Roadha Mihaaru

އިރާގުގައި ހުންނަ އެމެރިކާ އެމްބަސީ އަށް ރޮކެޓް ހަމަލާތަކެއް ދީފި

ބަޣުދާދު (ޖެނުއަރީ 27) - އިރާގުގެ ވެރިރަށް ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީ އަށް ރޮކެޓް ހަމަލާތަކެއް ރޭ ދީފި އެވެ.

އިރާގުގައި ހުންނަ އެމެރިކާ އެމްބަސީއަށް ރޮކެޓްހަމަލާދީފި
ހަސަން އާމިރު
ހަސަން އާމިރު

27 ޖެނުއަރީ 2020

ބަޣުދާދު (ޖެނުއަރީ 27) - އިރާގުގެ ވެރިރަށް ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީ އަށް ރޮކެޓް ހަމަލާތަކެއް ރޭ ދީފި އެވެ.

އެމްބަސީ އަށް އަމާޒުވި ތިން ރޮކެޓުގެ ތެރެއިން އެއް ރޮކެޓް އަރާފައި ވަނީ ރޭގަނޑުގެ ކެއުމުގެ ވަގުތު ކެފެޓީރިއާ އަށެވެ. އަނެއް ދެ ރޮކެޓް ވެއްޓިފައި ވަނީ ކެފޭއާ މާދުރު ނޫން ހިސާބަކަށެވެ. ރޮކެޓް ހަމަލާތަކުގައި ތިން މީހަކު ވަނީ ޒަޚަމްވެފަ އެވެ. މިއީ މިފަދަ ހަމަލާއެއްގައި އެމެރިކާ އެމްބަސީއެއްގެ ސްޓާފަކު އެތައް އަހަރެއްގެ ތެރޭ ޒަޚަމްވި ފުރަތަމަ ފަހަރެވެ.

ރޮކެޓް ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އުފުލައިފައެއް ނުވެ އެވެ. ނަމަވެސް އެމެރިކާ އިން ތުހުމަތު ކުރަނީ އެއީ އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދު ލިބޭ ފެކްޝަނުގެ ހަމަލާއެއް ކަމަށެވެ.

އިރާގުގެ ބޮޑު ވަޒީރު އާދިލް އަބްދުލް މަހްދީ ވިދާޅުވީ މިފަދަ ހަމަލާތައް ދޭ ނަމަ އިރާގަކީ "ހަނގުރާމައިގެ މައިދާނަކަށް" ބަދަލުވެދާނެ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އެ ގައުމުގެ ޑިޕްލޮމެޓިކް ފެސިލިޓީޒްތައް ހިމާޔަތް ކުރުމަށް އިރާގު ސަރުކާރަށް ގޮވާލައިފަ އެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަ ކުރާ ލަޝްކަރުގައި ބައިވެރިވުމަށް އެމެރިކާގެ 5،200 ސިފައިން އިރާގުގައި ތިބެ އެވެ.