Roadha Mihaaru
ޔާމީންގެ ރައްކާތެރިކަމާ މެދު ސުވާލުއުފެދޭ: އިދިކޮޅު

ޔާމީންގެ ރައްކާތެރިކަމާ މެދު ސުވާލުއުފެދޭ: އިދިކޮޅު

06 ޖެނުއަރީ 2020

މާފުށީ ޖަލުގައި ހުކުމް ތަންފީޒުުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާފުށީ ޖަލުގައި ހުކުމް ތަންފީޒުުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ ސަލާމަތާ މެދު އިދިކޮޅުން މި ސުވާލު އުފެއްދީ މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ޖަލުގައި ގައިދީންނަށް އަނިޔާކުރި ވީޑިއޯއެއް އާއްމުވެފައި ވަނިކޮށެވެ. ގައިދީއެއްގެ ގަޔަށް ޕެޕަ ސްޕްރޭ ޖެހުމަށް ފަހު އޭނާގެ މޫނު ދޮއްވާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.

ޕީޕީއެމާއި ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ މާފުށީ ޖަލުގައި އިއްޔެ ފުލުހުން ބާރުގެ ބޭނުންކޮށް އަނިޔާކުރުމަކީ ގައިދީންގެ އަސާސީ ހައްގުތަކަށް އަރައިގަތުން ކަމަށެވެ. އިދިކޮޅުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ކަރެކްޝަންސްގެ އެ އަމަލަކީ ގައިދީންގެ ހައްގުތައް ރައްކާތެރިކުރަން ރާއްޖެ އިން ސޮއިކޮށްފައިވާ އެތައް ބައިނަލްއަގްވާމީ މުއާހަދާތަކަކާ ވެސް ހިލާފު އަމަލެއް ކަމަށް އިދިކޮޅުން ބުންޏެވެ.

ޖަލުގައި ރިމާންޑް ބަންދުގައި ބަހައްޓާފައި ތިބޭ މީހުންނާއި އެ ތަނުގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރުންނާ ދެމެދު މިދިޔަ ހަފުތާއިން ފެށިގެން ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާ ކަމަށް އެމްސީއެސް އިން އިއްޔެ ބުންޏެވެ. ރިމާންޑު ބަންދުގައި ތިބޭ މީހުންގެ ޝަކުވާ އަކީ ބަންދުގައި ހުންނަން ޖެހޭ މުއްދަތު ދިގުދެމިގެން ދިއުމާއި އެކަށީގެންވާ ގޮތަށް ބޭސްފަރުވާގެ ކަންތައްތައް ކުރިއަށް ނުދިއުމެވެ. މި ކަންތައްތަކަކީ އެމްސީއެސް އިން ވެސް ކަނބޮޑުވާ ކަންތައް ކަމަށް އެތަނުން ބުނެފައި ވެ އެވެ.

އެ ހައްގުތައް ގައިދީންނަށް ކަށަވަރުކޮށްދިނުމަކީ އެމްސީއެސްގެ ޒިންމާއެއް ކަމަށް އެ ކޯލިޝަނުން ފާހަގަކުރި އެވެ. އަދި ޔާމިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ވެސް ބަޔާނުގައި ގޮވާލާފައިވެ އެވެ.

ޖަލުގައި މިފަދަ ހަމަނުޖެހުމެއް މީގެ ހަ މަސް ކުރިން އުފެދުނު ކަމަށާއި އެކަމަށް އެކަށީގެންވާ ހައްލެއް މި ސަރުކާރަށް ހޯދިފައި ނެތުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އިސްތިއުފާ ދޭން ވެސް އެ ކޯލިޝަނުން ގޮވާލާފައިވެ އެވެ. އަދި މިފަދަ ހަމަނުޖެހުންތައް ތަހުގީގު ކުރަން ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް އެތަނުން ގޮވާލި އެވެ.