Roadha Mihaaru

ކުއްޖާ އަށް ނުރައްކާ އޮތް މިންވަރު އެއްވެސް މުއައްސަސާ އަކަށް ކުރިއަކުން ނޭނގޭ!

ގއ. ކަނޑުހުޅުދޫގައި ރޭޕްގެ އަނިޔާ ލިބުނު ތުއްތު ކުއްޖާ އަށް ނުރައްކާ އޮތް މިންވަރު އެއްވެސް މުއައްސަސާ އަކަށް ކުރިއަކުން ނޭނގޭ ކަމަށް އެ ތަންތަނުން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ރޭ ބުނެފި އެވެ.

ކުއްޖާއަށް ނުރައްކާ އޮތް މިންވަރެއް ނޭނގޭ!
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

19 ޖެނުއަރީ 2020

ގއ. ކަނޑުހުޅުދޫގައި ރޭޕްގެ އަނިޔާ ލިބުނު ތުއްތު ކުއްޖާ އަށް ނުރައްކާ އޮތް މިންވަރު އެއްވެސް މުއައްސަސާ އަކަށް ކުރިއަކުން ނޭނގޭ ކަމަށް އެ ތަންތަނުން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ރޭ ބުނެފި އެވެ.

ދެ އަހަރު ނުފުރޭ އަންހެންކުއްޖާ ރޭޕްކުރި މައްސަލައިގައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އަދި ކަނޑުހުޅުދޫ ކައުންސިލުން ވެސް ބުނީ ކުއްޖާ އަށް ނުރައްކަލެއް އޮތް މިންވަރު ކުރިން އެއްގޮތަކަށް ވެސް ބެލިފައި ނެތް ކަމަށެވެ.

އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ފުލުހުން ކުރަނީ އުމުރުން 62 އަހަރުގެ ކާފަ އާއި 82 އަހަރުގެ މުނިކާފަގެ މައްޗަށެވެ. ކުއްޖާގެ ބައްޕަ އަށް ކުރަނީ އެ ކުއްޖާ ބެލުމުގައި އިހުމާޅުވި މައްސަލަ އެވެ. އޭނާ ގެންދަނީ ތަހުގީގަށް އެއްބާރުލުން ދެމުން ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

އެ ތިން މީހުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށް ވަނީ ތަހުގީގަށް 15 ދުވަހަށް ބަންދުކޮށްފަ އެވެ.

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ކުއްޖާގެ މުނިކާފަ ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް 2018 ގައި ތަހުގީގުކޮށް ވަނީ ދައުވާ އުފުލައިފަ އެވެ. އެ ދައުވާގެ އަޑުއެހުމެއް މިދިޔަ އަހަރު ބޭއްވި އެވެ.

މި މައްސަލައިގައި މުނިކާފަ ހައްޔަރު ނުކޮށް، ދޫކޮށްލާފައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދަނީ އޭނާގެ އުމުރަށް ބަލާފައި ކަމަށް ފުލުހުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ބުންޏެވެ.

ކޮމިޓީގެ މުގައްްރިރު އަދި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މުހައްމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ކޮމިޓީގައި ވިދާޅުވީ، ކުއްޖާގެ މައިންބަފައިންގެ މަސްތުވާތަަކެތީގެ މައްސަލަތައް އޮތް ކަމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު މުނިކާފަ އަށް އޮތް ކަން ވެސް މިނިސްޓްރީ އަށް ކުރިއަކުން ނޭނގޭ ކަމަށެވެ.

ކުއްޖާ އަށް ނުރައްކާ އޮތް މިންވަރު ކުރިން ނޭނގޭ ކަމަށް ޖެންޑާ މިނިސްޓަރާއި އެހެން މުއައްސަސާތަކުން ބުނަން ފެށުމުން، ކޮމިޓީގެ މުގައްރަރާއި އެހެން ބައެއް މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެހެންވެ، މަސްތުވާތަކެތީގެ މައްސަލައިގައި ކުއްޖާގެ މައިންބަފައިންނަށް ދައުވާ ކޮށްފައި ވުމާއި އެ ކުއްޖާއާ އެއް ގެއެއްގައި އުޅޭ މުނިކާފަ އަކީ ޖިންސީ ގޯނާކުރި ކަމުގެ ދައުވާ އުފުލިފައިވާ މީހަކަށް ވުމުން އެއީ ނުރައްކަލެއް ކަމަށް ނުނިންމޭނެތޯ ވިދާޅުވެ، ޖީހާން ސުވާލު ކުރެއްވި އެވެ.

