Roadha Mihaaru
ފުލުހުން ވަނުމުން ބަނގުރާ ފުޅިތައް އުކާލީ މަގުމައްޗަށް

ފުލުހުން ވަނުމުން ބަނގުރާ ފުޅިތައް އުކާލީ މަގުމައްޗަށް

31 ޑިސެމްބަރ 2019

ކޯޓު އަމުރަކާ އެކު، މާލޭގެ ގެއެއް ފާސްކުރަން ފުލުހުން މިރޭ ވަނުމާ އެކު، އެ ގޭގެ ބެލްކަނިން މަގުމައްޗަށް ބަނގުރާފުޅިތަކެއް އުކާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޯޓު އަމުރަކާ އެކު، މާލޭގެ ގެއެއް ފާސްކުރަން ފުލުހުން މިރޭ ވަނުމާ އެކު، އެ ގޭގެ ބެލްކަނިން މަގުމައްޗަށް ބަނގުރާފުޅިތަކެއް އުކާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މާފަންނުގައި ހުރި އެ ގެ އަށް މިރޭ 7:22 ހާއިރު ފުލުހުން ވަނީ ލިބުނު އިންޓެލް މައުލޫމާތުތަކާ ގުޅިގެން، އެ ގެ ފާސްކުރުމަށެވެ. އެ ވަގުތު، ބެލްކަނީގައި ހުރި މީހަކު ވަނީ ބަނގުރާ ފުޅިތައް މަގުމައްޗަށް އުކާލާފައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ ގެ ބަލައި ފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކާ އެކު ހަތަރު ފިރިހެނަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. އަދި ދެ ދަޅު ބަނގުރަލާއި ބަނގުރާ ފުޅިއަކާއި މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ދެ ތެޔޮ ޕީސްގެ އިތުރުން ފަސް ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން ބުނެ އެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ އެކު ހަތަރު ފިރިހެނަކު ހައްޔަރުކުރިއިރު ފުލުހުން ވަނީ އާ އަހަރާ ދިމާކޮށް ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު، ޝައްކު ކުރެވޭ ތަންތަން ފާސްކޮށް، ޝައްކު ކުރެވޭ މީހުންނާ ސުވާލުކޮށް އަދި މަގުމަތީގައި ޓްރެފިކް ބެލެހެއްޓުން ކުރިއަށް ވުރެ ވަނީ ވަރުގަދަ ކޮށްފަ އެވެ.

މާލޭގައި ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގެ ތަކެއް ދާދި ފަހުން ފުލުހުން ވަނީ ފާސްކޮށް ގިނަ ބަޔަކު ހައްޔަރު ކޮށްފަ އެވެ.