Roadha Mihaaru
ހަމަލާއަކީ އެމެރިކާގެ މޫނުމަތީގައި ޖެހި އެތިފަހަރެއް: ޚާމަނާއީ

މިސައިލް ހަމަލާއަކީ އެމެރިކާގެ މޫނުމަތީގައި ޖެހި އެތިފަހަރެއް: ޚާމަނާއީ

08 ޖެނުއަރީ 2020

ތެހެރާން (ޖެނުއަރީ 8) - އީރާނުން ދިން މިސައިލް ހަމަލާ އަކީ އެމެރިކާގެ މޫނުމަތީގައި ޖެހި ވަރުގަދަ އެތިފަހަރެއް ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ޖެނުއަރީ 8) - އީރާނުން ދިން މިސައިލް ހަމަލާ އަކީ އެމެރިކާގެ މޫނުމަތީގައި ޖެހި ވަރުގަދަ އެތިފަހަރެއް ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ މިއަދު ވިދާޅުވެއްޖެ އެވެ.

"އެމެރިކާގެ މޫނުމަތީގައި އީރާނުން ރޭ ވަނީ ވަރުގަދަ އެތިފަހަރެއް ޖަހާފައި،" ގައުމީ ޓީވީން ވަގުތުން ދަައްކަމުން ދިޔަ ތަގްރީރުގައި ޚާމަނާއީ ވިދާޅުވި އެވެ.

ޚާމަނާއީ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ ދެ މަރުކަޒަކަށް އީރާނުން މިސައިލް ހަމަލާދީފައި ވަނިކޮށެވެ. އީރާނުން ބުނެފައި ވަނީ އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް 22 މިސައިލް ފޮނުވާލި ކަމަށެވެ. އަދި މިސައިލް ހަމަލާތަކުގައި އެމެރިކާގެ 80 މީހުން މަރުވި ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އެމެރިކާ އިން ބުނެފައި ވަނީ އެއްވެސް މީހަކު މަރު ނުވާ ކަމަށެވެ. އީރާނުން ހަމަލާ ދީފައި ވަނީ އެމެރިކާގެ ވައިގެ ހަމަލާތަކުގައި އަވަހާރަކޮށްލި ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ މަރުގެ ބަދަލު ހިފުމަށެވެ.

"ސުލައިމާނީގެ މަރަށް ފަހު އީރާނުގެ ވާޖިބަކީ ކޮބާ؟ މުހިންމު ހާދިސާއެއް މި ވަނީ ހިނގާފައި. ބަދަލު ހިފުމުގެ ސުވާލަކީ އެހެން މައްސަލައެއް،" ޚާމަނާއީ ވިދާޅުވި އެވެ. "ސުލައިމާނީގެ މަރުގެ ބަދަލުގައި އަސްކަރީ ފިޔަވަޅު އެޅުމަކުން ނުފުދޭ."

ޚާމަނާއީ ވިދާޅުވީ އެންމެ މުހިންމު ކަމަކީ އެމެިރކާގެ މަކަރާއި ހީލަތުން މެދުއިރުމަތީގައި ތިބޭ ތިބުން ނިމުމަކަށް ގެނައުން ކަމަށެވެ. އަދި އެމެރިކާ އިން ދަނީ ލުބުނާނުގެ ހިޒްބުﷲ ނައްތާލުމަށް މަސައްކަތް ކުރަމުން ކަމަށާއި ބޭނުމަކީ އިޒްރޭލަށް އެހީވުން ކަމަށް ވެސް ވިދާޅުވި އެވެ.