Roadha Mihaaru
ނަދިއާ ވިޓޯމް: އެންމެ ހަގު އިނގިރޭސި މެމްބަރު

ނަދިއާ ވިޓޯމް: އެންމެ ހަގު އިނގިރޭސި މެމްބަރު

30 ޑިސެމްބަރ 2019

ނަދިއާ ވިޓޯމް ލަނޑުދަނޑި އަކީ މިއެވެ؛ ސިޔާސީ މައިދާނަށް ޒުވާން އަންހެނުން ނުކުތުމަށް ހިތްވަރު ދިނުމެވެ. ގައުމީ މައްސަލަތަކުގައި އަންހެނުންގެ އަޑު އުފުލެމެވެ، ހައްގުތައް ހޯދަން ވަކާލާތުކުރާ އަންހެނުންގެ އަޑު އިތުރުކޮށް، ވަރުގަދަ ކުރުމެވެ. އަންހެނުންނަކީ ބަލިކަށި އަދި ފިނޑި ބައެއް ނޫންކަން ދައްކުވައި ދިނުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނަދިއާ ވިޓޯމް ލަނޑުދަނޑި އަކީ މިއެވެ؛ ސިޔާސީ މައިދާނަށް ޒުވާން އަންހެނުން ނުކުތުމަށް ހިތްވަރު ދިނުމެވެ. ގައުމީ މައްސަލަތަކުގައި އަންހެނުންގެ އަޑު އުފުލެމެވެ، ހައްގުތައް ހޯދަން ވަކާލާތުކުރާ އަންހެނުންގެ އަޑު އިތުރުކޮށް، ވަރުގަދަ ކުރުމެވެ. އަންހެނުންނަކީ ބަލިކަށި އަދި ފިނޑި ބައެއް ނޫންކަން ދައްކުވައި ދިނުމެވެ.

މިއީ އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އެންމެ ހަގު މެމްބަރުގެ ވާހަކަ ތަކެވެ. އުމުރުން 23 އަހަރުގެ ނަދިއާ އަކީ މި މަހުގެ 12 ވަނަ ދުވަހު އިނގިރޭސި ވިލާތުގައި ބޭއްވި އާންމު އިންތިހާބު ކާމިޔާބުރި އަންހެނުންގެ ތެރެއިން އެކެކެވެ. ލޭބާ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އޭނާ ތަމްސީލު ކުރަނީ ނޮޓިމްހަމް އީސްޓެވެ.

އެންމެ ހަގު މެމްބަރުގެ ގޮތުގައި ނަދިއާ މި ފަހަރު ގާނޫނު ހަދާ މަޖިލީހުން ފުރުސަތު ހޯދުމާ އެކު، ގިނަ ބަޔަކު އޭނާ ސިފަކުރަނީ "ބޭބީ އޮފް ދަ ހައުސް" ގެ ގޮތުގަ އެވެ. އެކަމަކު، އޭނާގެ ވިސްނުމާއި އަޒުމް ދޮއްޓެވެ. ވިސްނުމާއި ފިކުރު ވެސް ވަރުގަދަ އެވެ. އެހެންވެ، ބަދަލުތަކަށް މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދު 2013 އިން ފެށިގެން ސިޔާސީ އެކި ކަހަލަ މަސައްކަތްތަކުގައި އުޅެމުން އަންނަ ނަދިއާ އަށް ބޮޑެވެ.

އޭނާ ބުނިގޮތުގައި ސިޔާސީ ދާއިރާ އިން ލިބުނު ވަރުގަދަ މަގާމުގެ ބޭނުން އޭނާ ހިފާނީ އަންހެނުންގެ މައްސަލަތަކާއި މުޅި ޖުމްލަކޮށް، އިނގިރޭސި ވިލާތުގައި ހުރި މައްސަލަތަކަށް ރިއާޔަތް ކޮށްގެންނެވެ.

"އަންހެނުންގެ ހައްގުތަކުން އިހުމާލު ކުރެވިފައި ނުވަތަ މުހިއްމުކަން ނުދެވި ހުރި ވަރަށް ގިނަ ކަންކަން އެބަހުރި. އަހަރެން އެ ކަންކަމަށް ވަކާލާތު ކުރާނަން،" ނަދިއާ ބުންޏެވެ. "ހާއްސަކޮށް އަންހެނުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ދޭން ޖެހޭ ސަމާލުކަން ބޮޑު."

