Roadha Mihaaru
ސާވިސް ޗާޖަށް ވަކި ވަރެއް ނަގާކަށް ނޯވޭ: އެންބީއޭއެމް

ސާވިސް ޗާޖަށް ވަކި ވަރެއް ނަގާކަށް ނޯވޭ، ގަވާއިދު ޖެހޭނީ ހަރުދަނާކުރަން: އެންބީއޭއެމް

03 ޖެނުއަރީ 2020

ޓޫރިޒަމް ދާއިރާގެ ސާވިސް ޗާޖަށް ނަގާނެ ވަކި ވަރެއް ގަވާއިދުގައި ކަނޑައަޅާފައި ނުވާ ކަމަށާއި އެހެންކަމުން ގަވާއިދު ޖެހޭނީ އެގޮތަށް ހަރުދަނާކުރަން ކަމަށް، ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓޫރިޒަމް ދާއިރާގެ ސާވިސް ޗާޖަށް ނަގާނެ ވަކި ވަރެއް ގަވާއިދުގައި ކަނޑައަޅާފައި ނުވާ ކަމަށާއި އެހެންކަމުން ގަވާއިދު ޖެހޭނީ އެގޮތަށް ހަރުދަނާކުރަން ކަމަށް، ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން މިއަދު ބުނެފި އެވެ.

އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިގްނާޒް އަލީ ވިދާޅުވީ މިހާރު އޮތް ގަވާއިދުގައި ބުނަނީ ސާވިސް ޗާޖު ނަގައިފިއްޔާ ދޭން ކަމަށެވެ. ނަގާނެ ވަކި ވަރެއް ކަނޑައަޅާފައި ނުވާ ކަމަށާއި، އެހެންކަމުން ވަކި ވަރެއް ނުލިބިގެން ހަޅުތާލުކުރަން އަދި ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސާވިސް ޗާޖް ވަކި ވަރަކަށް ނަގާކަށް ނޯވޭ. އޮންނަނީ ނަގައިފިއްޔާ ދޭން. އެ ގަވައިދު ބަދަލުކޮށް ހަރުދަނާ ކުރަން ޓޫރިޒަމް މިިނިސްޓްރީން މަސައްކަތްކުރާކަން އަޅުގަނޑުމެންނަށް އޮތީ އެނގިފައި،" އިގްނާޒް ވިދާޅުވި އެވެ.

އެންބީއޭއެމުން ވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މަސައްކަތަށް ތައުރީފްކޮށްފަ އެވެ. އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި އެއް އަހަރުގެ ތެރޭގައި އޭނާ ކުރެއްވި މަސައްކަތްތަކުން ޓޫރިޒަމް ދާއިރާ ހަރުދަނާވެފައިވާ ކަމަށެވެ.

"އިންވެސްޓަރުންނާއި ޓޫރިސްޓުން އަދި ދިވެހި ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބިފައިވާ އިންޑަސްޓްރީއަކަށް ޓޫރިޒަމް އިންޑަސްޓްރީ ވެފައިވާ" ކަމަށް ވެސް އެ މަޖިއްޔާ އިން ބުންޏެވެ.

އެކަމުގެ "ފޮނިމީރުކަން ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް މިއަދު ލިބެމުން ދާކަން އުފަލާ އެކު ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.

ސަފާރީތަކުގެ ޓޫރިޒަމްއާ ބެހޭ ހާއްސަ ޖަމިއްޔާގެ ބަޔާން މި އައީ ސާވިސް ޗާޖާއި ރިސޯޓްތަކުގައި ދިވެހިންނަށް ވަޒީފާ ލިބޭ މިންވަރާ ބެހޭ ގޮތުން ދާދި ފަހުން އަލީ ވަހީދު ދެއްކެވި ވާހަކައަކާ ގުޅިގެން، ރިސޯޓްތަކުގެ މުވައްޒަފުންގެ ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެންބީއޭއެމުން ބުނީ ސާވިސް ޗާޖްގެ މައްސަލައަށް ހައްލެއް ހޯދަން އަލީ ވަހީދާއި ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ޓޫރިޒަމަށް ނުބައި އަސަރެއް ކުރާ ފަދަ އެއްވެސް ކަމެއް ނުކުރަން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް އެންބީއޭއެމުން ވަނީ ގޮވާލައިފަ އެވެ.

އިގުނާޒް ވިދާޅުވީ ސާވިސް ޗާޖްގެ މައްސަލައިގައި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ބާރު އަޅައިގެން، ހަޅުތާލު ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރޭތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

"މިއީ ރާއްޖޭގެ ޓޫރިޒަމްގެ ވިޔަފާރި އެންމެ ރަނގަޅު ދުވަސްވަރު. ހުރިހާ ރިސޯޓްތަކާއި ސަފާރީތަކުގެ ވިޔަފާރި ވެސް ރަނގަޅު. މިކަހަލަ ދުވަސްވަރެއްގައި ހަޅުތާލެއް ކޮށްފިއްޔާ އޭގެ ނުބައި އަސަރު ކުރާނެ މުޅި އިންޑަސްޓްރީއަށް،" އޭނާ ވިދާޅުވި އެވެ.

އެންބީއޭއެމްގެ ބަޔާނުގައި ބުނީ ހައްގު މިންވަރު ހޯދަން ކުރާ މަސައްކަތުގައި "އިންތައް ފަހަނައަޅައި ނުދިއުމަށެ"ވެ.

"ވަޒީފާ ދޭ ފަރާތާއި ވަޒީފާ ލިބޭ ފަރާތުން ކުރެ އެއްވެސް ފަރާތެއްގެ ހައްގަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ނުކުރުމަށާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިހުތިރާމާ އެކު އަމަލްކުރުމަށް އިލްތިމާސްކުރަމެވެ،" ބަޔާނުގައިވެ އެވެ.

އެޑިޓަރުގެ ނޯޓު

މި ހަބަރު ފުރަތަމަ ޖެހި އިރު "ސާވިސް ޗާޖަށް ވަކި ވަރެއް ދޭން ކަނޑައަޅާފައި ނުވާ ކަމަށް"، އިގުޒާނާ ހަވާލާ ދީ ލިއެވުނީ އޮޅުމަކުންނެވެ. އޭނާ ވިދާޅުވެފައި ވަނީ ސާވިސް ޗާޖު ނަގާނެ ވަކި ވަރެއް ކަނޑައަޅާފައި ނޯންނަ ކަމަށެވެ. އެކަމަކު ނަގައިފިއްޔާ މުވައްޒަފުންނަށް އެ ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ފުރަތަމަ މި ޚަބަރު ޖެހި އިރު އެގޮތަށް ލިއެވުނު ކަމަށްޓަކައި މައާފަށް އެދެމެވެ.