Roadha Mihaaru
ލިވަޕޫލް ލީޑު ދަމަހައްޓައިފި، ވީއޭއާރްގެ ޝަކުވާތަކެއް

ލިވަޕޫލް ލީޑު ދަމަހައްޓައިފި، ވީއޭއާރްގެ ޝަކުވާތަކެއް

30 ޑިސެމްބަރ 2019

ލިވަޕޫލް (ޑިސެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވުލްވްސް އަތުން 1-0 އިން މޮޅުވެ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން ލީޑުދެމެހެއްޓިއިރު، ރޭގެ މެޗުތަކަށް ފަހު ވެސް ޓީމުތަކުގެ ކޯޗުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރާ ގޮތާމެދު އަނެއްކާ ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (ޑިސެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވުލްވްސް އަތުން 1-0 އިން މޮޅުވެ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން ލީޑުދެމެހެއްޓިއިރު، ރޭގެ މެޗުތަކަށް ފަހު ވެސް ޓީމުތަކުގެ ކޯޗުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރާ ގޮތާމެދު އަނެއްކާ ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ލިވަޕޫލް އެއް ވަނައިގައި އޮތީ 19 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 20 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، މެންޗެސްޓާ ސިޓީ ވަނީ ރޭ 2-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް 20 މެޗުން 41 ޕޮއިންޓް ހޯދައިފަ އެވެ. ރޭ ފަހަތުން އަރައި 2-1 އިން އާސެނަލް ބަލިކޮށް ޗެލްސީން ވަނީ ހަތަރު ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއްނަގައިފަ އެވެ. ޗެލްސީ އަށް ވަނީ 20 މެޗުން 35 ޕޮއިންޓް ލިބިފަ އެވެ.

ލިވަޕޫލް މެޗުގައި ފެނުނު ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ސަޑިއޯ މާނޭ އެވެ. މެޗުގެ 42 ވަނަ މިނިޓްގައި މާނޭ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެޑަމް ލަލާނާ އެވެ. އެ ބޯޅަ ލަލާނާ އަތުގައި ޖެހުނު ކަަމަށް ވުލްވްސް ކުޅުންތެރިން އެޕީލްކުރި އެވެ. ވީއޭއާރުން ބެލުމަށް ފަހު އެ ބޯޅަ ޖެހުނީ ލަލާނާ ކޮނޑުގައި ކަމަށް ވެލުމަށް ފަހު މާނޭ ޖެހި ގޯލު ރަނގަޅު ކަމަށް ނިންމި އެވެ. އޭގެ އިރުކޮޅެއް ފަހުން ވުލްވްސްގެ ޕެޑްރޯ ނެޓޯ ޖެހި ލަނޑު ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު ގަބޫލުނުކުރަން ނިންމީ އެޓޭކް ފެށިއިރު ޖޯނީ އޮޓޯ އޮފްސައިޑް ކަމަށް ބެލުމަށް ފަހު އެވެ.

ވުލްވްސްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނީ ވީއޭއާރް އިން ބަލާ ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް ހުންނަނީ އެކި ފަހަރު އެކި ގޮތަށް ނިންމާތީ ކަމަށެވެ. އަދި ލިވަޕޫލުން ގޯލު ޖެހިއިރު ބަލަން ޖެހޭނީ އެޓޭކް ފެށި ހިސާބުން ކަމަށާއި އެ ގޮތަށް ބަލާއިރު މާނޭ ޖެހި ގޯލު ފެށީ ވާޖިލް ވެން ޑައިކް އަތުން ކޮންޓްރޯލް ކުރި ބޯޅައަކުންކަން އެނގޭ ކަމަށެވެ.

ރޭ އާސެނަލްގެ ގޯލަށް ޗެލްސީގެ ޓެމީ އަބްރަހަމް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ

ރޭ އާސެނަލްގެ ގޯލަށް ޗެލްސީގެ ޓެމީ އަބްރަހަމް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ

"ހުރިހާ ރެފްރީން އެއްގޮތަކަށް ނިންމާނަމަ ރަނގަޅުވާނެ. ތަފާތުތަކެއް ހުރުން މައްސަލައަކީ،" ނޫނޯ ބުންޏެވެ.

ޝެފީލްޑުން ރޭ ސިޓީ ދަނޑުގައި ލީސް މޫސޭގެ ލަނޑުން ލީޑުނެގި ނަމަވެސް ވީއޭއާރުން ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމައިފަ އެވެ. ޝެފީލްޑްގެ ކޯޗު ކްރިސް ވައިލްޑާ ބުނީ ވީއޭއާރުން އެ ޓީމުގެ ގޯލާ މެދު ނިންމި ގޮތެއްގެ ވާހަކަ ދެއްކުމަށް ވުރެ އެ ބޭނުންކުރާ އުސޫލު ރިވިއުކޮށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

ދެ ވަނަ ހާފުގައި ސިޓީގެ ފުރަތަމަ ލަނޑު ސާޖިއޯ އަގުއޭރޯ ޖެހީ ކެވިން ޑިބްރޭނާ ދިން ބޯޅައަކުންނެވެ. ދެ ވަނަ ލަނޑު ޖެހީ ޑިބްރޭނާ އެވެ. މިއީ ސިޓީގެ ކޯޗުކަމުގައި ހުރެ ގާޑިއޯލާ ލީގުގައި ހޯދި 100 ވަނަ މޮޅެވެ. އޭނާ އެކަން ހާސިލްކުރީ 134 މެޗުންނެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވެސް ވަނީ ވީއޭއާރާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އާޓެޓާ ނުރުހުނީ ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ އަށް ދެ ވަނަ ރީނދޫ ކާޑެއް ދައްކަން ޖެހޭ ފައުލެއްގައި ކާޑު ނުދައްކާ ދޫކޮށްލުމުންނެވެ. ޕިއޭ އެމެރިކް އޮބާމަޔަން ޖެހި ގޯލުން އާސެނަލް ލީޑުނަގާފައިވަނިކޮށް ޗެލްސީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު ވަގުތުގަ އެވެ. އާސެނަލްގެ ކީޕަރު ބާން ލޭނޯ ހެދި ގޯހެއްގެ ފައިދާ ނަގައި މެޗުގެ 83 ވަނަ މިނިޓްގައި އެއްވަރުކުރީ ޖޯޖީނިއޯ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ޗެލްސީ މޮޅުކޮށްދިން ލަނޑު ޖެހީ ޓެމީ އަބްރަހަމް އެވެ.