Roadha Mihaaru
އެންމެ މުއްސަނދި މީހާގެ ހަޔާތަށް އާ ބައިވެރިއެއް

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ހަޔާތަށް އާ ބައިވެރިއެއް

23 ޖެނުއަރީ 2020

މިދިޔަ އަހަރުގެ ކުރީކޮޅު، 25 އަހަރުވީ ކައިވެނި ނިމުމަކަށް އައި ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖެފް ބެޒޯސްގެ ހަޔާތަށް އާ ބައިވެރިއަކު އަތުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުގެ ކުރީކޮޅު، 25 އަހަރުވީ ކައިވެނި ނިމުމަކަށް އައި ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖެފް ބެޒޯސްގެ ހަޔާތަށް އާ ބައިވެރިއަކު އަތުވެއްޖެ އެވެ.

އެމެރިކާ އުފަން ބިލިއަނަރު އަދި އެމެޒޯންގެ ވެރިޔާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ލޯރެން ސެންޗޭޒް ކިޔާ މީހަކާ އެވެ.

ޖެފް އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ވެސް ލޯރެން ބައިވެރިވެ އެވެ. އިންޑިއާގެ އާގްރާގައި ހުންނަ ތާޖް މަހަލްގެ ކުރިމަތީގައި ދެ މީހުން އަންގާރަ ދުވަހު ނަގާފައިވާ ފޮޓޯތަކެއް ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާ ވެސް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖެފް އާއި ލޯރެން އަކީ ވަރަށް ކުރިއްސުރެން ވެސް ގާތް ގުޅުމެއް އޮންނަ ދެ މީހުންނެވެ. އަދި ޖެފްގެ ކައިވެނި ރޫޅުމާ އެކު އެ ދެ މީހުންގެ ގުޅުން ވަނީ ލޯތްބަށް ބަދަލުވެފަ އެވެ.

ދެ މީހުންގެ ދެމެދުގައި ކުރިން ބަދަލުކުރެވުނު ޓެކްސްޓް މެސެޖްތަކެއް ވެސް މީޑިއާތަކަށް ތިލަވެ، އެ ވާހަކަ ވެސް ވަރަށް ހޫނުކޮށް ދެކެވިފައިވެ އެވެ. އޭގެ ތެރެއިން މެސެޖްތަކެއްގައި ޖެފް، ލޯރެން އަށް މުހާތަބުކޮށްފައި ވަނީ "އެލައިވް ގާލް" ގެ ގޮތުގަ އެވެ.

އެމެރިކާ އަށް އުފަން ލޯރެން، 50، އަކީ ޓީވީ ހޯސްޓެކެވެ. އަދި އޭނާ އަކީ ހެލިކޮޕްޓަރު ޕައިލެޓެއް ވެސް މެ އެވެ. ލޯރެން ވެސް ކުރިން ކައިވެންޏެއްކޮށް، ތިން ކުދިން އެބަ ތިއްބެވެ.

އަންހެނުން މެކެންޒީ ޝެރީ، 49، އާއި ޖެފް، 56 ގެ ކައިވެނި ދެ މީހުން އަމިއްލަ އަށް އެއްބަސްވެގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރޫޅައިލި އިރު، އެ ކައިވެންޏަށް ހަތަރު ދަރިން ލިބިފައިވެ އެވެ. އެއީ ފިރިހެން ދަރިއަކާއި ތިން އަންހެން ކުދިންނެވެ.