Roadha Mihaaru
ރޭގެ ފޭރުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް

ރޭގެ ފޭރުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން އެ ކަންކަން ބަލަނީ

28 ޑިސެމްބަރ 2019

މާލޭގައި ރޭ މީހެއްގެ ވޮލެޓް ފޭރިގަތުމަށް އޭނާ އަށް ހަމަލާދީ ޒަހަމްކޮށްލި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަ ކުރެވުމުން، އިތުރަށް އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭގައި ރޭ މީހެއްގެ ވޮލެޓް ފޭރިގަތުމަށް އޭނާ އަށް ހަމަލާދީ ޒަހަމްކޮށްލި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަ ކުރެވުމުން، އިތުރަށް އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފޭރުމުގެ މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަ ކުރެވުނަސް އޭގެ ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ. ފުލުހުން ބުނީ ފޭރުމުގެ ތެރޭގައި އަނިޔާ ވީ ކުށުގެ ރެކޯޑް އޮންނަ މީހަކަށް ކަމަށެވެ.

"ތަހުގީގު ކުރިއަށް ދާތީ އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާ ކުރަމުން ދާނަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި ފޭރުން ހިންގި މީހާ ހައްޔަރުކުރި ކަމެއް އަދި ފުލުހުން ނުބުނެ އެވެ.

ފުލުހުން ރޭ ބުނިގޮތުގައި ކާނިވާ ސަރަހައްދުގައި ހަމަލާދީފައި ވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުންނެވެ.

އެ މީހާގެ އަތުގެ ކުޑަހުޅުން މަތިން 2-3 އިންޗިއެއްހާ ތަން ފުންކޮށް ކަފާލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.