Roadha Mihaaru
ކާޑު އަގު ހެޔޮކުރަން އެސްޓީއޯ އިން މަސައްކަތް ފަށައިފި

ކާޑުގެ އަގު ހެޔޮކުރަން އެސްޓީއޯ އިން މަސައްކަތް ފަށައިފި

03 އޮކްޓޯބަރ 2016

ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން މަސައްކަތް ފަށާފައިވާ ކަމަށާއި އެކަން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން މަސައްކަތް ފަށާފައިވާ ކަމަށާއި އެކަން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ހަނޑޫ، ހަކުރު އަދި ފުށް ރާއްޖެ ގެނެސް ވިއްކުމުގައި ވީހާ ވެސް އަގުހެޔޮ ކުރެވޭނެ ގޮތްތަކެއް ހޯދަން ސަރުކާރާ އެކު މަޝްވަރާކުރަން ފަށާފައިވާ ކަމަށެވެ. އެ ގޮތުން ބަލާ ކަންކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ދަތުރުފަތުރަށް ކުރަން ޖެހޭ ހޭދަ އާއި ރާއްޖެ ގެނެސް ގުދަންކުުރުމަށް ދާ ހޭދައިގެ އިތުރުން މުޅި އެ އޮޕަރޭޝަން ކުރިއަށް ގެންދަން ހިނގާ ހޭދަ ކުޑަކުރުމެވެ.

"މިހެން އަންނަ ބަދަލެއް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށް ދޭނަން. ކާޑަކީ އެއްވެސް އިރެއްގައި އެސްޓީއޯ އަށް ފައިދާ ލާފައި ވިއްކާ އެއްޗެއް ނޫން،" ޝަހީރު ވިދާޅުވި އެވެ.

ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކުއްލިއަކަށް ކަނޑާލައި ހަމައެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުގެ އަގު ވަނީ ބޮޑުވެފަ އެވެ.

މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ. މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވާނެ އެވެ.

ކާޑުގެ ސަބްސިޑީ ކަނޑާލަން ޖެހުނީ، ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ. ފަގީރުންގެ ގޮތުގައި ބަލާ މީހުންނަށް ދޭ ސަބްސިޑީގެ އިތުރުން އެސްޓީއޯ އަށް އަދިވެސް 15 ޕަސެންޓްގެ ސަބްސިޑީއެއް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް މިދިއަ ހުކުރު ދުވަހު ސަރުކާރުން ބުނެފައިވެ އެވެ.

ރާއްޖޭގައި ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލް އަގުގައި ވިއްކަން ކާޑުގެ ތިން ބާވަތް އެތެރެކުރަނީ އެސްޓީއޯ އިންނެވެ.

ސަރުކާރުން ކުރިންސުރެ ދެމުން އައި ބޮޑު ސަބްސިޑީ ކަނޑާލައި، ކުއްލިއަކަށް ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމުން ސިޔާސީ އެކި ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ހިމެނެ އެވެ.