Roadha Mihaaru
ސިހުރާއި ރުގްޔާގެ ތެރެއިން ޖިންސީ ގޯނާގެ މައްސަލަތަކެއް

ސިހުރާއި ރުގްޔާގެ ތެރެއިން ޖިންސީ ގޯނާ ކުރާ މައްސަލަތައް އާދޭ: ފުލުހުން

19 ޖެނުއަރީ 2020

ސިހުރު ހެދުމާއި ރުގްޔާ ކުރުމުގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ގިނައިން ހުށައަޅާ ކަަމަށާއި އެއީ ސަމާލުވާން ޖެހޭ ކަމެއް ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިހުރު ހެދުމާއި ރުގްޔާ ކުރުމުގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ގިނައިން ހުށައަޅާ ކަަމަށާއި އެއީ ސަމާލުވާން ޖެހޭ ކަމެއް ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުވާ ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ ޖިންސީީ ގޯނާކުރުމުގެ މައްސަލަ ބޮޑަށް އަންނަނީ ސިހުރު ހެދުމުގެ ތެރެއިން ކަމަށެވެ. އަދި އެ މައްސަލަ ރައްޔިތުންގެ ސަމާލުކަމަށް ފުލުހުން ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރުގްޔާ ކުރުމުގެ ނަމުގައި އެކަންޏެއް ނޫން، ސިހުރު ހާހޫރަ ހެދުމުގެ ތެރެއިން ވެސް މިކަހަލަ ކަންތައްތަކުގައި ހަމަ މިޒާތުގެ މައްސަލަތައް [ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް] ފުލުހުންނާ ހަމައަށް އައިސް އެފަދަ މައްސަލަތައް ބެލި، ޕްރޮސެކިއުޓް ކުރުމަށްޓަކައި ވެސް ހުންނާނެ ހަމަ ފޮނުވިފައި. މިހާރު ވެސް އެފަދަ މައްސަލަތައް އަންނަމުން ދޭ،" ދާއޫދު ވިދާޅުވި އެވެ.

އޭނާ އެގޮތަށް ވާހަކަދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރާއީ ވިދާޅުވީ ރަށްރަށަށް ގޮސް، ރުގްޔާ ކުރުމުގެ ނަމުގައި ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރާ ވާހަކަ އިވިވަޑައިގަންނަވާ ކަމަށެވެ.

"ރުގްޔާ ކުރުމުގެ ނަމުގައި އެކަންޏެއް ނޫން، ސިހުރު ހާހޫރަ ހެދުމުގެ ތެރެއިން ވެސް މިކަހަލަ ކަންތައްތަކުގައި ހަމަ މިޒާތުގެ މައްސަލަތައް [ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް] ފުލުހުންނާ ހަމައަށް އައިސް އެފަދަ މައްސަލަތައް ބެލި، ޕްރޮސެކިއުޓް ކުރުމަށްޓަކައި ވެސް ހުންނާނެ ހަމަ ފޮނުވިފައި. މިހާރު ވެސް އެފަދަ މައްސަލަތައް އަންނަމުން ދޭ،" ދާއޫދު

ދާއޫދު ވިދާޅުވި ގޮތުގައި އެފަދަ ކަންތައްތަކަށް ސަމާލުވާން ފުލުހުން އިރުޝާދު ދިން ނަމަވެސް ބައެއް މީހުން އެ އަޑުނާހާ ސިހުރުވެރިންގެ ގާތަށް ދެ އެވެ.

"މިކަހަލަ ކަންކަމަކީ ހަމަ ރައްޔިތުންގެ ސަމާލުކަމަށް އަޅުގަނޑުމެން ވެސް ގެނެސްފައި ހުންނަ ކަންކަން. އެހެން ނަމަވެސް ހަމަ އެ ދައްކާ ވާހަކަ އަޑުނާހައި ގިނަ ފަހަރަށް މިދެވެނީ އެކަހަލަ ދިމަދިމާލަށް، އަމިއްލަ އެދުން ތަންކޮޅެއް ބޮޑުވީމާ ކަންނޭނގެ،" އޭނާ ވިދާޅުވި އެވެ.

ކަނޑުހުޅުދޫގައި ތުއްތު ކުއްޖާ ރޭޕްކުރި މައްސަލައިގައި އެ ކުއްޖާގެ ބައްޕަޔާއި ކާފަ އަދި މުނި ކާފަ ހައްޔަރުކޮށް، ބަންދަށް 15 ދުވަސް މިހާރު ވަނީ ޖަހައިފަ އެވެ.

އެ މައްސަލަ ފެންމަތިވި ފަހުން، ޖިންސީ އަނިޔާގެ އެތައް މައްސަލައަކާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި މީހުން ގެންދަނީ ވާހަކަ ދައްކަމުންނެވެ. އެފަދަ އަނިޔާތައް ރިޕޯޓްކުރުމުގެ ވަރުގަދަ އޮއިވަރެއް ވެސް އުފެދިއްޖެ އެވެ.