Roadha Mihaaru
ރިޒް ކާލްޓަންގެ ކޮންމެ މުވައްޒަފަކަށް 70،000ރ.

ސާވިސް ޗާޖުގެ ކުރީގައި ރިޒް ކާލްޓަން؛ މީހަކަށް 70،000ރ.

26 ޖެނުއަރީ 2023

ރިޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސްގެ ކޮންމެ މުވައްޒަފަކަށް މި މަހު ސާވިސް ޗާޖުގެ ގޮތުގައި 4،500 ޑޮލަރު (70،000ރ.) ދޭން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރިޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސްގެ ކޮންމެ މުވައްޒަފަކަށް މި މަހު ސާވިސް ޗާޖުގެ ގޮތުގައި 4،500 ޑޮލަރު (70،000ރ.) ދޭން ނިންމައިފި އެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް އެންމެ ބޮޑު ސާވިސް ޗާޖެއް އާންމުކޮށް ލިބެނީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހު އެވެ. މި މަހު ހުރިހާ ރިސޯޓްތަކަކުން ވެސް ބޮޑު ސާވިސް ޗާޖެއް މުވައްޒަފުންނަށް ދީފައި ވާއިރު ރިޒް ކާލްޓަން އިން ދިން އަދަދަކީ މިހާތަނަށް ރިސޯޓަކުން ސާވިސް ޗާޖުގެ ގޮތުގައި ދިން އެންމެ ބޮޑު އެއް އަދަދެވެ.

ރިސޯޓު މުވައްޒަފުން ހިންގާ ރިސޯޓް ވޯކާސް މޯލްޑްސް ފޭސްބުކް ޕޭޖުގައި އާންމުކުރާ ސާވިސް ޗާޖުގެ ލިސްޓުގެ އެންމެ ކުރީގައި ވެސް އޮތީ ރިޒް ކާލްޓަނެވެ. ޖެނުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ވޮލްޑޯފް އެސްޓޯރިއާ އިތާފުއްޓާއި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓު ފަދަ ތަންތަނުން ވެސް ސާވިސް ޗާޖުގެ ގޮތުގައި 3،000 ޑޮލަރަށް ވުރެ މަތިން މިފަހަރު ވަނީ ދީފަ އެވެ.

ރިޒް ކާލްޓަންގައި 750 މުވައްޒަފުން އުޅެ އެވެ. އެހެންވެ މި ރޭޓުން ބަލައިފި ނަމަ ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި އެ ރިސޯޓުން 3.3 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ހޭދަކުރާނެ އެވެ.

ރިޒް ކާލްޓަންގެ ވިލާއެއްގެ ޕޫލް އޭރިއާ: އެ ރިސޯޓުން މި މަހު ވަނީ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 70،000ރ. ދީފައި--ފޮޓޯ:މިހާރު

ރިޒް ކާލްޓަންގެ ވިލާއެއްގެ ޕޫލް އޭރިއާ: އެ ރިސޯޓުން މި މަހު ވަނީ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 70،000ރ. ދީފައި--ފޮޓޯ:މިހާރު

ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ތަނަކުން އެ ކުންފުންޏަކަށް އެ މަހަކު ލިބުނު އާމްދަނީގެ 10 ޕަސެންޓު ސާވިސް ޗާޖުގެ ގޮތުގައި ނެގުން ގާނޫނީ ގޮތުން ވަނީ މަޖުބޫރުކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.

ރިޒް ކާލްޓަން އިން މި މަހު ދިން ސާވިސް ޗާޖަކީ މިދިޔަ އަހަރު ޖެނުއަރީ މަހުގެ އެންމެ ބޮޑު ސާވިސް ޗާޖު ދިން ވެލާ ރިސޯޓުން ދިން އަދަދަށް ވުރެ ގާތްގަނޑަކަށް 1،000 ޑޮލަރު ބޮޑު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެލާ އިން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ދިނީ 3،600 ޑޮލަރު (56،000ރ.) އެވެ. މިއީ އެ އަހަރު ރިޒް ކާލްޓަނުން މުވައްޒަފުންނަށް ދިން ސާވިސް ޗާޖާ އަޅާބަލާ އިރު 1،200 ޑޮލަރު (18،500ރ.) އިތުރު އަދަދެކެވެ. މިދިޔަ އަހަރު ރިޒް ކާލްޓަނުން ޖެނުއަރީ މަހު މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދިނީ 3،300 ޑޮލަރު (50،000ރ.) އެވެ.

ރިޒް ކާލްޓަން ރިސޯޓު. އެރިސޯޓުގައި 100 ވިލާ ހުރޭ--ފޮޓޯ:ރިޒް ކާލްޓަން

ރިޒް ކާލްޓަން ރިސޯޓު. އެރިސޯޓުގައި 100 ވިލާ ހުރޭ--ފޮޓޯ:ރިޒް ކާލްޓަން

ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިސްޓް ހޮޓެލް ގްރޫޕް، ރިޒް ކާލްޓަން އިން ރާއްޖޭގައި ރިސޯޓު ހުޅުވީ 2021 ވަނަ އަހަރުގެ މެދުތެރޭގަ އެވެ. އެ ރިސޯޓުގައި ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުން ޗުއްޓީ ހޭދަކޮށްލަން 100 ވިލާ ހުރެ އެވެ. އޭގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ވެސް ހިމެނެ އެވެ. މިދިޔަ އަހަރު ވެސް ގިނަ މަސް މަހު އެންމެ ބޮޑު ސާވިސް ޗާޖު ދިން ރިސޯޓުތަކުގެ އެންމެ ކުރީގައި އޮތީގައި ރިޒް ކާލްޓަން އެވެ.

ރިޒް ކާލްޓަން. އެ ރިސޯޓުގެ ރޫމެއްގެ ބައެއް. އެ ރިސޯޓުގައި 750 މުވައްޒަފުން މަސައްކަތް ކުރޭ--ފޮޓޯ:ރިޒް ކާލްޓަން

ރިޒް ކާލްޓަން. އެ ރިސޯޓުގެ ރޫމެއްގެ ބައެއް. އެ ރިސޯޓުގައި 750 މުވައްޒަފުން މަސައްކަތް ކުރޭ--ފޮޓޯ:ރިޒް ކާލްޓަން

އެ ރިސޯޓުން މިދޔަ އަހަރު ވެސް އެވްރެޖުކޮށް ކޮންމެ މަހަކު، 1،500 ޑޮލަރު (23،000ރ.) ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދީފައިވެ އެވެ.

ރިޒް ކާލްޓަންގެ އިތުރުން ރާއްޖޭގައި އެންމެ ބޮޑު ސާވިސް ޗާޖެއް ދެމުން އަންނަނީ ވެލާ އާއި ނޯޓިލަސް މޯލްޑިވްސް އާއި ޝެވަލް ބްލަންކް ރަންދެލި އާއި ވޮލްޑޯފް އެސްޓޯރިއާ އިތާފުއްޓާއި ވަން އެންޑް އޮންލީ ރީތި ރަށުންނެވެ.