Roadha Mihaaru
"ޖިންސީ އަނިޔާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ"

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ: އީވާ

11 ފެބުރުއަރީ 2020

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ނުހޯދެނީ އެފަދަ މައްސަލަތައް ފުލުހުން ސީރިއަސްކޮށް ނުނަގާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ތުހުމަތު ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ނުހޯދެނީ އެފަދަ މައްސަލަތައް ފުލުހުން ސީރިއަސްކޮށް ނުނަގާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ކުޑަކުުދިންނަށް ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގުކޮށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެކުލަވައިލި އިންކުއަރީ ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އީވާ ވިދާޅުވީ، ހެކި ނުލިބެނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގު ކުރާ ފުލުހުންނަށް، އެކަންކަން މައްސަލައަކަށް ނުވާތީ ކަމަށެވެ. އެފަދަ މައްސަލަތައް ތަހުގީގުކުރާ ފުލުހުން، ތަހުގީގަށް އެހާ ވަގުތު ދޭން ބޭނުން ނުވާ ކަމަށް ވެެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"ތަހުގީގު ރަނގަޅަށް ނުކޮށްފައި އެ އޮންނަނީ. ތަހުގީގު ރަނގަޅަށް ނުކޮށްފައި އޮންނާތީވެ، އިއްޒަތްތެރި ރައީސް، ކުށް ސާބިތުވާ ވަރަށް ހެކި ނެތޭ ބުނަަން އެޖެހެނީ،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މާ ބޮޑު ހެކިތަކެއް ނޯންނާނެ ކަމަށާއި ގާނޫނުގައި ވެސް އޮންނާނީ އެގޮތަށް ކަމަށެވެ. އެފަދަ މައްސަލަތައް ކޯޓާ ހަމައަށް ގެންދަން ޖެހޭނީ ރަނގަޅަށް ކަމާވެގެން ތަހުގީގުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ގިނަވެ، އުފެދުނު ކަންބޮޑުވުންތަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ހެދި އިންކުއަރީން އެނގިފައިވާ ގޮތުގައި ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ޖިންސީ ގޯނާގެ 3،135 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު، މީގެ ތެރެއިން ތަހުގީގު ނިމި، (ކުރިން އެޓާނީ ޖެނެރަލްގެ އޮފީހަށް، 2008 ގެ ފަހުން ޕީޖީ އޮފީހަށް) ފޮނުވީ 1،220 މައްސަލަ އެވެ. މީގެ ތެރެއިން ކޯޓުތަކާ ހަމައަށް ފޯރާފައި ވަނީ 1،146 މައްސަލަ އެވެ

އީވާ ވިދާޅުވީ އެފަދަ މައްސަލަތައް ކޯޓުގައި ލަސްވަނީ ވެސް އަޅައިނުލާތީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މައްސަލަަތައް ކޯޓުން ނުނިމި އަހަރަކަށް ދެމިގެން ދިއުމުގެ މާނައަކީ އަނިޔާ ދިން މީހާއާ އެކު ކުއްޖާ ވެސް އަހަރެއް ހޭދަކުރަން ޖެހުމެވެ.

"މި ހުރިހާ ކަމަކުން ވެސް އަޅުގަނޑުމެންނަށް ދޭހަވަނީ އަޅައިނުލެވިފައި އޮތްކަން. ސީރިއަސްކަމެއް ނުދެވިފައި އޮތްކަން،" އޭނާ ވިދާޅުވި އެވެ.

އިންކުއަރީ ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަތިކޮށްފައިވާ ހުރިހާ މުއައްސަސާތަކެއްގައި ތިބި އެންމެހާ މުވައްޒަފުންގެ ތަމްރީނު މިހާރު ގާނޫނުން ލާޒިމުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ނިޒާމުގެ ގާބިލުކަން އިތުރު ކުރުމަކީ ގާނޫނުން ލާޒިމުކޮށްފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު. އޭނާ ވިދާޅުވީ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކުރަން އިތުރު ހުއްޖަތެއް ނެތް ކަމަށް.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު. އޭނާ ވިދާޅުވީ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކުރަން އިތުރު ހުއްޖަތެއް ނެތް ކަމަށް.

"އިއްޒަތްތެރި ރައީސް، ގާނޫނަށް އަމަލުކުރަން ފެށުމުން، އަޅުގަނޑުމެން އެއްވެސް އިދާރާއަކަށް، މި ރައްޔިތުންގެ މަޖިލިސް ހިމެނޭ ގޮތުން އެއްވެސް ހުއްޖަތެއް އިތުރަށް ދެއްކޭކަށެއް ނެތް،" ޖީހާން ވިދާޅުވި އެވެ.

ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މައްސަލަ މަޖިލީހުން ބަލައި، ތަހުގީގުކުރީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލަޔާ އެކު އުފެދުނު ބޮޑު ކަންބޮޑުވުމުގެ ސަބަބުންނެވެ. އެކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތު ކުރެވެނީ ކުއްޖާގެ ކާފަ އާއި މުނިކާފައަށެވެ. ކުއްޖާގެ ބައްޕައަށް ކުރަނީ އިހުމާލުވި ކަމުގެ ތުހުމަތެވެ.