Roadha Mihaaru
މިއީ އިގުތިސޯދަށް ވެސް ދިން ހަމަލައެއް: ރައީސް

މިއީ އިގްތިސޯދަށް ވެސް ދިން ހަމަލާއެއް، ތަހުގީގުގަށް އޮސްޓްރޭލިއާގެ ފުލުހުން ރާއްޖެ އަންނާނެ: ރައީސް

07 މެއި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއަކީ ރާއްޖޭގެ އިގްތިސޯދަށާއި ޑިމޮކްރަސީއަ ށް ވެސް ދިން ހަމަލާއެއް ކަމަށާއި އެ މައްސަލައިގެ ތަހުގީގަށް އޮސްޓްރޭލިއާގެ ފުލުހުން މާދަމާ އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއަކީ ރާއްޖޭގެ އިގްތިސޯދަށާއި ޑިމޮކްރަސީއަ ށް ވެސް ދިން ހަމަލާއެއް ކަމަށާއި އެ މައްސަލައިގެ ތަހުގީގަށް އޮސްޓްރޭލިއާގެ ފުލުހުން މާދަމާ އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، ބާރުގަދަ އެއްޗެއް ގޮއްވާލައި ނަޝީދަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ. އެ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ.

ނަޝީދާއެކު ޖުމުލަ ފަސް މީހަކަށް މި ހާދިސާގައި އަނިޔާ ލިބުނެވެ. އޭގެ ތެރޭގައި އެ މަނިކުފާނުގެ ތިން ބޮޑީގާޑަކު ހިމެނެ އެވެ.

އެ ހާދިސާއަށް ދުނިޔެ އާއި ރާއްޖެ ހުއްޓިފައިވަނިކޮށް، ގައުމާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ދިނުމަށް އިތުރު އޮޕަރޭޝަނެއް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނާއި ސިފައިން ތަހުގީގުކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމަށް ބޭރުގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން ސަރަަހައްދު ސަލާމަތީ ބާރުތަކުން ބަލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން ސަރަަހައްދު ސަލާމަތީ ބާރުތަކުން ބަލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން މި އަންނަނީ ހޯދަމުން. މިގޮތުން އޮސްޓްރޭލިއާ ފެޑަރަލް ޕޮލިސް އެ ތަހުގީގުގައި ބައިވެރިވުމަށް އަންނަ ހޮނިހިރު ދުވަހު [މާދަމާ] ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި،" ރައީސް ވިދާޅުވި އެވެ.

"މި ހަމަލާގެ ތަހުގީގު ވީހާ ވެސް އަވަހަކަށް ނިންމައި މި ކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތައް އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަހުގީގީ އިދާރާތަކަށް އަޅުގަނޑު މިހާރު އަންގައިފިން. މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި އިގުތިސޯދަށް ވެސް ދިން ހަމަލާއެއް."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި، އެފަދަ ހަމަލާތަކަށް ދިވެހި ބިމުގައި އެއްވެސް ޖާގައެއް ނޯންނާނެ އެވެ. އަދި އެކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއް ނެތި އަޅާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ނަޝީދަށް ދިން ހަމަލާ އެކި ފަރާތްތަކުން އަންނަނީ ކުށްވެރިކުރަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސުންނާއި ޑިޕްލޮމެޓުން ހިމެނެ އެވެ. މުޅި ސޯޝަލް މީޑިއާ ވެސް ފުރާލާފައިވަނީ އެ މަނިކުފާނަށް ހެޔޮ އެދޭ މެސެޖުތަކުންނެވެ.