އޭގެ ޖަވާބުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަަތައް އޮންނަ އާއިލާތަކުގެ ތެރޭގައި މިހާރު ވެސް ގިނަ އަދަދެއްގެ ކުދިން ދިރިއުޅެމުން އަންނަ ކަމަށެވެ. އަދި ސީދާ ބޮޑު ނުރައްކަލެއް އޮވެގެން ނަގާ ނެގުމެއް ފިޔަވައި، އެ ހުރިހާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ކުރެވޭ ވަރު ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ދާއޫދު ވިދާޅުވި ގޮތުގައި އެކަން އެގޮތަށް ކުރާ ނަމަ ދައުލަތުން ބޮޑު ޚަރަދެއް ވެސް ހިނގާނެ އެވެ.

އުމުރުން ދެ އަހަރު ނުވާ ކުއްޖާ ރޭޕްކުރި މައްސަލާގައި ރޭ ބޭއްވި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ޖަވާބުދާރީ ވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އުމުރުން ދެ އަހަރު ނުވާ ކުއްޖާ ރޭޕްކުރި މައްސަލާގައި ރޭ ބޭއްވި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ޖަވާބުދާރީ ވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިނިސްޓަރު ޝިދާތާ ވިދާޅުވީ، ކުއްޖެއްގެ ރައްކާތެރިކަމާ މެދު ކިރިޔާ ވެސް ސުވާލެއް އުފެދޭ ކަން އެނގިއްޖެ ނަމަ އެކަން ބަލައި ،އާއިލާގެ އެހެން މެމްބަރުންނާ ހަވާލުކޮށްގެން ވިޔަސް ރައްކާތެރިކަން ހޯދައިދޭން ޖެންޑާ މިނިސްޓްރީން މަސައްކަތް ކުރާ ކަމަށެވެ.

"މި ކުއްޖާގެ ހާލަތުގައި، ކުރިން ވެސް ފާހަގަކުރި ހެން 15 ޖެނުއަރީގައި އަޅުގަނޑުމެންނަށް ރިޕޯޓެއް އައުމުގެ ކުރިންނެއް، އަޅުގަނޑުމެންގެ މައުލޫމާތުތަކު ތެރެއަކު ނެތް އެ ކުއްޖާއާ ގުޅުން ހުރި ތިޔަ ފަދަ އެއްވެސް މައުލޫމާތެއް،" ކުއްޖާގެ މައިންބަފައިންނަކީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ބަޔަކަށް ވުމުގެ އިތުރުން ކާފަ އާއި މުނިކާފަ އަށް ކުރާ ޖިންސީ ގޯނާގެ މައްސަލަ ކޮމިޓީގެ މެމްބަރުންނާއި ފުލުހުން ކަންބޮޑުވުމާ އެކު ފާޅުކުރެއްވުމުން ޝިދާތާ ވިދާޅުވި އެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަހުމަދު ޝަހީމް ކޮމިޓީ އަށް ޖަވާބުދާރީވެވަޑައިގަތީ ރަށުގައި ހުންނަވައި ފޯނު މެދުވެރިކޮށެވެ.

ކޮމިޓީގެ މުގައްްރިރު އަދި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ކޮމިޓީގައި ވިދާޅުވީ، ކުއްޖާގެ މައިންބަފައިންގެ މަސްތުވާތަަކެތީގެ މައްސަލަތައް އޮތް ކަމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު މުނިކާފަ އަށް އޮތް ކަން ވެސް މިނިސްޓްރީ އަށް ކުރިއަކުން ނޭނގޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ކުއްޖާ އަށް ނުރައްކަލެއް އޮތްކަން ކައުންސިލަށް ރަސްމީކޮށް އެނގިފައި ނެތް ކަމަށެވެ. ފުލުހުންނަށް ނުވަތަ ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭ މައްސަލައެއް އެއްވެސް ރައްޔިތެއްގެ ފަރާތުން އެނގޭ އިރަށް ކައުންިސލުން އެ މައްސަލައެއް އެ އިދާރާތަކަށް ހުށަހަޅާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ކުއްޖާ ރޭޕްކުރި މައްސަލަ ފެންމަތިވުމާ އެކު، ކަމާ ގުޅޭ އިދާރާތަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ހާޒިރުކޮށް، ސުވާލުކުރިއިރު، ފާހަގަވި އެންމެ ބޮޑު އެއް ކަމަކީ މިފަދަ ކަންކަން ހިނގަނީ ނިޒާމު ދޯދިޔާވުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން މޮނީޓާ ކުރުން ނެތިގެން ކަމެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ނެރު ބަޔާނެއްގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ހުރިހާ މައްސަލަތަކެއް ވެސް މަޖިލީހުން ބަލާނެ ކަމަށެވެ.

"ކުޑަކުދިންނާ ގުޅޭ މިފަދަ ހުރިހާ މައްސަލަތައް ދިރާސާކޮށް، އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަގީންކަން އަރުވަމެވެ،" މަޖިލީހުގެ އިދާރާގެ ބަޔާނުގައި ވެ އެވެ.