Roadha Mihaaru
އެމެޒޯންގެ އާ ސީއީއޯ މަގާމާ ހަވާލުވެއްޖެ

އެމެޒޯންގެ އާ ސީއީއޯ މަގާމާ ހަވާލުވެއްޖެ

07 ޖުލައި 2021

އޮންލައިން ވިޔަފާރީގައި ރަސްކަންކުރާ އެމެރިކާގެ މަޝްހޫރު ކުންފުނި އެމެޒޯންގެ އާ ސީއީއޯ އެންޑީ ޖެސީ ހޯމަ ދުވަހު ރަސްމީކޮށް ކުންފުނި ހިންގެވުމާ ހަވާލުވެވަޑައިގެންފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮންލައިން ވިޔަފާރީގައި ރަސްކަންކުރާ އެމެރިކާގެ މަޝްހޫރު ކުންފުނި އެމެޒޯންގެ އާ ސީއީއޯ އެންޑީ ޖެސީ ހޯމަ ދުވަހު ރަސްމީކޮށް ކުންފުނި ހިންގެވުމާ ހަވާލުވެވަޑައިގެންފި އެވެ.

ކުރިން 53 އަހަރުގެ އެންޑީ ހުންނެވީ އެމެޒޯންގެ ވެބް ސާވިސްގެ ޗީފް އެކްޒެކެޓިވްގެ މަގާމުގަ އެވެ. އެއީ 2003 އިން ފެށިގެންނެވެ.

އެމެޒޯންގެ ސީއީއޯގެ މަގަމާ އެންޑީ ހަވާލުވެވަޑައިގަތީ ކުންފުނީގެ ވެރިޔާ އަދި މަހުޖަނު ޖެފް ބެޒޯސް އެ މަގާމު ދޫކޮށްލެއްވުމާ ގުޅިގެންނެވެ. އޭނާ ސީއީއޯގެ މަގާމު ދޫކޮށްލައްވަން ނިންމެވިކަން އިއުލާންކުރެއްވީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އެމެޒޯންގެ ސީއީއޯގެ މަގާމު ބެޒޯސް ދޫކޮށްލެއްވީ 27 އަހަރު އެ މަގާމު ފުރުއްވުމަށް ފަހު އެވެ. ކުންފުނީގެ ސީއީއޯގެ މަގާމު ދޫކޮށްލެއްވި ނަމަވެސް އެމެޒޯންގެ ކަންކަމުގައި އަބަދު ވެސް އޭނާގެ ބައިވެރިވުން އޮންނާނެ އެވެ. އެގޮތުން މިހާރު ބެޒޯސް ހިމަނާފައި ވަނީ ކުންފުނީގެ އެކްޒެކެޓިވް ޗެއާގެ ގޮތުގަ އެވެ.

މި ވަގުތު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުންނެވި ބެޒޯސް، 57، ގެ އެމެޒޯން އަކީ ދުނިޔޭގެ އެންމެ ކާމިޔާބު ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. އެ ކުންފުނީގެ އަގު މިހާރު ޓްރިލިއަން ޑޮލަރަށް އަރާ އިރު، ބެޒޯސްގެ އަމިއްލަ މިލްކިއްޔާތު މިހާރު 202.5 ބިލިއަން ޑޮލަރަށް އަރަ އެވެ.

ބެޒޯސް މިހާރު ގެންދަވަނީ މި މަހުގެ 20 ގައި އޭނާގެ ސްޕޭސް ކުންފުނި ބްލޫ އޮރިންގެ އުޅަނދު "ނިއު ޝެފަޑް" ގައި ޖައްވީ ދަތުރަށް ފުރާވަޑައިގަތުމަށެވެ.