Roadha Mihaaru
ދުވަސްވީ މައްސަލަތައް ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަނީ

ކްރިމިނަލް ކޯޓުގައި އެއް އަހަރުވީ މައްސަލަތައް ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަނީ

09 ޖެނުއަރީ 2020

ކްރިމިނަލް ކޯޓުގައި ހުރި އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލަތަކެއް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ނިންމަން މަސައްކަތް ފަށާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކްރިމިނަލް ކޯޓުގައި ހުރި އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލަތަކެއް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ނިންމަން މަސައްކަތް ފަށާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 1،300 އަށް ވުރެ ގިނަ މައްސަލަ އެ ކޯޓުން ނިންމިއިރު 1،600 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ނިމުނުއިރު ނުނިމި ހުއްޓެވެ. އޭގެ ތެރެއިން ފަސް އަހަރު ވެފައިވާ 27 މައްސަލައެއް އޮތްއިރު، ތިން އަހަރު ވެފައިވާ 228 މައްސަލައެއް ވެސް އޮތް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އަދި އެއް އަހަރު ވެފައިވާ 744 މައްސަލައަކާއި އެއް އަހަރު ނުވާ 662 މައްސަލައެއް ވެސް މިދިޔަ އަހަރު ނިމުނުއިރު ނުނިމި އޮތް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ ކޯޓަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލަސްވެފައިވާ މައްސަލަތައް ނިންމުން ކަމަށާއި އެހެންވެ ތިން އަހަރުވީ ހުރިހާ މައްސަލައެއް މާޗް މަސް ނިމުމުގެ ކުރިން ނިންމުމަށާއި ދެ އަހަރު ވެފައިވާ މައްސަލަތައް ޖޫން މަސް ނިމުމުގެ ކުރިން ނިންމުމުގެ އިތުރުން އެއް އަހަރުވީ އެއްވެސް މައްސަލައެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުބާއްވަން މަސައްކަތް ކުރަން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި ތިން އަހަރުވީ މައްސަލަތައް އެ ކޯޓުގެ ހުރިހާ ސެކްޝަންތަކަށް ހަމަހަމަކޮށް މިހާރު ބަހާލާފައިވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 2،900 އަށް ވުރެ ގިނަ މީހުންގެ ބަންދާ މެދު ގޮތެއް ނިންމިއިރު، ހައްޔަރު ކުރުމާއި ބަލައި ފާސްކުރުމާއި ފުރުން މަނާކުރުން ހިމެނޭ ގޮތުން ތަހުގީގުތަކުގެ ބޭނުމަށް 1،400 އަށް ވުރެ ގިނަ އެކި ބާވަތުގެ ކޯޓު އަމުރު ދޫކުރި އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ހައްޔަރު ކުރުމުގެ އަމުރެވެ. އެފަދަ އަމުރުތަކުގެ ގޮތުގައި 300 އަށް ވުރެ ގިނަ އަމުރު ނެރެދީފައިވެ އެވެ.

ހައްދާއި ތައުޒީރުގެ ހުކުމްތައް ތަންފީޒު ކުރެވެނީ މަތީ މަރުހަލާގެ ކޯޓުތަކުން އެ ހުކުމެއްގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު ކަމަށް ވެފައި، މިދިޔަ އަހަރު ހުރިހާ މަރުހަލާއެއް ފުރިހަމަވެގެން އެއްވެސް މައްސަލައެއް އައިސްފައި ނުވާތީ މިދިޔަ އަހަރު އެއްވެސް މީހެއްގެ މައްޗަށް ހައްދާއި ތައުޒީރުގެ ހުކުމް ތަންފީޒު ކޮށްފައި ނުވާ ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.

ކްރިމިނަލް ކޯޓުން ބުނީ މައްސަލަތައް ނުނިމި ލަސްވުމުގެ އެންމެ ބޮޑު ސަބަބަކީ ވޭތުވެދިޔަ އަހަރުތަކުގައި އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުވުން ކަމަށެވެ. މިހާރު ނުވަ ފަނޑިޔާރުން އެ ކޯޓުގައި ތިބިއިރު، އިތުރު އެއް ފަނޑިޔާރަކު ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.