Roadha Mihaaru
ހޮސްޕިޓަލެއްގައި ރޯވެ 12 ތުއްތު ކުދިން މަރުވެއްޖެ

އިރާގުގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 12 ތުއްތު ކުދިން މަރުވެއްޖެ

10 އޯގަސްޓް 2016

ބަޣުދާދު (އޮގަސްޓް 10) - އިރާގުގެ ވެރިރަށް ބަޣުދާދުގެ އެންމެ ބޮޑު އެއް ހޮސްޕިޓަލުގެ އަންހެނުންގެ ވޯޑެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދުވަސް ނުފުރާ ވިހާފައިވާ 12 ކުދިން މަރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (އޮގަސްޓް 10) - އިރާގުގެ ވެރިރަށް ބަޣުދާދުގެ އެންމެ ބޮޑު އެއް ހޮސްޕިޓަލުގެ އަންހެނުންގެ ވޯޑެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދުވަސް ނުފުރާ ވިހާފައިވާ 12 ކުދިން މަރުވެއްޖެ އެވެ.

ބަޣުދާދުގެ ހެލްތު ޑައިރެކްޓަރޭޓް ޖާސިމް ލަތީފް އަލް ކާކު ވިދާޅުވީ ވޯޑުގައި ތިބި ކުދިންގެ ތެރޭން ސަލާމަތް ކުރެވުނީ ހަތް ކުދިން ކަމަށާއި އެ ކުދިން އެހެން ހޮސްޕިޓަލަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ތަރުޖަމާން އަހުމަދު އަލް ރުދައިނާ ވިދާޅުވީ ބަޣުދާދުގެ ހުޅަނގުގައި ހުންނަ ޔަރުމޫކް ހޮސްޕިޓަލުގައި އަންގާރަ ދުވަހުގެ ރޭ އަލިފާން ރޯވީ ކަރަންޓް ޝޯޓެއް ވެގެން ކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި އިރު ވޯޑުގައި ތިބި 29 އަންހެނުން އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާ ހިނގި ބަޣުދާދުގެ ޔަރުމޫކް ހޮސްޕިޓަލުގެ ބޭރުގައި އަންހެނަކު ފޯނުން ވާހަކަ ދައްކަނީ. --ފޮޓޯ:އޭއެފްޕީ

އަލިފާނުގެ ހާދިސާ ހިނގި ބަޣުދާދުގެ ޔަރުމޫކް ހޮސްޕިޓަލުގެ ބޭރުގައި އަންހެނަކު ފޯނުން ވާހަކަ ދައްކަނީ. --ފޮޓޯ:އޭއެފްޕީ

ފޮރެންސިކް ޓީމުތަކުން ވަނީ އަލިފާނުގެ ހާދިސާގެ ތަހުގީގު ފަށައިފަ އެވެ. ހިތްހަމަނުޖެހިފައި ތިބި މީހުން ހޮސްޕިޓަލް ދޮށަށް އިއްވި އިރު އަނދާ އަޅިއަށްވެފައިވާ އިންކިއުބޭޓަރުތައް ފެންނަން ހުއްޓެވެ.

ބަޣުދާދުގައި ސަރުކާރުން ހިންގާ ވަރަށް ގިނަ ހޮސްޕިޓަލްތަކުގެ ސަލާމަތީ ކަންކަން ހުންނަނީ ވަރަށް ދޯދިޔާ ކޮށެވެ. އަދި ޚިދުމަތް ވެސް ރަނގަޅެއް ނޫނެވެ. އެހެންވެ އިރާގުގެ ގިނަ ބަޔަކު ފަރުވާ ހޯދަން ދަނީ އަމިއްލަ ހޮސްޕިޓަލްތަކަށާއި ގައުމުން ބޭރަށެވެ.

ޔަރުމޫކް ހޮސްޕިޓަލުގައި ރޯވި އަލިފާން ވެސް ނިއްވާލެވުނީ އެހާ ލަހުން ކަމަށް އޮފިޝަލުން ބުނެ އެވެ. ހޮސްޕިޓަލް ދޮށަށް އެއްވި މީހުން ވެސް ބުނެފައި ވަނީ މިއީ ސަރުކާރުގެ އިހުމާލުން ހިނގި ހާދިސާއެއް ކަމަށެވެ. ބައެއް މީހުން ބުނީ އަލިފާނުގެ ހާދިސާގައި އެއްމާބަނޑު ކުދިން ވެސް މަރުވެފައިވާ ކަމަށެވެ.