Roadha Mihaaru
މެންޗެސްޓާ ޔުނައިޓެޑް ކުއާޓާ އަށް

ޔުނައިޓެޑް ކުއާޓާ އަށް، ގާޑިއޯލާ ބޭނުމީ ޗެމްޕިއަންސް ލީގު

22 ޑިސެމްބަރ 2022

މެންޗެސްޓާ (ޑިސެމްބަރު 22) - ފީފާ ވޯލްޑް ކަޕަށް ފަހު ކްލަބް ފުޓުބޯޅަ އަލުން ފަށައިގެން ކުރިއަށް ދާއިރު، މެންޗެސްޓާ ޔުނައިޓެޑުން 2-0 އިން ބާންލީ ބަލިކޮށް އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ޑިސެމްބަރު 22) - ފީފާ ވޯލްޑް ކަޕަށް ފަހު ކްލަބް ފުޓުބޯޅަ އަލުން ފަށައިގެން ކުރިއަށް ދާއިރު، މެންޗެސްޓާ ޔުނައިޓެޑުން 2-0 އިން ބާންލީ ބަލިކޮށް އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި އިނގިރޭސި ދެ ވަނަ ޑިވިޝަންގައި މިހާރު ކުޅޭ ބާންލީ ކޮޅަށް ޔުނައިޓެޑުން ޖެހި ފުރަތަމަ ލަނޑު، އާރޮން ވަން ބިސާކާގެ އެހީތެރިކަމާ އެކު ޖަހައިދިނީ ކްރިސްޓިއަން އެރިކްސަން އެވެ. އަދި ދެ ވަނަ ހާފު ފެށިގެން 12 މިނިޓު ތެރޭ ޔުނައިޓެޑްގެ ދެވަނަ ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑެވެ.

ރަޝްފޯޑާއި އެރިކްސެން އަކީ ވެސް ގަތަރުގައި ނިމިދިޔަ ވޯލްޑް ކަޕް ގައި ކުޅުނު ދެ ކުޅުންތެރިންނެވެ. ދެ ކުޅުންތެރިން ވެސް މެޗު ސްޓާޓް ކުރި އިރު، ބްރެޒިލްގެ ކަސެމީރޯ އާއި ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒް ވެސް ރޭގެ މެޗުގައި ފުލްކޮށް ކުޅުނެވެ. ބްރެޒިލްގެ ފްރެޑް އާއި އެންޓޮނީ ވެސް ދެ ވަނަ ހާފުގައި ކުޅެން އެރި އެވެ.

ރަޝްފޯޑް، ބާންލީ ކޮޅަށް ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ރަޝްފޯޑް، ބާންލީ ކޮޅަށް ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ޕްރިމިއާ ލީގުގެ ބްރައިޓަން ވަނީ ރޭ ޗާލްޓަން އެތުލެޓިކާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-3 އިން ބަލި ވެފަ އެވެ. ނޮޓިންހަމް ފޮރެސްޓުން ފަސޭހަ ކަމާއެކު 4-1 އިން ބްލެކްބާން ރޯވާސް ބަލި ކުރިއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ 1-0 އިން ބޯންމަތު ބަލި ކޮށްފަ އެވެ. މީގެ އިތުރުން ސައުތެމްޓަން އާއި ވުލްވްސް އަދި ލެސްޓާ ސިޓީ ވެސް ވަނީ ކުއާޓާގެ ޖާގަ ޔަގީން ކޮށްފަ އެވެ.

ކުއާޓާގެ ފަހު ޖާގައަށް، ސިޓީ އާއި ލިވަޕޫލްގެ ކުރިމަތިލުމެއް

ލީގް ކަޕްގެ ހަތަރު ވަނަ ބުރުގެ ފަހު މެޗުގައި މިރޭ ވަރުގަދަ މެޗެއް މިރޭ ކުޅޭނެ އެވެ. ބައްދަލު ކުރާނީ މެންޗެސްޓާ ސިޓީ އާއި އެނެމް ފަހުގެ ޗެމްޕިއަން ލިވަޕޫލެވެ.

ސިޓީގެ 16 ކުޅުންތެރިއަކު ވޯލްޑް ކަޕަށް ދިޔަ އެވެ. ވޯލްޑް ކަޕް ގައި ނުކުޅޭ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިންނަށް ތިބީ އާލިން ހާލަންޑް އާއި ރިޔާދު މަހްރޭޒް އެވެ. ބެލްޖިއަމް އާއި ޖަރުމަން ގުރޫޕް ސްޓޭޖުން ކެޓުމާ އެކު ކެވިން ޑިބްރޭނާ އާއި އިލްކާއި ގުންޑޮއާން އަންނަނީ ޓީމާ އެކު ފަރިތަކުރަމުންނެވެ. އަދި މި ހަފްތާގެ ކުރީކޮޅު ނަތަން އާކޭ އާއި މެނުއަލް އަކަންޖީ އަދި ސްޕެއިންގެ ރޮޑްރި އާއި އައިމެރިކް ލަޕޯޓް ވެސް ވަނީ ޓީމާ ގުޅިފަ އެވެ.

ކޯޗު ޕެޕް ގާޑިއޯލާ ބުނީ، ވޯލްޑް ކަޕަށް ނުދާ ކުޅުންތެރިންނަށް ވުރެ، ވޯލްޑް ކަޕް ގައި ކުޅުނު ކުޅުންތެރިންގެ ހާލަތު ރަނގަޅު ކަމަށް ފެންނަ ކަމަށެވެ.

