Roadha Mihaaru
ޔާމީން ގެއަށް ބަދަލުކުރެވޭނެ ގޮތް އެންގިން: އިމްރާން

ޔާމީން ގެއަށް ބަދަލުކުރެވޭނެ ގޮތް އޮންނާނީ އަންގާފައި: އިމްރާން

25 އޮކްޓޯބަރ 2020

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފައިވާ ގޮތަށް، ގޭބަންދަށް ގާނޫނީ ގޮތުން ބަދަލުކުރެވޭނެ ގޮތް އަންގާފައިވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފައިވާ ގޮތަށް، ގޭބަންދަށް ގާނޫނީ ގޮތުން ބަދަލުކުރެވޭނެ ގޮތް އަންގާފައިވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އިމްރާން މިގޮތަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި 20 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭގައި ހުންނެވުމުގެ ފުރުސަތު ދެއްވާފައިވާ އިރު، ޔާމީނަށް އެފަދަ ލުޔެއް ނުދެއްވުމަކީ އިންސާފެއްތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަދީބު ގޭގައި ހުންނަވާ ސަބަބު ދިފާއު ކުރައްވަން އިމްރާން ވިދާޅުވީ، އަދީނު ނިދިކުރައްވަން މެޝިނެއް ބޭނުންވާ ކަމަށާއި އެ މެޝިން ޖަލުގައި ނުބެހެއްޓޭ ކަަމަށެވެ.

އިމްރާން ވިދާޅުވީ ސިއްހީ ހާލުކޮޅު ހުރި ގޮތުން ލުއިތަކެއް ދޭން ޔާމީނަށް ވެސް ހުށަހެޅުއްވި ކަމަށެވެ. ރާއްޖޭގައި ހެދެން ނެތް ޓެސްޓެއް ބޭރުން ހެދުމަށާއި ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓެވުމަށް ޑޮކްޓަރު ލަފާ ދެއްވާފައި އޮތް ކަމަށާއި އެ ލަފަޔާ އެއްގޮތަށް ޓެސްޓް=ު ހައްދަވަން ބޭރަށް ވަޑައިގަތުމަށް ޔާމީނަށް ދެންނެވި ކަމަށް އިމްރާން ވިދާޅުވި އެވެ.

"[އެ ލަފަޔާ ގުޅިގެން] އަޅުގަނޑު އަމިއްލަ އަށް ގޮސް ބައްދަލުކުރިން. އަޅުގަނޑު ހިތުން ރައީސް ޔާމީން މިހާރު ބަހައްޓަވާފައި އެ ހުންނެވި މާހައުލަކީ ޖަލެއްގެ ތެރޭގައި، ވަކި އެ އަށް ވުރެ ރަނގަޅަށް އެކަން ކުރެވޭނެއޭ ދަންނަވާކަށް ނުކެރޭނެ. އަޅުގަނޑުމެން ތިބިއިރު ތިބި ހާލަތާއި ރައީސް ޔާމީން އެ ހުންނެވި ހާލަތު އެނގިވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު މި ދަންނަވަނީ ކޮން ވާހަކައެއްކަން،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޔާމީން ޖަލުގައި ހުންނެވީ އެޕާޓްމެންޓެއްގައޭ ވިދާޅުވުން ދޮގަކަށް ނުވާނެ އެވެ.

"ރައީސް ޔާމީނަށް އަޅުގަނޑު ދެންނެވިން ޑޮކްޓަރު އެބަ ވިދާޅުވެއޭ މަނިކުފާނު، ރާއްޖެ އިން ހެދެން ނެތް ޓެސްޓްތަކެއް ހަދަން. އެހެންވީމާ އެ ޓެސްޓްތައް ހެއްދެވުމަށްޓަކައި ވަޑައިގަންނަވަން ބޭނުންފުޅުވަނީ ކޮން ގައުމަކަށްތޯ މި ރީޖަންގެ ތެރެއިން. ވިދާޅުވީ ބޭރަށް ވަޑައެއް ނުގަންނަވާނަމޭ،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޔާމީން އެދިވަޑައިގަތީ ގެއަށް ބަދަލުކުރައްވަން ކަމަށާއި އެކަމަކު އެއީ ޑޮކްޓަރުގެ ލަފާގެ ދެ ވަނަ ބައި ކަަމަށް ދެންނެވި ކަމަށެވެ.

"ފުރަތަމަ ބައި ފުރިހަމަކޮށްފައި ނޫންތޯއޭ ދެ ވަނަ ބައި ފުރިހަމަކުރެވޭނީ [ދެންނެވިން]،" އިމްރާން ވިދާޅުވި އެވެ.

"ވަރަށް ސާފުކޮށް ދެންނެވިން ރައީސް ޔާމީން ބޭރަށް ވަޑައިގެންފައި ޓެސްޓު ހައްދަވާފައި ދެން އެ ޓެސްޓުގެ މައްޗަށް ބިނާކޮށް ޑޮކްޓަރުން ރައީސް ޔާމީން ޖަލުގައި ބަހައްޓާފައި އެ ހުރި މާހައުލަކީ ކަމުނުދާ މާހައުލެއް ކަމަށް ވިދާޅުވާ ކަމަށް ވާ ނަމަ، އަޅުގަނޑުމެން އެއާއެއްގޮތަށް އަމަލުކުރާނަމޭ،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ވާހަކަ ޕާޓީގެ އިސް ބޭފުޅުންނާ ވެސް އޮންނާނީ ހިއްސާ ކުރައްވައިފަ އެވެ. އެހެންކަމުން، ގާނޫނީ އިޖުރާއަތުތަކުގެ ތެރެއިން ގެއަށް ބަދަލުކުރެވޭނީ އެކަމަށް ޔާމީން މަގުފަހި ކޮށްދެއްވުމުން ކަމަށް އިމްރާން ވިދާޅުވި އެވެ.