Roadha Mihaaru
ތަރައްގީވާނީ އާމްދަނީގެ ފަރަގު ނައްތާލެވިގެން: ރައީސް

އާމްދަނީގެ ފަރަގު ނައްތައިނުލެވި ތަރައްގީއެއް ނުކުރެވޭނެ: ރައީސް

15 ޖެނުއަރީ 2020

އެންމެ ކުޑަ އާމްދަނީ ލިބޭ މީހުންގެ ނިސްބަތް މާލެ އާއި އަތޮޅުތަކާ ދެމެދު ބޮޑު ފަރަގެއް އެބަަހުރި ކަމަށާއި އެ ފަރަގު ނައްތައި ނުލައި ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެންމެ ކުޑަ އާމްދަނީ ލިބޭ މީހުންގެ ނިސްބަތް މާލެ އާއި އަތޮޅުތަކާ ދެމެދު ބޮޑު ފަރަގެއް އެބަަހުރި ކަމަށާއި އެ ފަރަގު ނައްތައި ނުލައި ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އިންތިޒާމް ކޮށްގެން ކުޅުދުއްފުށީގައި ބާއްވާ "ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ފައްޓަވައިދެއްވައި، އެ ކޮންފަރެންސްގައި ރައީސް ވިދާޅުވީ ވަޒީފާގައި އުޅޭ މީހުންނާއި ލިބޭ އާމްދަނީ އަށް ބެލިޔަސް އަތޮޅުތަކާއި މާލެއާ ދެމެދު ބޮޑު ފަރަގެއް އެބަހުރި ކަަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި ތައްޔާރުކޮށްފައިވާ ރިޕޯޓުން އާމްދަނީގެ ފަރަގު އޮތް މިންވަރު ފެނިވަޑައިގެންނެވި ކަމަށެވެ.

ރާއްޖޭގައި ބަލާ މިންގަނޑުން ފަގީރެއްގެ ގޮތުގައި ބަލަނީ އެންމެ މަދުވެގެން ދުވާލަކަށް 74 ރުފިޔާ ނުލިބޭ ނަމަ އެވެ.

"މާލޭގައި މިއަދަދު ނުލިބޭ މީހުންގެ ޕަސެންޓޭޖަކީ، ވަޒީފާ އަދާކުރާ މީހުންގެ ޕަސެންޓޭޖަކީ 1.7 ޕަސެންޓް. އެއާ ހިލާފަށް އަތޮޅުތަކުގައި އެބަ އުޅޭ 12.8 ޕަސެންޓް. މި ފަަރު ނައްތާލަން އަޅުގަނޑުމެން މިއުޅެނީ. މި ފަރަގު ނައްތާ ނުލެވިއެއް މި ރާއްޖެއަކަށް ތަރައްގީއެއް ނުގެނެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީ ކުރުމަކީ މާލެ ކައިރީގައި އޮތް ތަނެއް ނުވަތަ ހަމަ އެކަނި މާލެ ތަރައްގީ ކުރުމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީން ކުޅުދުއްފުށީގައި ބާއްވާ ކޮންފަރެންސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވަޑައިގަންނަވަނީ.

އެމްޑީޕީން ކުޅުދުއްފުށީގައި ބާއްވާ ކޮންފަރެންސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވަޑައިގަންނަވަނީ.

ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި ތިލަދުންމަތީގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއު ހިންގަން ހިމަނާފައިވާ ކަމަށާއި އެގޮތުން ގާތްގަނޑަކަށް 200 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް ހިމަނާފައިވާ ކަމަށެވެ. އެއީ ވަޒީފާތަކެއް އުފެދިގެން ދާނެ މަޝްރޫއުތަކެއް ކަމަށާއި އެ ވަޒީފާތަކަށް މީހުން އުފެއްދުމުގައި ކައުންސިލްތަކުގެ ދައުރެއް އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި މައްސަައްކަތްތަކަށް ބޭނުންވާނެ މީހުން އުފެއްދުމަކީ ކައުންސިލްތަކުގެ ވަރަށް މުހިއްމު ދައުރެއް އޮތް ކަމެއް،" ރައީސް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި މިއަދު ފެށި ބައްދަލުވުމުގައި އެކަންކަމާ މެދު މަޝްވަރާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއަދުގެ ކޮންފަރެންސްގައި އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީ އަށް ނިސްބަތްވާ މިނިސްޓަރުންނާއި ރައްޔިތުުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަަވަ އެވެ.