Roadha Mihaaru
ޕެޑުން ޓެކްސް ނުނަގަން ގިނަ މެމްބަރުން ތާއީދު

ޕެޑުން ޓެކްސް ނުނަގަން ގިނަ މެމްބަރުން ތާއީދު

28 ނޮވެމްބަރ 2018

އަންހެނުން ބޭނުންކުރާ ޕެޑުން ޓެކްސް ނެގުން އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ތާއީދު ކުރައްވައި، ޕެޑުން ޓެކްސް ނެގުން އުވައިލުމަށް، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމާ ބެހޭ ގާނޫނު އިސްލާހު ކުރަން ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންހެނުން ބޭނުންކުރާ ޕެޑުން ޓެކްސް ނެގުން އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ތާއީދު ކުރައްވައި، ޕެޑުން ޓެކްސް ނެގުން އުވައިލުމަށް، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމާ ބެހޭ ގާނޫނު އިސްލާހު ކުރަން ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މައްސަރު ކަންތައް ޖެހުމުން ބޭނުން ކުރާ ޕެޑަކީ އަސާސީ އެއްޗެއް ކަމަށް، ޖީއެސްޓީ ނަގާ އިރު ނުބަލަ އެވެ. އެހެންވެ، އާއްމު ރޭޓުން ހަ ޕަސެންޓުގެ ޖީއެސްޓީއެއް ޕެޑުން މިހާރު ނަގަ އެވެ.

ޕެޑުން ޓެކްސް ނެގުން އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވެވަޑައިގެންނެވި ވައުދެކެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންތައްތަކުގައި ޕެޑުން ޓެކްސް ނެގުން އުވައިލުން ހިމަނާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ ޕެޑުން ޓެކްސް އުވައިލަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޓެކްސް ކަނޑައިލުމުން، ފިހާރަތަކުން ޕެޑްގެ އަގު ހެޔޮ ކުރަން ޖެހޭނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ. ބައެއް މެމްބަރުން ވަނީ ޕެޑްގެ އަގު ހެޔޮ ކުރޭތޯ މޮނިޓާ ކުރުމަށް ވެސް ސަރުކާރަށް ގޮވާލައިފަ އެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްބާރީ އަބްދުﷲ ބިލް ހުށަހެޅުއްވުމަށް ފަހު ވިދާޅުވީ ޕެޑުން ޓެކްސް ނަގާތީ އާންމުންގެ ގިނަ ޝަކުވާތަކެއް ހުރި ކަމަށެވެ. ބިލް ހުށަހެޅުއްވީ ޕެޑުން ޓެކްސް އުވައިލަން ގިނަ ބަޔަކު އެދެމުންދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ހަމައެކަނި ޕެޑުން ޓެކްސް އުވައިލުމުގެ ބަދަލުގައި ރައްޔިތުންގެ އަސާސީ ކަންކަމުން ވެސް ޓެކްސް އުވައިލަން ޖެހޭ ކަމަށެވެ. އަދި މި ކަންކަން ކުރާ އިރު، ދައުލަތުގެ އާމްދަނީ އަށް ބުރަވާނެތޯ ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ބައިވަރު. އަޅުގަނޑުމެން ހުށަހަޅާފައި އޮތީ 30 ބިލިއަންގެ ބަޖެޓެއް. އެހެންވެ، ދައުލަތަށް އާމްދަނީ ހޯދޭނެ ގޮތެއް ވެސް ވިސްނަން ޖެހޭ،" ޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕެޑުން ނަގާ ޓެކްސް އުވައިލުމުގެ ސަބަބުން އާއިލާތަކަށް ލިބޭނީ ލުޔެކެވެ. އެ ޓެކްސް އުވައިލުމަކީ ވަގުތުން ވަގުތަށް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބިލެތްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަހުމަދު މުބީން ވިދާޅުވީ ޕެޑުން ޓެކްސް ނެގުން ނިމުމަކަށް އައުމަކީ ހަމައެކަނި އަންހެނުންނަށް ލިބޭނެ އުފަލެއް ނޫން ކަމަށެވެ. އެއީ މުޅި އާއިލާ އަށް ވެސް ލިބޭނެ އުފަލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މުބީން ވިދާޅުވި އެވެ.

ރާއްޖޭގައި ޓެކްސް ކަނޑާލިޔަސް، ރައްޔިތުންގެ ޖީބަށް ލުޔެއް ނުލިބެނީ ފިހާރަތަކުން ޕެޑް ވިއްކާ އަގުތަކަށް ބަދަލު ނުގެންނާތީ ކަމަށް މުބީން ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގައި ވިއްކާ، ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ ތަކެތި ވިއްކޭނެ އެންމެ ބޮޑު އަގެއް ކަނޑައަޅަން ޖެހޭނެ ކަމަށާއި އެ ނޫން ނަމަ ހެޔޮ ބަދަލެއް ނާންނާނެ ކަމަށް ވެސް މުބީން ވިދާޅުވި އެވެ.

ޕެޑުން ޓެކްސް ނެގުން ހުއްޓާލުމަށް ގޮވާލައި 2016 ވަނަ އަހަރު ސޯޝަލް މީޑިއާގައި #Massarutax" ނަމުގައި ކެމްޕެއިނެއް ފެށި އެވެ. އަދި އެކަމަކާ ދެކޮޅަށް ބަޔަކު އިސް ނަގައިގެން އޮންލައިން ޕެޓިޝަނެއް ވެސް ހަދާފައި ވެ އެވެ. ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުން ވަނީ އަންހެނުން ބޭނުން ކުރާ އަސާސީ ބައެއް އެއްޗެހިން ޓެކްސް ނެގުން ހުއްޓާލައިފަ އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް މިއަދު ބަލައިގަތީ ވޯޓުގައި ބައިވެރިވި 65 މެމްބަރުންގެ އިއްތިފާގުންނެވެ.