Roadha Mihaaru
ޓްރާންޝިޕްމެންޓް ބަނދަރަކުން އަދިވެސް ފައިދާ ނެގޭނެ

ޓްރާންޝިޕްމެންޓް ބަނދަރަކުން ރާއްޖެއަށް އަދިވެސް ބޮޑު ފައިދާއެއް ވާނެ: ފައްޔާޒް

15 ޖެނުއަރީ 2020

ޓްރާންޝިޕްމަންޓް ބަނދަރަކުން ރާއްޖެއަށް އެންމެ ބޮޑު ފައިދާ ލިބުމުގެ ވަގުތު މިހާރު ފާއިތުވެފައި ވިޔަސް އެފަދަ ބަނދަރަކުން އަދިވެސް ބޮޑު ފައިދާއެއް ނެގިދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު، ކުޅުދުއްފުށީގައި، ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓްރާންޝިޕްމަންޓް ބަނދަރަކުން ރާއްޖެއަށް އެންމެ ބޮޑު ފައިދާ ލިބުމުގެ ވަގުތު މިހާރު ފާއިތުވެފައި ވިޔަސް އެފަދަ ބަނދަރަކުން އަދިވެސް ބޮޑު ފައިދާއެއް ނެގިދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު، ކުޅުދުއްފުށީގައި، ވިދާޅުވެއްޖެ އެވެ.

"ތިލަދުންމަތީ އިރުވައި ކޮންފަރެންސް"ގެ ނަމުގައި އެމްޑީޕީން ފެށި ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ޓްރާންޝިޕްމަންޓް ބަނދަރެއް ރާއްޖޭގައި ނުހެދި ލަސްވި އިރު އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާގައި އެފަދަ ބަނދަރުތައް މިހާރު ހަދާފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ބަނދަރަކުން ލިބެން އޮތް އެންމެ ބޮޑު ފައިދާ ނުލިބޭނެ ފަދަ ހާލަތެއް މިހާރު އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު "އަޅުގަނޑުމެން ބަލާ ބެލުމުގައި އެންމެ ސީދާ ރޫޓަކަށް އަދިވެސް އޮތީ ދިވެހިރާއްޖެ. އެހެން ދިމަދިމާލަށް ދަންޏާ ކުޑަކޮށް ރޫޓް ބަދަލުކޮށްްލައިގެން މި ދެވެނީ. އެހެންވީމާ އެ އެޑްވާންޓޭޖް އަޅުގަނޑުމެންނަށް އެބަ އޮތް،" ފައްޔާޒު ވިދާޅުވި އެވެ.

"މީގެ ދިރާސާތައް އިރާދަކުރެއްވިއްޔާ ފެބްރުއަރީ މަސް ނިމޭ ހިސާބަށް އަޅުގަނޑުމެންނަށް ލިބޭނެ."

އޭނާ ވިދާޅުވީ ޓްރާންޝިޕްމެންޓް ބަނދަރުގެ މަޝްރޫއު ކާމިޔާބު ވެއްޖެ ނަމަ ދުރު ރާސްތާގައި އެއީ ޓޫރިޒަމް އިންޑަސްޓްރީއަށް ވުރެ ވެސް ބޮޑު އިންޑަސްޓްރީއަކަށް ވުން އެކަށީގެންވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ތިލަދުންމަތީގައި ޓްރާންޝިޕްމެންޓް ބަނދަރެއް ހަނދަން އިންވެސްޓްކުރާނެ ބަޔަކު ހޯދަން އެކި ގައުމުތަކާ އެކު ސަރުކާރުން އަންނަނީ ވާހަކަދައްކަމުންނެވެ.

"އިންވެސްޓްމެންޓްތަައް ހޯދުމަށްޓަކައި އަޅުގަނޑުމެން މިހާރު ވެސް މިދަނީ އަޅުގަނޑުމެންނާ ގުޅުން ހުރި ގައުމުތަކާ ވެސް ވާހަކަ ދައްކަމުން. އޭގެ ތެރޭގައި ސައުދީ އެރެބިއާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް [ޔޫއޭއީ]، އިންޑިއާ، އެމެރިކާ އަދި މިފަދަ ތަންތަނުގެ އިންވެސްޓަރުންނާ ވެސް ވާހަކަ ދައްކަމުން މިދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމެންޓް ބަނދަރެއް ހެދުމަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދައުރުން ފެށިގެން އެކި ސަރުކާރުތަކުން ދައްކަމުން އައި ވާހަކައެކެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަޝްރޫއަށް "އައިހަވަން"ގެ ނަން ދީގެން، އިންވެސްޓަރުން ހޯދަން މަސައްކަތްކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ވައުދެއްގެ ގޮތުގައި ވެސް އެ ވާހަކަ ދައްކަވައިފަ އެވެ.