އޭނާ ބުނީ ސިޔާސީ ދާއިރާ އަށް ނުކުތީ ވެސް ސިޔާސީ މަސައްކަތަކީ ގޮންޖެހުންތައް ބޮޑު، އުނދަގޫ ދާއިރާއެއްކަން ވެސް އެނގި ހުރެ އެވެ.

"ވަރަށް ގިނަ ފަހަރަށް ސިޔާސީ ދާއިރާ އަށް އަންހެނުން ނުނިކުންނަ ނުވަތަ މި ދާއިރާ ދޫކޮށްލާ ސަބަބުތަކުގެ ތެރޭގައި އެބަހުރި ކުރިމަތިވާ އެކި ކަހަލަ ފިއްތުންތަކާއި ފިރިހެނުންގެ ނުފޫޒާއި ބާރު ގަދަވުމާއި ސޯޝަލް މީޑިއާ އިން ކުރިމަތިވާ ޕްރެޝަރުތައް ވެސް" ނަދިއާ ބުންޏެވެ. "އެކަމަކު އެއީ އަހަރެމެން އަންހެނުން ފަހަތަށް ޖެހި އަޑު މަޑުކުރަން ޖެހޭ ސަބަބެއް ނޫން."

އޭނާ ބުނިގޮތުގައި ސިޔާސީ މައިދާނަށް ނުކުތުމާ އެކު ދިިރިއުޅުމަށް ބޮޑެތި ބަދަލުތައް ވެސް ވަނީ އައިސްފަ އެވެ. ނަމަވެސް ކުރިމަގުގައި ވެސް ބަލާނީ ހަމަ އާދައިގެ ދިރިއުޅުމެއް އުޅެވޭތޯ ކަމަށް ބުންޏެވެ.

"އެންމެ މުހިއްމު އެއް ކަމަކަށް ވާނެ އަހަރެންގެ ދާއިރާގެ ރައްޔިތުންނާ ވީހާ ވެސް ގިނައިން ބައްދަލުކޮށް އެ މީހުންގެ ވާހަކަތައް އަޑުއަހައި، އެ މީހުންގެ ހައްގުގައި ވަކާލާތުކުރުން،" ނަދިއާ ބުންޏެވެ. "އެ ޒިންމާ އަކީ އަހަރެންގެ ކޮނޑުގައި މި ވަގުތު އެޅިފައި އޮތް އެންމެ ބޮޑު ޒިންމާ."

އޭނާ ބުނީ ނޮޓިހަމް އީސްޓަށް މިހާރު އެންމެ ބޮޑު އެއް މައްސަލަ އަކީ އާންމުންގެ ދިރިއުޅުމުގެ ހާލަތު ދަށްވުން ކަމަށެވެ. އޭގެ ތެރޭގައި ބަނޑުހައިހޫނުކަމުގެ މައްސަލަ ހިމެނެ އެވެ. އެހެންވެ އެއީ އަންނަ އަހަރު ވަރަށް ބޮޑަށް ފޯކަސް ކުރާނެ ކަމެއް ކަމަށް ބުންޏެވެ.

"އަދި ހަމައެއާ އެކު މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކަކީ ވެސް އަހަރެމެން ވަރަށް ކަންބޮޑުވާ މައްސަލައެއް. އެހެންވީމާ މިފަދަ އިޝޫތަކާ އެކު ސަރުކާރު ޒިންމާދާރު ކުރުވަން އަހަރެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން." ނަދިއާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ކުރިއަށް އޮތް ތަނުގައި ލޭބާ ޕާޓީގެ ލީޑަރެއްގެ ގޮތުގައި އަންހެނަކު ފެނުމަކީ ވެސް ވަރަށް އުންމީދު ކުރެވޭ ކަމެކެވެ. އަދި ޖިންސީ ތަފާތުކުރުންތަކާއި ނަސްލީ ތަފާތުކުރުންތަކާއި ވަކި ކުލައެއްގެ މީހަކަށް ވުމާއި ވަކި ދީނަކަށް ތަބާވާ މީހަކަށް ވުމުން ކުރާ ތަފާތުތަކަކީ އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެ ކަންކަމެއް ނޫނެވެ.

"މިއީ ހަމަ މުޅިން ވެސް އަހަރެމެންގެ ކުރިމަތީގައި ހުރި ބޮޑެތި މައްސަލަތައް." ނަދިއާ ބުންޏެވެ.