Roadha Mihaaru
ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، ޓޮޓެންހަމް ސަލާމަތްވެއްޖެ

ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، ޓޮޓެންހަމް ސަލާމަތްވެއްޖެ

06 ޖެނުއަރީ 2020

ލަންޑަން (ޖެނުއަރީ 6) - އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީ އާއި ލިވަޕޫލް މޮޅުވިއިރު ހޯސޭ މޮރިނިއޯގެ ޓޮޓެންހަމް ބަލިނުވެ ކިރިޔާ ސަލާމަތްވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 6) - އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީ އާއި ލިވަޕޫލް މޮޅުވިއިރު ހޯސޭ މޮރިނިއޯގެ ޓޮޓެންހަމް ބަލިނުވެ ކިރިޔާ ސަލާމަތްވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ޗެލްސީ ކުޅުނު މެޗުން މޮޅުވީ ނޮޓިންހަމް ފޮރެސްޓް އަތުން 2-0 އިންނެވެ. ގިނަ ޒުވާން ކުޅުންތެރިންނާ އެކު ނުކުމެ ލިވަޕޫލުން އެވަޓަން ބަލިކުރީ 1-0 އިންނެވެ. ރަށުން ބޭރުގައި މިޑްލްސްބަރާއާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް އެއްވަރުވީ 1-1 އިންނެވެ.

ޗެލްސީން ރޭގެ މެޗު ކުޅުނީ ހާއްސަ ޖޯޒީއެއްގަ އެވެ. މި ޖޯޒީ ފަރުމާކޮށްފައިވަނީ 1970 ވަނަ އަހަރު ޗެލްސީ އަށް ފުރަތަމަ އެފްއޭ ކަޕް ކާމިޔާބުކޮށްދިން ޓީމު އޭރު ބޭނުންކުރި ޖޯޒީ އަސްލަކަށް ބަލައިގެންނެވެ. އޭރު ޓީމުގައި ހިމެނުު ބައެއް ކުޅުންތެރިން މެޗު ބަލަން ދަނޑަށް ދިޔަ އެވެ.

ބަދަލުތަކަކާ އެކު ކުޅުނު ޗެލްސީ ޓީމުން ރޭގެ މެޗުގައި ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ޖެހީ ކަލުމް ހަޑްސަން-އޮޑޯއި އެވެ. އަނެއް ގޯލު ޖެހީ ފަހަކަށް އައިސް ޓީމުން ފުރުސަތު ނުލިބި ހުރި ރޮސް ބާކްްލީ އެވެ. ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ އެފްއޭ ކަޕަކީ ޗެލްސީ އަށް އަބަދުވެސް ހާއްސަ މުބާރާތެއް ކަމަށާއި މި މުބާރާތަށް އޭނާ ވަރަށް ސަމާލުކަން ދޭނެ ކަމަށެވެ.

ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވުމުން ލިވަޕޫލުން ރޭ އެވަޓަންއާ ދެކޮޅަށް ނެރުނީ ނިސްބަތުން ޒުވާން ޓީމެކެވެ. ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައި ކުޅޭ އެވަޓަން އިން ވަރުގަދަ ޓީމަކާ އެކު ނުކުތް މި މެޗު ފެށިގެން މާ ގިނައިރުތަކެއްނުވެ ލިވަޕޫލްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޖޭމްސް މިލްނާ އަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުނެވެ. އެވަޓަންގެ ފަރާތުން ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައިރު، ލިވަޕޫލް ގޯލުގައި ހުރި އެޑްރިއާން ވަނީ އެ ބޯޅަތައް ހުއްޓުވައިފަ އެވެ.

މި ފަހަރުގެ ޓްރާންސްފާގައި ލިވަޕޫލާ ގުޅުނު ޖަޕާނުގެ ޓަކޫމީ މިނަމީނޯ އެ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 71 ވަނަ މިނިޓްގައި ޖެހީ 18 އަހަރުގެ މިޑްފީލްޑަރު ކާޓިސް ޖޯންސް އެވެ. މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ލިވަޕޫލްގެ ކުޅުންތެރިން ކުރި މަސައްކަތަށް ތައުރީފުކޮށްފަ އެވެ.

ވަރުގަދަ ޓީމަކާ އެކު ނުކުތް ޓޮޓެންހަމް ކޮޅަށް މެޗުގެ 50 ވަނަ މިނިޓްގައި މިޑްލްސްބަރާ އަށް ލީޑުނަގައިދިނީ އެޝްލީ ފްލެޗާ އެވެ. އޭގެ އެގާރަ މިނިޓް ފަހުން ޓޮޓެންހަަމަށް ލޫކަސް މޯރާ ވަނީ އެެއްވަރުކޮށްދީފަ އެވެ. އޭގެ ފަހުން މިޑްލްސްބަރާ އިން ގިނަ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި އެވެ.

މެޗަށް ފަހު މޮރީނިއޯ ބުނީ މިއީ ޓޮޓެންހަމަށް އުނދަގޫ ވަގުތުތަކެއް ކަމަށާއި މެޗު ދިޔަ ގޮތާ ބަލާއިރު ޓޮޓެންހަމް މި މުބާރާތުގައި އޮތުމަކީ ވެސް ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށެވެ. އެކަމަކު ދެން ވިސްނަން ޖެހޭ އަނެއް ކަމަކީ އިތުރު މެޗެއް ކުޅެން ޖެހިފައިވުމުގެ އުނދަގޫ ކަމަށް މޮރީނިއޯ ބުންޏެވެ.