Roadha Mihaaru
ލިޕްސްޓިކެއް ނޫން، އަންހެނުންގެ "ހަށިރައްކަލެއް"

ލިޕްސްޓިކެއް ނޫން، އަންހެނުންގެ "ހަށިރައްކަލެއް"

11 ޖެނުއަރީ 2020

އަންހެނުންގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން އިންޑިއާ މީހަކު އާ އީޖާދެއް ކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންހެނުންގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން އިންޑިއާ މީހަކު އާ އީޖާދެއް ކޮށްފި އެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ވަރަނާސީ އަށް ނިސްބަތްވާ ޝާމް ޗޯރައިސިއާ 600 ރުޕީސް ހަރަދުކޮށްގެން އީޖާދު މިކުރި މި ހަތިޔާރު އޮންނަނީ ލިޕްސްޓިކެއް ހެންނެވެ.

މި އާލާތުގެ ހާއްސަ ކަމަކީ އޭގައި އިންނަ ބަޓަނަކަށް ފިތައިލުމާ އެކު މެސެޖަކާ އެކު ކުޑަވަރެއްގެ ގޮވުމަކާ އެކު ފުލުހުންގެ އިމަޖެންސީ ނަމްބަރަށް ވަގުތުން ގުޅައި ހާދިސާ ރިޕޯޓްކުރުމެވެ.

ޝާމް އީޖާދުކުރި މި އާލާތަކީ ފޯނުގެ ބުލޫޓޫތާ ގުޅައިލެވޭ އަދި ޗާޖްވެސްކޮށްލެވޭ އެއްޗެކެވެ.

"ލިޕްސްޓިކް ގަން" އާ ބެހޭ ގޮތުން ޝާމް ބުނީ އޭނާގެ މި މަސައްކަތް ފުރިހަމަކޮށްލަން ނެގީ އެންމެ މަހެއްހާ ދުވަސް ކަމަށެވެ. އަދި މި އުފެއްދުމަކީ ރަސްމީކޮށް ބޭނުންކުރެެވޭ އެއްޗެއްގެ ގޮތުގައި އޭގެ ވިޔަފާރި ފެށުމަށް ޝާމް މިހާރު ވަނީ "ލިޕްސްޓިކް ގަން" ޕެޓެންޓެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ވެސް ނިންމައިފަ އެވެ.

އޭނާ ބުނިގޮތުގައި މިފަދަ އެއްޗެއް އުފެއްދުމުގެ ހިޔާލު އައީ އިންޑިއާ އަކީ އަންހެނުންނަށް ރައްކާތެރިކަން ކުޑަ ގައުމަކަށްވާތީ، އެ މީހުންނާ ދިމާވާ އެކި ހާދިސާތަކުން ސަލާމަތްތެރިކަން ހޯދިދާނެ އެއްޗަކާ ދޭތެރޭ ކުރަމުން ފިކުރުތަކެއްގެ ތެރެއިންނެވެ.

"މީތި އަތުގައި އޮންނަ އިރު ފެންނަ މީހަކަށް ހީވާނީ ހަމަ ލިޕްސްޓިކެއް ގެންގުޅެވޭހެން،" ޝާމް ބުންޏެވެ. "އެކަމަކު މިސާލަކަށް މީހެއްގެއް ފަރާތުން ހިތްނޭދޭ ކަހަލަ ކަމެއް ދިމާވާ ހާލަތެއްގައި މި ގެޖެޓް ފަސޭހައި އިން ބޭނުންކޮށްލެވޭ ރައްކާތެެރި އެއްޗަކަށް ވާނެ."

"ލިޕްސްޓިކް ގަން" ތަޖުރިބާކުރި ބަނާރަސް ހިންދޫ ޔުނިވަސިޓީގެ ދަރިވަރެއް ކަމަށްވާ ޝެފާލީ ރާއީ ބުނީ ޝާމްގެ އުފެއްދުމަކީ އަންހެނުންގެ ހަށިރައްކަލަށް އަތްދަބަހުގައި ގެންގުޅެން ވަރަށް ރަނގަޅު އުފެއްދުމެއް ކަމަށެވެ. އެހެންވެ އެ އުފެއްދުން ބާޒާރުން ލިބޭނެ ދުވަހަކަށް އިންތިޒާރުކުރެވޭ ކަމަށް ބުންޏެވެ.