Roadha Mihaaru
އާ އަހަރުގެ އޮޕަރޭޝަން: 64 މީހަކު ހައްޔަރުކުރި

އާ އަހަރުގެ އޮޕަރޭޝަން: 64 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި

01 ޖެނުއަރީ 2020

އާ އަހަރާ ގުޅުވައިގެން ފުލުހުން އިއްޔެ އާއި ރޭ ހިންގި ހާއްސަ އޮޕަރޭޝަނުގައި ރާއްޖޭގެ އެކި ރަށްރަށުން 64 އަށް ވުރެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އާ އަހަރާ ގުޅުވައިގެން ފުލުހުން އިއްޔެ އާއި ރޭ ހިންގި ހާއްސަ އޮޕަރޭޝަނުގައި ރާއްޖޭގެ އެކި ރަށްރަށުން 64 އަށް ވުރެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި އެންމެ ގިނަ މީހުން ހައްޔަރުކުރީ ބަނގުރާ ބޭނުން ކޮށްގެންނާއި މަގުމަތީގެ އާއްމު ހަމަޖެހުން ނަގާލަން އުޅުނުކަމުގެ ތުހުމަތުގަ އެވެ.

ފުލުހުން މިހާތަނަށް އާއްމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން އެންމެ ގިނަ ބަޔަކު ހައްޔަރު ކުރީ ޏ. ފުވައްމުލަކުންނެވެ. އެ ރަށުން ޖުމްލަ 23 މީހުން ހައްޔަރުކުރި އެވެ.

އެ ރަށުގެ ހަތަރު ގެއަކުން ބަނގުރާ ކައްކަން ބޭނުން ކުރާ ސާމާނު ފެނުނު އިރު، އެ ގެތަކުން، މަސްތުގެ ހާލަތުގައި ތިބި ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނިގޮތުގައި އެ މީހުން ވަނީ، 500 އެމްއެލްގެ 14 ފުޅި ބަނގުރާ ތައްޔާރުކޮށްފަ އެވެ.

އާއްމު މަސްލަހަތު ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި ފުވައްމުލަކުން ވަނީ 18 މީހަކު ހައްޔަރުކޮށްފަ އެވެ.

އާ އަހަރާ ދިމާކޮށް ހިންގަފާނެ ކުށްތައް ބަލައި އެކަން ހުއްޓުވުމަށް ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އެކި މީހުން ހުއްޓުވައި ބަލާ ފާސްކޮށްފައި ވެ އެވެ.

އޮޕަރޭޝަނުގެ ތަފާސް ހިސާބު

- މާލޭން 19 މީހުން ހައްޔަރު ކުރި އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ

- ސ. ހިތަދޫ ވަލު ތެރޭގައި އާއި ފަޅުގެތަކުގައި ބަނގުރާ ކައްކަން ތައްޔާރުކޮށްފައި ހުއްޓާ ފުލުހުން ހޯދި. އަދި އެތަންތަނުން ކައްކާފައި ހުރި ބަނގުރާ ފެނިފައިވޭ. އާއްމު ހަމަނުޖެހުން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި 13 މީހަކު ހައްޔަރު ކުރި އިރު، ފިހާރައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކުރި

ސ. ހިތަދޫން ހޯދި ބަނގުރާ ކެއްކުމަށް ބޭނުން ކުރި ސާމާނުތަކެއް

ސ. ހިތަދޫން ހޯދި ބަނގުރާ ކެއްކުމަށް ބޭނުން ކުރި ސާމާނުތަކެއް

- މަސްތުގެ ހާލަތުގައި ހުރި އެކަކު ރ. މީދުއިން ހައްޔަރުކުރި

- ށ. ޅައިމަގުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމުގައި ފަސް ގެއެއް ބަލާ ފާސްކޮށް، ތިން މީހަކު ހައްޔަރުކުރި. އެ ގެތަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދި

- ށ. ފުނަދޫ އުތުރުފަރާތު ވަލު ތެރޭގައި ބަނގުރާ ބޯން ތިބި ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނުގައި އެތަނުން އެކަކު ހައްޔަރު ކުރި. އަނެއް ދެ މީހުން ތިބީ އެ ސަރަހައްދު އަތިރިމަތީގައި ބަނގުރާބޮއި މަސްތުވެގެން، އެ މިީހުންގެ އަތުން ބަނގުރާ އަޅާފައި ހުރި ހަތަރު ފުޅި ވަނީ ފެނިފައި

- މަސްތުވާތަކެއްޗާއެކު ގދ. ތިނަދޫން 39 އަހަރުގެ މީހަކު ހައްޔަރު ކުރި.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މާލެއިން 500 އަށް ވުރެ ގިނަ މީހުން ހުއްޓުވައި ސުވާލު ކުރި އެވެ. އޭގެ ތެރެއިން 350 މީހުންގެ ކުށުގެ ރެކޯޑް އޮވެ އެވެ. އަދި 900 އަށް ވުރެ ގިނަ އުޅަނދު ފުލުހުން ވަނީ ބަލާ ފާސްކޮށްފަ އެވެ.