ގާޑިއޯލާ، މި ސީޒަންގެ މެޗެއްގައި އަލްވަރޭޒް ކުޅެން ނެރެން ތައްޔާރު ވަނީ.--

ގާޑިއޯލާ، މި ސީޒަންގެ މެޗެއްގައި އަލްވަރޭޒް ކުޅެން ނެރެން ތައްޔާރު ވަނީ.--

ސިޓީގެ 22 އަހަރުގެ ސްޓްރައިކަރު ހޫލިއަން އަލްވަރޭޒް އަކީ އާޖެންޓީނާ އާއެކު ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ސްކޮޑުގެ މުހިއްމު ކުޅުންތެރިއެކެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އަލްވަރޭޒް އަށް ވޯލްޑް ކަޕް ގައި ގިނަ ވަގުތު ކުޅެން ލިބުމުން އެކަމާ އުފާވާ ކަމަށާއިި، ކުރިން ސިޓީއަށް ކުޅުނު ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އަށާއި، ބާސެލޯނާ ގައި ގާޑިއޯލާ ކޯޗު ކޮށްދިން ލިއޮނެލް މެސީ އަށް މަރުހަބާ ކިޔައިފަ އެވެ.

"އަހަރެމެންގެ ޓީމުގައި ދުނިޔޭގެ ޗެމްޕިއަނެއް އެބަ ހުރި، އޭނާ (އަލްވަރޭޒް) އަށްޓަކައި އަހަރެމެން އިންތިހާ އަށް ފަހުރުވެރި ވަން. އޭނާ އަށާއި އޮޓަމެންޑީ އަށް މަރުހަބާ ކިޔަން، އަދި ހާއްސަކޮށް މެސީ އަށް ވެސް. އާޖެންޓީނާ އަށް ވެސް، މިއީ ހައްގު ކާމިޔާބެއް،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ވަނީ 2016 ވަނަ އަހަރު މެންޗެސްޓާ ސިޓީއާ ގުޅި، އެ ޓީމާ އެކު ނުވަ މޭޖާ ޓްރޮފީ ހޯދައިފަ އެވެ. އޭގެ ތެރޭގައި ހަތަރު ލީގް ކަޕް ވެސް ހިމެނެ އެވެ. ސިޓީ ގައި ގާޑިއޯލާ އަށް މަދުވަނީ ޔޫރަޕުގެ ތަށްޓެކެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދުމާ ސިޓީ އެންމެ ގާތަށް ދިޔައީ 2021 ވަނަ އަހަރު އެވެ. ނަމަވެސް ފައިނަލް ގައި ޗެލްސީ އަތުން ބަލިވީ އެވެ. އަދި މިދިޔަ ސީޒަން ގައި ސިޓީ ބަލިވީ ސެމީ ފައިނަލް ގައި ރެއާލް މެޑްރިޑް އަތުންނެވެ. އަދި ގާޑިއޯލާ އާއެކު ކުއާޓާ ފައިނަލުން އެޓީމު ވަނީ ތިން ފަހަރު ކަޓައިފަ އެވެ.

ގާޑިއޯލާ ވަނީ ސިޓީއާ އެކު އޭނާގެ ކޮންޓްރެކްޓް 2025 ވަނަ އަހަރާ ހަމައަށް އިތުރު ވެސް ކޮށްފަ އެވެ. އޭނާ ބުނީ އޭނާ ކާމިޔާބު ކުރަން އެންމެ ބޭނުމީ ޗެމްޕިއަންސް ލީގު ޓްރޮފީ ކަމަށާއި، ޗެމްޕިއަންސް ލީގު ނުހޯދޭ ނަމަ ސިޓީގައި އޭނާގެ މަސައްކަތް ފުރިހަމަ ނުވާނެ ކަމަށެވެ.

"އަހަރެމެން އެކުގައި ކުރިއަށް އޮތް ދުވަސްތަކުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ކުރިން ވެސް ބުނި ހެން، އަހަރެމެން އަތުގައި ނެތް ހަމައެކަނި ތަށްޓަކީ އެއީ، އެ ހޯދަން މަސައްކަތް ކުރާނަން. މާ ލަސްތަކެއް ނުވެ އެ ކަން ވެސް ކާމިޔާބު ވާނެ ކަމުގެ އުންމީދު އަހަރެންގެ އެބަ އޮތް،" ގާޑިއޯލާ ބުންޏެވެ.

ސިޓީއާ ދެކޮޅަށް ނުކުންނައިރު ލިވަޕޫލުން މި މެޗުގައި، ވޯލްޑް ކަޕަށް ދިޔަ ކުޅުންތެރިން ބޭނުން ކުރާނެ ކަމަށް ބެލެވެ އެވެ. މެޗުގެ ކުރިން އޮތް ޕްރެސް ގައި ލިވަޕޫލްގެ އެސިސްޓެންޓް މެނޭޖަރު ޕެޕިން ލިންޑާސް ބުނީ، ކެޕްޓަން ޖޯޑަން ހެންޑަސަން އާއި، ޓްރެންޓް އެލެކްޒެންޑާ އާނޯލްޑާއި އެލިސަން ބެކާ އަދި ފަބީނިއޯ ފަދަ ކުޅުންތެރިން ތިބީ ވަރަށް އިތުބާރާ އެކު ކަމަށެވެ.

ލިވަޕޫލަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތި ވެފަ އެވެ. އަނިޔާގައި ހުރި ކާޓިސް ޖޯންސް އަށް ހަފްތާއެއް ފަހުން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށޭ ވަރު ވާނެ އެވެ. ނަމަވެސް ލުއިސް ޑިއާޒް އާއި ޑިއޯގޯ ޖޮޓާ އަދި އާތޫރު މެލޯ އަދިވެސް އަންނަނީ އަނިޔާއިން ރަނގަޅުވަމުންނެވެ.

ސިޓީގެ ދަނޑުގައި އެޓީމުން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ މެންދަމު 1 ޖަހާއިރެވެ.