Roadha Mihaaru
ދަރިފުޅާ ބެހި އިންޒާރު ދިން ބައްޕަ ޕޮލިހާ ހަވާލުކޮށްފި

ދަރިފުޅާ ބެހި މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުކުރެވޭ ބައްޕައަކު ފުލުހުންނާ ހަވާލުކޮށްފި

24 ޖެނުއަރީ 2020

އުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް އާއިލާގެ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ ބައްޕައަކު ވިލިމާލޭގައި ރޭ ފުލުހުންނާ ހަވާލުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް އާއިލާގެ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ ބައްޕައަކު ވިލިމާލޭގައި ރޭ ފުލުހުންނާ ހަވާލުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ފިރިހެން މީހާ ބިންމަތީގައި އޮތް އިރު، ބަޔަކު ތިބީ އޭނާ ވަށާލައިގެންނެވެ. އެހެން ފޮޓޯއެއްގައި، ފުލުހަކު ގޮސް އޭނާ އެތަނުން ތެދުކުރާ މަންޒަރު ވެސް ފެނެ އެވެ.

މަގުމައްޗަށް ނެރެ ބަޔަކު އޭނާ އަށް އަނިޔާކުރީ ކަމަށް ބައެއް މީހުން ބުނެ އެވެ.

އޭނާގެ ދަރިފުޅު ކަމަށް ބުނާ ކުއްޖަކު ރޮމުން އަނިޔާގެ ވާހަަކަ ކިޔައިދޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ. އޭގައި އިވެނީ، އެހެން މީހަކު ސުވާލު ކުރުމުން، އެ ކުއްޖާ ވާހަކަތައް ކިޔައިދޭ އަޑެވެ. ބަޔަކު ނުކުމެ އޭނާ ފުލުހުންނާ ހަވާލުކުރީ، އެ އޯޑިއޯ އާއްމުވުމުން ކަމަށް ބެލެވެ އެވެ.

އެ ކުއްޖާ އަކީ ކާކުކަން އެނގިދާނެ ފަދަ ގޮތަކަށް އޯޑިއޯ އާއްމުކުރި މައްސަލައިގައި ބައެއް މީހުން ހިތްހަމަނުޖެހުންފާޅުކޮށްފައިވެ އެވެ.

އެ އޯޑިއޯގައި، ރޮމުން ކިޔައިދިން ގޮތުގައި ބައްޕަ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. ބައްޕަ ފުރަތަމަ އޭނާ އަށް ޖިންސީ ގޯނާކުރީ ފަޅު ގޯއްޗަކަށް ގެންގޮސްގެންނެވެ. އެކަން ސިއްރުކޮށްފައި ބޭއްވުމަށާއި އެހެން ނޫން ނަމަ މަންމަ އާއި އެ ކުއްޖާގެ ދޮންތަ މަރާލާނެ ކަމުގެ އިންޒާރު ދިން ކަަމަށް އޯޑިއޯގައި ބުނެ އެވެ.

މަސްތުވެގެން ހުރެ އެކި ފަހަރު މަތިން ގެއަށް އައިސް މީހުން ނޫޅޭ ވަގުތުގައި، ޖިންސީގޯނާ ކުރި ކަމަށް ވެސް އެ ކުއްޖާ ބުންޏެވެ. އެ ވާހަކަތައް އާއިލާގެ އިތުރުން ވެސް އެހެން އެއްވެސް މީހެއްގެ ގާތުގައި ނުބުނަން ބިރު ދެއްކި ކަމަށް އެ ކުއްޖާ ބުނެ އެވެ.

ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބައްޕަގެ ފަރާތުން ލިބުނު އަނިޔާތަކާ ގުޅިގެން ނޭނގި ހުއްޓައި ބޮޑުކަމު ދެވުން ފަދަ ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ކުއްޖާ ބުނެ އެވެ.

ޖިންސީ އަނިޔާގެ ގިނަ މައްސަލަތަކެއް މި ދުވަސްވަރު ފެންމަތިވެ، އެ ވާހަކަތައް ކިޔައިދެމުން އަންނަނީ ދެ އަހަރު ނުފުރޭ ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނި ކާފަގެ ފަރާތުން ލިބުނު އަނިޔާތައް ފެންމަތިވެ، އެކަމުގައި ހުރި އެތައް އިހުމާލެއް ފަޅާއަރާފައި ވަނިކޮށެވެ.

ޖެންޑާ މިނިސްޓްރީއާ ގުޅިގެން ފުލުހުން އެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ އިރު، ޖިންސީ ގޯނާގެ މައްސަލަތައް ނުބެލި ދިގުލައި، އިންސާފަށް ހުރަސްއެޅިފައި އޮންނަ މައްސަލަ ހައްލުކުރަން ކަމާގުޅޭ އިދާރާތަކުން ވަނީ މަސައްކަތް ފަށައިފަ އެވެ.

Offenders | Child Sex Offenders Registry

Offenders | Child Sex Offenders Registry

ޖިންސީ ގޯނާކުރާ މީހުންގެ ރެޖިސްޓަރީ