Roadha Mihaaru
ޗައިނާގެ އެފްޓީއޭ އަންނަނީ ރިވިއު ކުރަމުން: ފައްޔާޒު

ޗައިނާގެ ފްރީ ޓްރޭޑް އެގްރީމެންޓް އަންނަނީ ރިވިއުކުރަމުން: ފައްޔާޒު

12 ޖެނުއަރީ 2022

ރާއްޖެ އާއި ޗައިނާއާ އެކު ވެފައިވާ، ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް އަމަލު ކުރާނެތޯ ނުވަތަ ނޫންތޯ ބެލުމަށް ސަރުކާރުގެ ފެންވަރުގައި އެ އެއްބަސްވުން މުރާޖައާ ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އާއި ޗައިނާއާ އެކު ވެފައިވާ، ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް އަމަލު ކުރާނެތޯ ނުވަތަ ނޫންތޯ ބެލުމަށް ސަރުކާރުގެ ފެންވަރުގައި އެ އެއްބަސްވުން މުރާޖައާ ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި ޗައިނާ އިން ސޮއިކޮށްފައިވާ އެފްޓީއޭ ތަންފީޒު ކުރުމާ ގުޅޭ ގޮތުން "މިހާރު" އަށް ފައްޔާޒު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެ އަށް ފައިދާ ވާނީ ކޮންކޮން ގޮތްތަކަކުންތޯ ބަލަމުން އަންނަ ކަމަށެވެ.

"ރާއްޖެ އަށް އޭގެ ހުރި މަންފާތައް މި ބަލަނީ. ގަވަމެންޓް ލެވެލްގައި މި މަޝްވަރާތައް ކުރިއަށް ދަނީ. މިކަމުގައި ޗައިނާއާ އެކު މަޝްވަރާއެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

ޗައިނާއާ އެކު ދިވެހި ސަރުކާރުން ހަދާފައިވާ އެފްޓީއޭ އަށް ވީ އެންމެ އަވަހަށް އަމަލު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް، ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ވެސް ވިދާޅުވެފައިވެ އެވެ.

ފައްޔާޒު ވިދާޅުވިގޮތުގައި، އެފްޓީއޭއާ ގުޅިގެން ދިވެހި ސަރުކާރަށް ގޮތެއް ނިންމޭނެ ދުވަހެއް ވިދާޅުވާން އަދި ދައްޗެވެ. މި ވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ރައީޝް ޝީ ޖިން ޕިން އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަލާމް ކުރައްވަނީ--ފޮޓޯ:މިހާރު

ޗައިނާގެ ރައީޝް ޝީ ޖިން ޕިން އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަލާމް ކުރައްވަނީ--ފޮޓޯ:މިހާރު

އެފްޓީއޭ އަށް އަމަލު ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުން ގެންދާއިރު، ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު އެފްޓީއޭއެއް ހެދުމުން އެންމެ ބޮޑަށް ފާޑުކީ މި ސަރުކާރުގެ އިސް މަގާމުތަކުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުންނެވެ.

ފައްޔާޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެފްޓީއޭ އަށް އަމަލުކޮށްފި ނަމަ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ އެވެ. އޭނާ ވިދާޅުވީ އެ އެއްބަސްވުން އޮތީ ޗައިނާ ކޮޅަށް ބުރަވެ ނިމިފައި ކަމަށާއި މިހާރު އެ އެއްބަސްވުން އޮތް ގޮތަށް އަމަލު ކުރަން ބޭނުން ނުވާ ކަމަށެވެ.

ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެ ގައުމުން ސޮއިކުރީ ކުރީގެ ރައީސް ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ޑިސެމްބަރު 18، 2014 ގަ އެވެ. އެ އެއްބަސްވުން ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން ނޮވެމްބަރު 29، 2017 ގަ އެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ އެފްޓީއޭގެ ސަބަބުން މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ. އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީ އަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.