Roadha Mihaaru
ޗެލްސީ މޮޅެއްނުވި، ކޮންޓޭގެ ފާޑުކިޔުން ޓޮޓެންހަމަށް

އެވަޓަން އަތުން ޗެލްސީ މޮޅެއްނުވި، ކޮންޓޭގެ ފާޑުކިޔުން ޓޮޓެންހަމަށް

19 މާޗް 2023

ލަންޑަން (މާޗު 19) - އިނގިރޭސި ޕްރިމިއާ ލީގުގައިރޭ އެވަޓަންއާ ޗެލްސީ 2-2 އިން އެއްވަރުވި އިރު، ލީގު ފުލުގައި އޮތް ސައުތެމްޓަންއާ 3-3 އިން ޓޮޓެންހަމް ހޮޓްސްޕާ އެއްވަރު ވުމުން އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ޓީމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (މާޗު 19) - އިނގިރޭސި ޕްރިމިއާ ލީގުގައިރޭ އެވަޓަންއާ ޗެލްސީ 2-2 އިން އެއްވަރުވި އިރު، ލީގު ފުލުގައި އޮތް ސައުތެމްޓަންއާ 3-3 އިން ޓޮޓެންހަމް ހޮޓްސްޕާ އެއްވަރު ވުމުން އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ޓީމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

ޗެލްސީގެ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ޗެލްސީ އިން ދެ ފަހަރު ކުރި ހޯދުމުން ވެސް އެވަޓަން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެންމެ ފުރަތަމަ ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނިޓުގައި ޔާއޯ ފީލިކްސް ޗެލްސީ އަށް ލީޑު ނަގައިދީފައި ވަނިކޮށް މެޗުގައި ފެނުނު ބާކީ ތިން ލަނޑު ވެސް ޖަހާފައި ވަނީ މެޗުގެ ފަހު ވިއްސަކަށް މިނިޓު ތެރޭގަ އެވެ.

އެވަޓަން އިން ފުރަތަމަ ނަތީޖާ އެއްވަރު ކުރީ 69 ވަނަ މިނިޓުގައި މިޑްފީލްޑަރު އަބްދުލާޔޭ ޑޮކޫރޭ ޖަހައިދިން ލަނޑުންނެވެ. ޗެލްސީ އިން ދެވަނަ ފަހަރަށް ލީޑު ހޯދީ 76 ވަނަ މިނިޓުގައި ރީސް ޖޭމްސް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކައި ހަވާޓްޒް އެވެ. ނަމަވެސް 89 ވަނަ މިނިޓުގައި އެނަޓަން އިން ޕޮއިންޓެއް ހޯދީ އެލީސް ސިމްސް ޖަހައިދިން ގޯލުންނެވެ.

މެޗުގެ އެންމެ ފަހު ވަގުތު ހަވާޓްޒް އަށް ޗެލްސީ އަށް ތިން ޕޮއިންޓް ހޯދައިދޭން ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރު ވެފަ އެވެ.

ސައުތެމްޓަނާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

ސައުތެމްޓަނާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމް އިން ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލީޑު ނެގީ ޕެޑްރޯ ޕޯރޯ ޖަހައިދިން ގޯލުންނެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން 47 ސިކުންތު ތެރޭ ޗޭ އެޑަމްސް ވަނީ ސައުތެމްޓަނަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

މެޗުގައި ޓޮޓެންހަމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ 65 ވަނަ މިނިޓުގައި ކާމިޔާބު ކުރި ލަނޑަކުން ހެރީ ކޭން އެވެ. އަދި 74 ވަނަ މިނިޓުގައި އިވާން ޕެރިސިޗް ވަނީ ޓޮޓެންހަމަށް ލީޑު ފުޅާ ވެސް ކޮށްދީފަ އެވެ. ނަމަވެސް އޭގެ އޭގެ ތިން މިނިޓު ފަހުން ތިއޯ ވޮލްކޮޓް ސައުތެމްޓަނަށް ފަރަގު ކުޑަ ކޯށްދިން އިރު، ނަތީޖާ އެއްވަރު ކުރީ އިތުރު ވަގުތުގައި ކެޕްޓަން ޖޭމްސް ވާޑް ޕްރައުސް ކާމިޔާބު ކޮށްދިން ޕެނަލްޓީއަކުންނެވެ.

ޓޮޓެންހަމާ މެދު ކޮންޓޭ ހިތްހަމަނުޖެހިފައި

މެޗަށް ފަހު ހިތްހަމަނުޖެހިފައި ހުރި ޓޮޓެންހަމްގެ ކޯޗު ކޮންޓޭ ބުނީ އޭނާގެ ޓީމުގެ ކުޅުންތެރިން އެކަކު އަނެކަކަށް އެހީ ވެގެން ނަތީޖާ ރަނގަޅު ކުރަން ބޭނުން ނުވާ ކަމަށާއި ކުޅުންތެރިން އިސްކުރަނީ އަމިއްލަ އެދުން ކަމަށެވެ.

ކުޅުންތެރިންގެ އިތުރުން ކޮންޓޭ ވަނީ ޓީމުގެ ވެރިންނަށް ވެސް ފާޑު ކިޔައިފަ އެވެ. އޭނާ ބުނީ ވިއްސަކަށް އަހަރު ވަންދެން ޓީމުގެ އޯނަރާ އެކު ކާމިޔާބެއް ހޯދިފައި ނެތީ ވެރިންގެ ވެސް އަމިއްލަ އެދުން ބޮޑުވީމައި ކަމަށެވެ.

