Roadha Mihaaru
މިސްރުގައި ހިތާންކުރަނިކޮށް އަންހެން ކުއްޖަކު މަރުވެއްޖެ

ހިތާންކުރަނިކޮށް އަންހެން ކުއްޖާ މަރުވުމުން މައިންބަފައިން ހައްޔަރުކޮށްފި

01 ފެބުރުއަރީ 2020

ގާހިރާ (ފެބްރުއަރީ 1) - މިސްރުގައި 14 އަހަރުގެ އަންހެން ކުއްޖަކު ހިތާންކުރަނިކޮށް އެ ކުއްޖާ މަރުވުމުން މައިންބަފައިންނާއި ބޮޑުދައިތަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (ފެބްރުއަރީ 1) - މިސްރުގައި 14 އަހަރުގެ އަންހެން ކުއްޖަކު ހިތާންކުރަނިކޮށް އެ ކުއްޖާ މަރުވުމުން މައިންބަފައިންނާއި ބޮޑުދައިތަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މިސްރުގެ ޕްރޮވިންސެއް ކަމަށްވާ އަސީވުތުގައި އަންހެން ކުއްޖާ ހިތާން ކުރަން އުޅުނު ޑޮކްޓަރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހަތަރު މީހުން ހައްޔަރު ކުރީ އަންހެނ ކުއްޖާގެ ބޮޑު ބޭބެއަކު ފުލުހުންނަށް އެކަން ރިޕޯޓް ކުރުމުންނެވެ.

އަންހެން ކުދިން ހިތާން ކުރުން މިސްރުގައި މަނާކޮށްފައި ވަނީ 2008 ވަނަ އަހަރު އެވެ. ނަމަވެސް މުޅި ދުނިޔެއަށް ބަލާއިރު ވެސް އަންހެން ކުދިން ހިތާން ކުރުމުގެ ނިސްބަތް އެންމެ މަތީ މިސްރުގަ އެވެ.

އދ.ގެ ކުޑަ ކުދިންނާ ބެހޭ އެޖެންސީ، ޔުނިސެފުން ބުނެފައިވާ ގޮތުގައި މިސްރުގެ ޅަ އަންހެން ކުދިންނާއި އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ 87 ޕަސެންޓް އަންހެނުން ވަނީ ހިތާންކޮށްފަ އެވެ. މިސްރުގެ 50 ޕަސެންޓް މީހުން ގަބޫލް ކުރަނީ އެއީ ދީނީ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ހިތާންކުރުމުގެ ތެރޭގައި އަންހެން ކުއްޖާ މަރުވުމުން، މިސްރުގައި ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އެކަމާ ދެކޮޅަށް އަޑު އުފުލަން ފަށައިފަ އެވެ. ނޭޝަނަލް ކައުންސިލް ފޯ ޗައިލްޑްހުޑް އަދި މަދަހުޑް އެންޑް ނޭޝަނަލް ކައުންސިލް ފޯ ވިމެން އިން ވަނީ އަންހެން ކުއްޖާ ހިތާން ކުރުމުގައި ބައިވެރިވި އެންމެންގެ މައްޗަށް ދައުވާ ކުރަން ގޮވާލައިފަ އެވެ.

އދ. އިން ބުނެފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި 200 މިލިއަނަށް ވުރެ ގިނަ އަންހެން ކުދިން ހިތާން ކޮށްފައިވާ ކަމަށެވެ. އަންހެން ކުދިން އެންމެ ގިނައިން ހިތާން ކުރާ ގައުމުތައް ކަމަށް ބުނެފައި ވަނީ މިސްރު، އިތިއޯޕިއާ އަދި އިންޑޮނީޝިއާ އެވެ.