Roadha Mihaaru
ފުރަތަމަ ލެގުން ޔުނައިޓެޑް ބަލިވިޔަސް ކޯޗު އުއްމީދުގައި

ފުރަތަމަ ލެގުން ޔުނައިޓެޑް ބަލިވިޔަސް ސޯލްޝެއާ އުއްމީދުގައި

08 ޖެނުއަރީ 2020

މެންޗެސްޓާ (ޖެނުއަރީ 8) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުން އަމިއްލަ ދަނޑުގައި ރޭ 3-1 އިން މެންޗެސްޓާ ސިޓީ އަތުން ބަލިވި ނަމަވެސް ފައިނަލުގެ އުއްމީދު އެބައޮތް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ޖެނުއަރީ 8) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުން އަމިއްލަ ދަނޑުގައި ރޭ 3-1 އިން މެންޗެސްޓާ ސިޓީ އަތުން ބަލިވި ނަމަވެސް ފައިނަލުގެ އުއްމީދު އެބައޮތް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

މި މަހު 29 ވަނަ ދުވަހުގެރޭ ސިޓީ ދަނޑުގައި ކުޅޭ މެޗުން ތިން ލަނޑުގެ ތަފާތުން މޮޅުވެގެން ޔުނައިޓެޑަށް ފައިނަލުގެ ޖާގަ ހޯދޭނެ އެވެ. އެ މެޗު އިތުރު ވަގުތު ކުޅޭނީ 3-1 އިން ޔުނައިޓެޑް މޮޅުވެއްޖެނަމަ އެވެ. އެ އަށް ވުރެ ބޮޑު ނަތީޖާ އަކުން ދެ ލަނޑުގެ ތަފާތު މޮޅުވެގެން ވެސް ޔުނައިޓެޑަށް ފައިނަލުގެ ޖާގަ އޮންނާނެ އެވެ.

ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ބުނީ މާޒީ އަށް ބަލާއިރު ފުރަތަމަ ލެގުގައި ދަށް ނަތީޖާއެއް ނެރުނަސް ޔުނައިޓެޑަށް ނަތީޖާ އަނބުރާލޭވެނެކަން ސާބިތުކޮށްދީފައި އެބަހުރި ކަމަށެވެ.

"ސިޓީން އެ ސިސްޓަމަށް ކުޅެގެން މިދިޔަ ސީޒަނުގައި ވަނީ ޗެލްސީ އަތުން 5-0 އިން މޮޅުވެފައި. ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ނަތީޖާ ގޯސްކޮށް ނިކުތަސް ޔުނައިޓެޑަށް ނަތީޖާ އަނބުރާލެވޭނެކަން ވަނީ ސާބިތުކޮށްދީފައި. އެންމެ ފަހުގެ މިސާލަކަށް އެހެން ދައްކަން އޮތީ ޕީއެސްޖީ ކައިރީގައި ނަތީޖާ އަނބުރާލި މެޗު. އަހަރެމެން އަދިވެސް މި ތިބީ ފައިނަލުގެ އުއްމީދުގައި،" ސޯލްޝެއާ ބުންޏެވެ.

ރޭގެ މެޗުގެ ތެރެއިން ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ (ވ) އާއި ސިޓީގެ ކޯޗު ގާޑިއޯލާ. -- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ތެރެއިން ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ (ވ) އާއި ސިޓީގެ ކޯޗު ގާޑިއޯލާ. -- ފޮޓޯ: އޭއެފްޕީ

މިދިޔަ މަހު ޔުނައިޓެޑުން ވަނީ ސިޓީ ދަނޑުގައި 2-1 އިން މޮޅުވެފަ އެވެ. ރޭގެ މެޗުގައި ސިޓީން ކުޅުނީ އެ މެޗުގެ ބަދަލުހިފުމުގެ ރޫހެއްގައި ނޫން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ. ގާޑިއޯލާ ބުނީ ފުރަތަމަ ލެގުން މޮޅުވެގެން ސިޓީ އަށް ފައިނަލުގެ ޖާގަ ލިބުނުކަމަށް ގަބޫލުނުކުރާނެ ކަމަށެވެ.

"އަދި މި މެޗު ނުނިމޭ. ޔުނައިޓެޑަށް ނަތީޖާ އަނބުރާލެވިދާނެ. މިދިޔަ އަހަރު ޕީއެސްޖީއާ ދެކޮޅަށް ވެސް ނަތީޖާ ނެރެ އަނެއް ބުރަށް ކޮލިފައިވި. ޔުނައިޓެޑްގެ ޖޯޒީގައި އެކި ޓީމުތަކުން ތާރީހީ ކާމިޔާބީތަކެއް ނެރެފައި ހުރިކަން ގަބޫލުކުރަން ޖެހޭ،" ގާޑިއޯލާ ބުންޏެވެ.

އަނިޔާގެ ސަބަބުން ހެރީ މެގުއާ ނުލައި ޔުނައިޓެޑުން ކުޅުނު ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ތިން ގޯލު ޖަހައިފަ އެވެ. ބެނާޑޯ ސިލްވާގެ ހިތްގައިމު ގޯލުން ސިޓީން ލީޑުނެގީ މެޗުގެ 17 ވަނަ މިނިޓްގަ އެވެ. ރިޔާދު މާރޭޒް މެޗުގެ 33 ވަނަ މިނިޓްގައި ސިޓީގެ ލީޑުފުޅާކޮށްދިންއިރު، އެ ޓީމުގެ ތިން ވަނަ ގޯލަކީ މެޗުގެ 38 ވަނަ މިނިޓްގައި ޔުނައިޓެޑްގެ އަންޑްރެއަސް ޕެރޭރާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ދެ ވަނަ ހާފްގައި ކުޅެން އަރައި ޔުނައިޓެޑުން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ. ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ދިން ބޯޅައަކުން މި ލަނޑު ޖެހީ ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މާކަސް ރެޝްފޯޑް އެވެ.