Roadha Mihaaru
އެމެޒޯންގައި މެރުއާނާ ވިއްކުމުން ދައުވާކޮށްފި

އިންޑިއާގައި އެމެޒޯން އިން މެރުއާނާ ވިއްކުމުން ކުންފުނީގެ އިސްވެރިންތަކަކަށް ދައުވާކޮށްފި

22 ނޮވެމްބަރ 2021

ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ފިހާރަ އެމެޒޯންގެ އިންޑިއާގެ ވެބްސައިޓް މެދުވެރިކޮށް، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެރުއާނާ ވިއްކި މައްސަލައެއް ފެންމަތިވެ، އެ ކުންފުނީގެ އިންޑިއާގެ އިސްވެރިންތަކަކަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ފިހާރަ އެމެޒޯންގެ އިންޑިއާގެ ވެބްސައިޓް މެދުވެރިކޮށް، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެރުއާނާ ވިއްކި މައްސަލައެއް ފެންމަތިވެ، އެ ކުންފުނީގެ އިންޑިއާގެ އިސްވެރިންތަކަކަށް ދައުވާކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެމެޒޯން އިން 20 ކިލޯ މެރުއާނާ ގަނެ އެތަކެތި ޓްރެފިކްކުރަމުން ދިޔަ ދެ މީހަކު މި މަހުގެ 14 ވަނަ ދުވަހު މަދިއަ ޕްރަދޭޝް އިން ހައްޔަރުކޮށްފައިވެ އެވެ. އެ މީހުން ދިން ބަޔާނުގައި ބުނެފައި ވަނީ އެ ތަކެތި ގަތީ އެމެޒޯންގެ އިންޑިއާ ވެބްސައިޓް މެދުވެރިިކޮށެވެ. އަދި މި މައްސަލައިގެ ތަހުގީގު ފަށައި، އެމެޒޯންގެ އިންޑިއާގެ އެކްޒެކެޓިވުންތަކަކަށް ދައުވާކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުންނެވެ. ނަމަވެސް ދައުވާކުރާ އެކްޒެކެޓިވުންގެ އެއްވެސް ވަނަވަރެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނި ގޮތުގައި ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އެމެޒޯންގެ އިންޑިއާ ވެބްސައިޓް މެދުވެރިކޮށް މިހާތަނަށް 1،000 ކިލޯގެ މެރުއާނާ އޮންލައިންކޮށް ވިއްކާފައިވެ އެވެ. އޭގެ އަގު 148،000 ޑޮލަރަށް އަރަ އެވެ.

މިކަމާ ގުޅުގެން އެމެޒޯން އިން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނީ ގޮތުން ހުއްދަނުކުރާ އެއްވެސް އެއްޗެއް އެމެޒޯންގައި ލިސްޓްކޮށް ވިއްކުމަކީ މަނާކަމެއް ކަމަށެވެ. އަދި އިންޑިއާގައި އެ ކުންފުނިން އޮންލައިންކޮށް މެރުއާނާ ވިއްކި ކަމަށް ބުނާ މައްސަލައާ ބެހޭ ގޮތުން ރަަސްމީކޮށް އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ބުންޏެވެ.

"އެކަމަކު އަަހަރުމެން މި އަންނަނީ މިއީ ކިހިނެއް ހިނގައިދިޔަ ކަމެއްތޯ ބަލަމުން." ބަޔާނުގައި ބުންޏެވެ.

އެމެޒޯން އަކީ އިންޑިއާގައި އެންމެ ފުޅާކޮށް އޮންލައިން ވިޔަފާރި ހިންގާ ކުންފުންޏެވެ.

އެ ގައުމަކީ މި ފަހުން މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ގައުމެކެވެ. އަދި މިކަމުގެ ތެރެއިން މި ފަހުން އެންމެ ބޮޑަށް ސަމާލުކަމަށް އައިސްފައި ވަނީ މަސްތުވާތަކެއްޗާ ގުޅުން އޮންނަ ކަމަށް ބެލެވޭ މަޝްހޫރު މީސްމީހުންގެ ވާހަކަތަކެވެ.