ޓޮޓެންހަމްގެ އޯނަރު ޑެނިއެލް ލެވީ 2001 ވަނަ އަހަރު ކްލަބާ ހަވާލުވި ފަހުން އެޓީމަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ތަށްޓެކެވެ. އެއީ 2008 ވަނަ އަހަރުގެ އިނގިރޭސި ލީގު ކަޕެވެ. އަދި މިހާތަނަށް 11 ކޯޗުންނާ ޓީމު ހަވާލު ކޮށްފައިވެ އެވެ.

މި ސީޒަނުގައި ޝެފީލްޑް ޔުނައިޓެޑް އަތުން ބަލިވެ އެފްއޭ ކަޕުން ކަޓާފައި ވާއިރު އޭސީ މިލާން އަތުން ބަލިވެގެން ޗެމްޕިއަންސް ލީގުން ވެސް ވަނީ ކަޓައިފަ އެވެ. ކޮންޓޭ ބުނީ މިއީ ކްލަބާއި ކުޅުންތެރިން އަމިއްލަ ޒިންމާ އަދާކުރަންވީ ވަގުތު ކަމަށެވެ. އޭނާ ބުނީ މިގޮތުގައި ކުރިއަށް ދާން ބޭނުން ނަމަ ކިތަންމެ ވަރަކަށް ވެސް ޓީމުގެ މެނޭޖަރު ބަދަލު ކުރެވިދާނެ ކަމަށާއި ނަމަވެސް ކުލަބުގެ ހާލަތު ބަދަލެއް ނުވާނެ ކަމަށެވެ.

ސައުތެމްޓަނާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗުގައި ކޯޗު ކޮންޓޭ.-- ފޮޓޯ: އޭއެފްޕީ

ސައުތެމްޓަނާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗުގައި ކޯޗު ކޮންޓޭ.-- ފޮޓޯ: އޭއެފްޕީ

"އަހަރެމެން މިތިބީ މިގޮތަށް އާދަވެފައި. ޓްރާންސްފާ މާކެތްގެ ޒިންމާ އޮތީ ކްލަބްގެ އަތްމަތީގައި. މި ކުލަބުގައި އެވަގުތެއްގައި ހުންނަ ކޯޗެއްގެ ޒިންމާ އޮވޭ. ދެން ކުޅުންތެރިން ކޮބާ؟" ޗެލްސީ އަށް އެންމެ ފަހުން ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިން ކޮންޓޭ ބުންޏެވެ.

"އަހަރެންގެ ތަޖުރިބާއިން ބުނާނަމަ، ވާދަވެރި ވާން ބޭނުމިއްޔާ ވަކި ކަންކަމެއް ރަނގަޅު ކުރަން ޖެހޭނެ. އެކަމަކު މިވަގުތު ހާލަތު ވަރަށް ދަށް. ދަނޑުމަތިން އަހަރެންނަށް ފެންނަނީ އަމިއްލަ އަމިއްލައަށް 11 ކުޅުންތެރިން ކުޅޭތަން."

ކޮންޓޭ ބުނީ ކުޅުންތެރިން ކުޅެނީ ކާމިޔާބެއް ހޯދަން ކަމަށް އޭނާ އަށް އިހުސާސް ނުކުރެވޭ ކަމަށާއި ޕްރެޝަރުގައި ކުޅެން ބޭނުންވާތަން ނުފެންނަ ކަމަށެވެ. އަދި ލީގުގެ ހަތަރު ވަނައިގައި އޮތް ނަމަވެސް، ބާކީ 10 މެޗުން އަންނަ ސީޒަން ގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީން ކުރަން މަސައްކަތް ކުރާތަން ކުޅުންތެރިންގެ ފަރާތުން ވެސް ނުފެންނަ ކަމަށެވެ.

"ދަނޑުމައްޗަށް އަރާނެ 11 ކުޅުންތެރިން. އަހަރެންނަށް ފެންނަނީ އަމިއްލަ އެދުން ބޮޑު ކުޅުންތެރިން، އެކަކު އަނެކަކަށް އެހީވާކަށް ބޭނުމެއް ނޫން، ކުޅެނީ ވެސް ކުޅޭ ހިތަކުން ނޫން،" ކޮންޓޭ ބުންޏެވެ.

"އަހަރެންނަކީ އައްމުކޮށް މި ހާލަތުގައި މަސައްކަތް ކުރާ މީހެއް ނޫން. އަހަރެން މިހުރީ ވަރަށް ދެރަ ވެފައި، އެންމެން ވެސް އެންމެ ރަނގަޅަށް ޒިންމާ އަދާކުރަން ވާނެ."

ޓޮޓެންހަމް ލީގުގެ ހަތަރު ވަނައިގައި އޮތީ، ފަސް ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން 49 ޕޮއިންޓް ހޯދައިގެންނެވެ. ހުކުރު ދުވަހުގެ ރޭ ނޮޓިންހަމް ފޮރެސްޓް ބަލިކުރި ނިއުކާސަލް އަށް ވަނީ 47 ޕޮއިންޓް ލިބިފަ އެވެ.

ޗެލްސީ އަދި ވެސް އޮތީ ލީގުގެ 10 ވަނައިގަ އެވެ. ޗެލްސީ ގެ އިތުރުން 3-0 އިން ބޯންމަތު ބަލިކޮށްގެން 11 ވަނައިގައި އޮތް އެސްތަން ވިލާ އަށް ވެސް ވަނީ 27 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ.

ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު، ބްރެންޓްފޯޑާއި ލެސްޓާ ސިޓީ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އަދި ލީޑްސް ޔުނައިޓެޑް ވަނީ 4-2 އިން ވުލްވްސް ބަލިކޮށްފަ އެވެ.