Roadha Mihaaru
އެންމެ މުއްސަނދި މީހާ އަންނަ ހަފުތާގައި އިންޑިއާ އަށް

އެންމެ މުއްސަނދި މީހާ އަންނަ ހަފުތާގައި އިންޑިއާ އަށް

13 ޖެނުއަރީ 2020

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް އަންނަ ހަފުތާގައި އިންޑި އަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް އަންނަ ހަފުތާގައި އިންޑި އަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެެ.

މީޑިއާތަކުން ބުނިގޮތުގައި އެމެރިކާގެ މަހުޖަނު އިންޑިއާ އަށް ކުރާ ދަތުރުގައި މި މަހުގެ 15-16 އަށް ވެރިރަށް ނިއު ދިއްލީގައި ބާއްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ފޯރަމެއްގައި ވެސް ބައިވެރިވާނެ އެވެ. އަދި މި ދަތުރުގެ ތެރެއިން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިއާގެ ބޮޑެތި ވިޔަފާވެރިންނާ ވެސް ޖެފް ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އެމެޒޯނުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެ ކުންފުންޏަކީ އޮންލައިން ވިޔަފާރީގައި އިންޑިއާގައި އެންމެ ނަގާ ކިޔާ ކުންފުނި ވެސް މެ އެވެ. އެމެޒޯން އިން ގާއިމުކޮށްފައިވާ އެ ކުންފުނީގެ އެންމެ ބޮޑު އޮފީސް އިމާރާތް ވެސް ހުންނަނީ އިންޑިއާގަ އެވެ. ބެންގަލޫރުގައި ތަރައްގީކޮށްފައިވާ އެ އޮފީސް ރަސްމީކޮށް ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އެވެ.

އިންޑިއާގައި މަސައްކަތްކުރާ އެމެޒޯންގެ ދާއިމީ މުވައްޒަފުންގެ އަދަދު 60،000 އަށް ވުރެ ގިނަ އެވެ. އަދި 155،000 މުވައްޒަފުން އެ ކުންފުންޏަށް އިންޑިއާގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރެ އެވެ.

މީޑިއާތަކުން ބުނިގޮތުގައި ބޭރު ކުންފުނިތަކުން އިންޑިއާގައި ކުރަމުން އަންނަ އޮންލައިން ވިޔަފާރިތަކަށް މިދިޔަ އަހަރު އެ ގައުމުގެ ސަރުކާރުން ތަންކޮޅެއް ތާށި އުސޫލުތަކެއް ހަމަޖައްސައިފައިވާތީ ޖެފްގެ ދަތުރުގެ ތެރޭގައި އެ މައްސަލަ އަށް ވަރަށް ބޮޑަށް އަލިއަޅުވައިލާނެ އެވެ.

ޖެފް، 56، ގެ މިލްކިއްޔާތު 115 ބިލިއަން ޑޮލަރަށް އަރަ އެވެ.