Roadha Mihaaru
ވޯޓު ފޮށިތައް އަންދާލީ ޖޯޝް ގަދަވެގެން: ނަޝީދު

ވޯޓުފޮށި އަންދާލީ ޖޯޝް ގަދަވެގެން، އެކަމުގައި ގޯހެއް ނެތް: ނަޝީދު

01 ފެބުރުއަރީ 2020

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ކުރިމަތިލާނެ ކެންޑިޑޭޓުން ކަނޑައަޅަން އިއްޔެ ބޭއްވި ޕްރައިމަރީގައި، ގއ. އަތޮޅުގައި ހިނގި ހަމަނުޖެހުން ތަކަކީ "ޖޯޝު ގަދަވެގެން" ވީ ކަމެއް ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ކުރިމަތިލާނެ ކެންޑިޑޭޓުން ކަނޑައަޅަން އިއްޔެ ބޭއްވި ޕްރައިމަރީގައި، ގއ. އަތޮޅުގައި ހިނގި ހަމަނުޖެހުން ތަކަކީ "ޖޯޝު ގަދަވެގެން" ވީ ކަމެއް ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އޮފީހުގައި އޮތް ނޫސްކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ވޯޓު ފޮށިތައް އަންދާލައިގެން އުޅެނީ ވެސް އެމަނިކުފާނު ދެނެވަޑައިގަންނަވާ އަރިސް ބޭފުޅުން ކަމަށެވެ. އަދި އެކަން ހުއްޓުވަން އުޅުއްވީ ވެސް އެފަދަ ބޭފުޅުންތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ވޯޓު ފޮށިތައް އަންދާލައިގެން އުޅެނީ ވެސް ހަމަ އަޅުގަނޑުމެން ދަންނަ، ގާތް މީހުން. އަންދާލިޔަ ނުދޭންވެގެން ފަހަތުން ދުވަނީ ވެސް ހަމަ އެއް ބައެއް. ދެން އެއީ އެކަމުގެ [ޕްރައިމަރީގެ] ޖޯޝްގައި ރޭގައި ހިނގި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގއ. އަތޮޅުގައި ހިނގި ކަންތަކުގައި ގޯހެއް ނެތް ކަމަށެވެ. އިންތިހާބުތައް ބާއްވާ އިރު އެކަހަ ނޭދެވޭ އަމަލު ފެންނާނެ ކަމަށާއި އެކަންކަން ނުހިނގާނެ ގޮތަކަށް އިންތިހާބު ބޭއްވުމުން އެއީ "ވަރަށް ބޮޑު އޮބެހެއްޓުމެއް" ކަމަށް ވެސް ވިދާޅުވި އެވެ.

ޕްރައިމަރީގައި އުފެދޭ ޖޯޝުގައި ވޯޓު ފޮށްޓަށް ގެއްލުން ދޭ ހިސާބަށް ނުތަވަސްކަން އުފެދިއްޖެ ނަމަ ކުރަންވީ ކޮން ކަމެއް ކަން ވެސް ނަޝީދު ވިދާޅުވި އެވެ.

"ވޯޓު ފޮށްޓެއް އަންދާލާ ހިސާބަށް ހިތް ނުތަނަވަސް ވެގެން ދާ ބޮނޑިއެއްގައި ބުއްދިވެރި ގޮތަކަށް ވާނީ މޫދަށް އެރުން ނުވަތަ ގެއަށް ވަޑައިގެންނެވުން ނުވަތަ އެ ބާވަތުގެ، ކޮންމެވެސް ބާވަތެއްގެ ފިނިކަމެއް ލިބޭ ކަމެއް ކުރުން،" ތަފުސީލު ދެއްވި އެވެ.

ގއ. އަތޮޅުގައި ޕްރައިމަރީ ބާއްވާ ތިން ރަށް ކަމަށްވާ ވިލިނގިއްޔާއި ކޮލަމާފުއްޓާއި ދާންދޫގެ ވޯޓް ފޮށިތައް ބާތިލްކޮށް މިހާރު ވަނީ އަލުން އިންތިހާބު ބާއްވަން ހަމަޖައްސައިފަ އެވެ. އެކަމަކު ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ.