Roadha Mihaaru
"ސިޓީ ނޫނީ ޔުނައިޓެޑްގެ ރެކޯޑަށް ނިމުމެއް އަންނާނެ"

ސިޓީ ނޫނީ ޔުނައިޓެޑްގެ ރެކޯޑަށް ނިމުމެއް އަންނާނެ: ސޯލްޝެއާ

07 މާޗް 2021

މެންޗެސްޓާ (މާޗް 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުން މެންޗެސްޓާ ސިޓީ ނޫނީ މެންޗެސްޓާ ޔުނައިޓެޑްގެ ރެކޯޑަށް ނިމުމެއް އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

މެންޗެސްޓާ (މާޗް 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުން މެންޗެސްޓާ ސިޓީ ނޫނީ މެންޗެސްޓާ ޔުނައިޓެޑްގެ ރެކޯޑަށް ނިމުމެއް އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ސިޓީ ވަނީ އެ ޓީމު އެންމެ ފަހުން ކުޅުނު 21 މެޗުން ވެސް މޮޅުވެފަ އެވެ. ލީގުގައި ޔުނައިޓެޑް ވަނީ ރަށުންބޭރުގައި ބަލިނުވެ 21 މެޗު ހަމަކޮށްފަ އެވެ. ސޯލްޝެއާ ބުނީ ސިޓީ ދަނޑުގައި ކުޅޭ މެޗަށް ނުކުންނައިރު ރެކޯޑެއް ސަލާމަތްކުރުން ދެ ޓީމަށް ވެސް މުހިއްމުނުވާނެ ކަމަށާއި ހުރިހާ ފޯކަސް އަކީ މި މެޗުން މޮޅެއް ހޯދުން ކަމަށެވެ.

"އަހަރެމެންނަށް ވުރެން ކުރީގައި މި ވަގުތު މި އޮތީ ސިޓީ. އެ މީހުން އެ އޮތީ ވަރަށް ރަނގަޅު ފޯމެއްގައި (ޖެހިޖެހިގެން) 21 މޮޅު ހޯދައިގެން. އަހަރެމެންގެ އަތުގައި އެބައޮތް ލީގުގައި ރަށުންބޭރުގައި 21 މެޗުން ބަލިނުވެ އޮތުމުގެ ރެކޯޑެއް. ކޮންމެވެސް އެއް ރެކޯޑަކަށް ނިމުމެއް އަންނާނެ. ބަލަން ތިބެމާ އެއީ ކޮން ރެކޯޑެއްތޯ،" ސޯލްޝެއާ ބުންޏެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 27 މެޗުން 65 ޕޮއިންޓާ އެކު އެވެ. ލީގުގައި ރޭ ލެސްޓާ ސިޓީ މޮޅުވުމާ އެކު އެ ޓީމު ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 28 މެޗުން 53 ޕޮއިންޓް ހަމަކޮށްގެންނެވެ. ޔުނައިޓެޑް ތިން ވަނައިގައި އޮތީ 27 މެޗުން 51 ޕޮއިންޓާ އެކު އެވެ. މިރޭގެ މެޗުން ސިޓީ އަތުން މޮޅުވެގެން ނޫނީ ޔުނައިޓެޑަށް އަލުން ދެ ވަނަ އަށް ނޭރޭނެ އެވެ.

ޖެނުއަރީ މަހު ޔުނައިޓެޑް ލީގުގެ އެއް ވަނަ އަށް ޖެހިލި ނަމަވެސް އޭގެ ފަހުން އެ ޓީމުގެ ނަތީޖާތައް ދިޔައީ ދަށްވަމުންނެވެ. އެއީ އެއް ވަނަ މަގާމުގައި އޮތްއިރު ކުރިމަތިވި ޕްރެޝަރާ ކުރިމަތިނުލެވިގެންތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ސޯލްޝެއާ ބުނީ އެ ގޮތަށް އޭނާ ނުދެކޭ ކަމަށެވެ. ސޯލްޝެއާ ބުނީ އޭނާގެ ޓީމުން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރާނެ ކަމަށެވެ.

"އަހަރެމެންނަށް އަދިވެސް (ލީގުގައި) 11 މެޗު އެބައޮތް. އަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ ލީގުގެ މަގާމުތަކުގެ ވާހަކައިގެ އެންމެ މުހިއްމު ހިސާބަކީ މާޗް އާއި އޭޕްރީލްގައި ކަމަށް. މިހާރު އެ ދުވަސްތައް ކައިރި އެ ވަނީ. އަހަރެމެން މި ހުރީ ފަހު މެޗާ ޖެހެންދެން މަސައްކަތްކުރަން ތައްޔާރަށް،" ސޯލްޝެއާ ބުންޏެވެ.

އަލަތު ދަރިފުޅު ލިބުމުން ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ މި ވަގުތު ހުރީ ސްޕެއިނުގަ އެވެ. އެހެންވެ މިރޭގެ މެޗުގައި ވެސް ޔުނައިޓެޑްގެ ގޯލު ބަލަހައްޓާނީ ދެ ވަނަ ކީޕަރު ޑީން ހެންޑަސަން އެވެ. ސިޓީ ދަނޑުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ.

މިރޭ ސިޓީ މޮޅުވެއްޖެނަމަ ޖެހިޖެހިގެން 22 މޮޅު ހަމަކޮށް ރެއާލް މެޑްރިޑުން 2014 ވަނަ އަހަރު ހަދާފައިވާ ރެކޯޑާ ހަމަަކުރެވޭނެ އެވެ. ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް އޮތީ މިދިޔަ ސީޒަނުގެ ބަޔާން ޓީމު އަތުގަ އެވެ. ބަޔާނުން ވަނީ ޖެހިޖެހިގެން 23 މެޗުން މޮޅުވެފަ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލައިގެން ކުރާނެ ހާއްސަ ފައިދާއެއް ނެތް ކަމަށެވެ.

"ޔުނައިޓެޑަކީ އަބަދުވެސް އުނދަގޫ ޗެލެންޖެއް. އަހަރެމެންނަށް ޔުނައިޓެޑާ ކުޅޭ އެއްވެސް މެޗެއް ފަސޭހައެއްނުވާނެ. މިދިޔަ އަހަރަށް ވުރެން މިހާރު އޮތް ޔުނައިޓެޑް ވަރުގަދަ. އަހަރެމެން ވަރަށް ވިސްނުންތެރިކަމާ އެކު ކުޅެން ޖެހޭ މެޗެއް މިއީ،" ގާޑިއޯލާ ބުންޏެވެ.

ސިޓީ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 15 މެޗުން މޮޅުވެފަ އެވެ. އިއްތިހާދު ސްޓޭޑިއަމްގައި ސިޓީން ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަނޑިން 21:30 ގަ އެވެ.