Roadha Mihaaru
ބަތަލާ މޯނީ ކައިވެނިކޮށްފި

ބަތަލާ މޯނީ ކައިވެނިކޮށްފި

27 ޖެނުއަރީ 2022

އިންޑިއާގެ ބަތަލާ މޯނީ ރޯއި ލޯބިވެރިޔާ ސޫރަޖް ނަމްބިއާއާ މިއަދު ކައިވެނިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ބަތަލާ މޯނީ ރޯއި ލޯބިވެރިޔާ ސޫރަޖް ނަމްބިއާއާ މިއަދު ކައިވެނިކޮށްފި އެވެ.

އެމީހުންގެ ކައިވެނީގެ ހަފުލާ ވަރަށް ކުލަގަދަކޮށް ބޭއްވީ މިއަދު މެންދުރު ގޯއާގަ އެވެ. މި ހަފުލާ ބޭއްވީ ދެކުނު އިންޑިއާގެ ސަގާފަތާއި އާދަކާދަތަކާ އެއްގޮތަށެވެ. ދެ ފަރާތުގެ އާއިލާގެ މީހުންނާއި އެންޓަޓައިންމަންޓް އިންޑަސްޓްރީގައި މޯނީއާ އެންމެ ގާތް ބައެއް މީހުން ވެސް މި ހަފުލާގައި ބައިވެރިވި އެވެ.

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، މިހާރު ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ މޯނީ ކައިވެނިކުރި ސޫރަޖަކީ ދުބާއީގައި ދިރިއުޅޭ އިންޑިއާގެ އާއިލާއަކަށް ނިސްބަތްވާ ވިޔަފާވެރިއެކެވެ. މޯނީ އާއި ސޫރަޖް ކައިވެނިކޮށްފައި ވަނީ ރައްޓެހިވެގެން އުޅޭތާ ތިން އަހަރު ފަހުންނެވެ.

"ނާގިން" ފަދަ އެތައް ސިލްސިލާއެއް ކުޅެފައިވާ މޯނީ، 36، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މި އަހަރު ގެނެސްދޭން ނިންމާފައިވާ "ބުރައްމަސްތުރާ" އެވެ.

މޯނީ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ގޯލްޑް" އާއި ރާޖްކުމާރު ރާއޯގެ "މޭޑް އިން ޗައިނާ" އަދި ޖޯން އަބްރަހަމްގެ "ރޯމިއޯ އަކްބަރު ވޯލްޓާ" އެވެ.

ކައިވެންޏަށް ފަހު ވަރަށް އަވަހަށް މޯނީ ޒީޓީވީން ގެނެސްދޭން ފަށާ ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ) ލިޓްލް މާސްޓާޖެ ޖަޖެއްގެ ގޮތުގައި ފެންނާނެ އެވެ.