Roadha Mihaaru
ގަން އެއާޕޯޓުގެ މަޝްރޫއުގައި ވަރަށް އަވަހަށް ސޮއިކުރަނީ

ގަން އެއާޕޯޓުގެ މަޝްރޫއުގައި ދެ ތިން މަސް ތެރޭގައި ސޮއިކުރަނީ

27 ސެޕްޓެމްބަރ 2022

ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއުގައި ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ސޮއިކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއުގައި ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ސޮއިކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން ރާއްޖެ އަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން، ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

އެ މަޝްރޫއުގެ ދަށުން ޑޮމެސްޓިކް ޓާމިނަލަކާއި ސަޕޯޓު އިންފްރާސްޓްރަކްޗާ ހަދާނެ އެވެ.

އިގްތިސާދާ ބެހޭ ވަޒީރު "މިހާރު" އަށް ވިދާޅުވީ، އެ މަޝްރޫއަށް ޝަރުތު ހަމަވާ ހަތް ކުންފުންޏެއްގެ މައުލޫމާތު އެގްޒިމް ބޭންކުން މި ފަހުން ފޮނުވާފައިވާ ކަމަށެވެ. އެ ކުންފުނިތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވައިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީލަން މަރުހަލާ ނިންމައި، ފައްޔާޒު ވިދާޅުވިގޮތުގައި ކުރިއަށް އޮތް 2-3 މަސް ދުވަހުގެ ތެރޭގައި ގަން އެއާޕޯޓު ބޮޑުކުރަން ސޮއިކުރާނެ އެވެ.

އޭނާ ވިދާޅުވީ، ގަން އެއާޕޯޓާއެކު ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. ވަޒީފާތައް އުފެދި، ސިއްހަތާއި ތައުލީމީ ދާއިރާ ކުރިއަރައިގެންދާއިރު އެ ސަރަހައްދުގައި މީހުން އާބާދުވުން އިތުރުވެ، މާލެއަށް މީހުން ބަދަލުވުން މަދުވާނެ ކަމަށް ވިދާޅުވި އެވެ.

ގަން އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއުގައި ސޮއިކުރަން ތައްޔާރުވިއިރު، ސަރުކާރުން ވަނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރަން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ކުންފުންޏާއެކު މިިދިޔަ އާދިއްތަ ދުވަހު ސޮއިކޮށްފަ އެވެ.

އެ މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިމުމުން އަހަރަކު 1.3 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.