑަރު ބަދަލުކުރުމުގެ ކުރިން މެޓް އޮފީހާ އެކު ފާއިތުވި ފަސް އަހަރުގެ މޫސުން ދިރާސާކުރި ކަމަށެވެ. މާޒީއަށް ބެލުމުން، ޖޫން/ޖުލައި މަހަކީ ރާއްޖެ އަށް ވިއްސާރަ ދުވަސްވަރެއް ކަމަށް ބުނެވެން ނެތް ކަމަށް އޭރު އޭނާ ވިދާޅުވި އެވެ.