Roadha Mihaaru
"މަތީ ކޯޓުތަކަށް ތަބާނުވާ ފަނޑިޔާރުން ޒިންމާވާންޖެހޭ"

މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާނުވާ ފަނޑިޔާރުން ޒިންމާ ނަގަން ޖެހޭނެ: ހައި ކޯޓް

28 މެއި 2023

މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާނުވެ، ގޯސްކޮށް އަމަލުކުރާ ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާނުވެ، ގޯސްކޮށް އަމަލުކުރާ ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ބުނެފި އެވެ.

ހައި ކޯޓުން އެގޮތަށް ނިންމީ ރާއްޖެ އެތެރެކުރި ދެ ކިލޯ އަށް ވުރެ ގިނަ ޑްރަގް މައްސަލާގައި ހައްޔަރުކުރި ދެ ދިވެހިން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލާގަ އެވެ. އެ ދެ މީހުން ދޫކޮށްލީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ފެންނަން ނެތް ކަމަށް ބުނެ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ނިންމުމަށް ވާސިލްވި ގޮތް ފަނޑިޔާރުން ބަޔާން ކުރަންޖެހޭނެ ކަމަށް މަތީ ކޯޓުތަކުގެ ނިންމުންތަކުގައި ބަޔާން ކޮށްފައި ވިޔަސް، އެ ދެ މީހުން ދޫކޮށްލީ އެ ނިންމުމަށް ވާސިލްވި ގޮތެއް ބަޔާން ކުރުމެއް ނެތި ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ފަނޑިޔާރުންގެ ނިންމުންތަކުގައި ސަބަބު ބަޔާން ކުރަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އެތައް ނިންމުންތަކެއްގައި ދަށު ކޯޓުތަކަށް އިރުޝާދު ދީފައިވާ ކަމަށެވެ. އަދި މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވާން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ އުސޫލާ ހިލާފްވެ، އެ ނިންމުންތައް ބޮލާލައި ނުޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި އެގޮތަށް އަމަލުކުރާ ފަނޑިޔާރުން އޭގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ފަނޑިޔާރު ހުސައިން މަޒީދު ލިޔުއްވި އެ ހުކުމުގައިވެ އެވެ.

"މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށް ވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ބަޔާން ކޮށްފައިވާ އުސޫލާ ތަކުރާރުކޮށް ހިލާފްވެ، ބޮލާލައި ޖެހިގެންވާނެ ކަމަށް ނުދެކެމެވެ. އެފަދައިން ކަނޑައެޅިގެން ގޯސްކޮށް ކަންކުރާ ފަނޑިޔާރުން އެކަންކަމުގެ ޒިންމާ ނަގަންވާނެ." އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު މަޒީދުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.