Roadha Mihaaru
އެމްޑީޕީގެ ހާއްޔަށް ޕީޕީއެމުން ބިސް އަޅައިފި

އެމްޑީޕީގެ ހާއްޔަށް ޕީޕީއެމުން ބިސް އަޅައިފި

11 އެޕްރީލް 2021

ސިޔާސީ ދާއިރާގެ ވަރަށް އިސް ތަޖުރިބާކާރަކު މި ނަތީޖާ ސިފަކުރެއްވީ އަބަދު އޭ ރިޕޯޓެއް ހިފައިގެން އަންނަ ދަރިފުޅު މިފަހަރު ސީ ރިޕޯޓެއް ހިފައިގެން އައިސް ގެއަށް ވަނުން ކަހަލަ ކަމެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ލޯކަލް ކައުންސިލް އިންތިހާބުގެ ޖުމުލަ ނަތީޖާ ދެން ކޮންމެ ގޮތަކަށް އަޔަސް "އެމްޑީޕީ މިއޮތީ ބޮޑުތަނުން ބަލިވެފަ" އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ސިޔާސީ ދާއިރާގެ ވަރަށް އިސް ތަޖުރިބާކާރަކު މި ނަތީޖާ ސިފަކުރެއްވީ އަބަދު އޭ ރިޕޯޓެއް ހިފައިގެން އަންނަ ދަރިފުޅު މިފަހަރު ސީ ރިޕޯޓެއް ހިފައިގެން އައިސް ގެއަށް ވަނުން ކަހަލަ ކަމެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ލޯކަލް ކައުންސިލް އިންތިހާބުގެ ޖުމުލަ ނަތީޖާ ދެން ކޮންމެ ގޮތަކަށް އަޔަސް "އެމްޑީޕީ މިއޮތީ ބޮޑުތަނުން ބަލިވެފަ" އެވެ.

"ރައްޔިތުން ނުކުމެ އެމްޑީޕީގެ މޫނުމަތީގައި ޖަހައިފި،" ޓުވިޓާގައި މީހަކު ހިޔާލު ފާޅުކުރި އެވެ.

ކައުންސިލްތަކަކީ ތިމަންނާމެންގެ ހާއްޔެކޭ، ޕީޕީއެމަކަށް އެ ހާއްޔަށް ބިހެއް ނޭޅޭނެއޭ އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވެ، ގަދަކަން ދައްކަވަނިކޮށް، ޕީޕީއެމް ނުކުމެ އިއްޔެ އެ ހާއްޔަށް މިހާރު ބިސް އަޅައިފި އެވެ. ބާރުތައް ދީގެން، ފައްކާ ކުރަން އުޅެނިކޮށް ލޯކަލް ކައުންސިލްގެ މުޅި ނިޒާމު ގާތްގަނޑަކަށްހެން ޕީޕީއެމްގެ ބެލުމުގެ ދަށަށް މި ދިޔައީ އެވެ. ބޮޑެތި ތަންތަނުގައި، ހާއްސަކޮށް މާލޭގައި ލޯކަލް ކައުންސިލްގެ ނިޒާމު ދެން ހިންގާނީ ޕީޕީއެމުންނެވެ. ރަށްރަށުގެ ވަކިވަކި ބާރުތަކުގެ ތެރެއަށް މިހާރު އޮތް ގާނޫނުގެ ދަށުން ސަރުކާރަށް ވަންނަން ދަތިވާނެ އެވެ.

ލޯކަލް ކައުންސިލް ކެމްޕޭން ނިންމާލި ސައިކަލު ބުރުގައި ރައީސް ނަޝީދާއި އަނަސް ޕީޕީއެމްގެ ސަޕޯޓަރުން ކައިރިން ދުއްވާފައި ވަޑައިގަންނަވަނީ --. ފޮޓޯ:ނިޝާން އަލީ/މިހާރު

ލޯކަލް ކައުންސިލް ކެމްޕޭން ނިންމާލި ސައިކަލު ބުރުގައި ރައީސް ނަޝީދާއި އަނަސް ޕީޕީއެމްގެ ސަޕޯޓަރުން ކައިރިން ދުއްވާފައި ވަޑައިގަންނަވަނީ --. ފޮޓޯ:ނިޝާން އަލީ/މިހާރު

ހަގީގަތުގައި، ދައުރުގެ މެދުތެރެއިން ބޭއްވި އިންތިހާބުގައި އެމްޑީޕީ އަށް މި ލިބުނީ ވަރަށް ލަދުވެތި ނަތީޖާ އެކެވެ. އިންތިހާބުގެ ނަތީޖާ މިހާތަނަށް ދެއްކި ގޮތުން، މިހާތަނަށް އެއްވެސް އިންތިހާބެއްގައި އެމްޑީޕީ އަށް މީހުން ނުބަވާ ވަރަށް މީހުން ބަވަމުން އެބަދެ އެވެ. ކެމްޕެއިން ބޯމަތިވެފައި އޮއްވައި ސަރުކާރުން ބޮޑެތި މަޝްރޫއުތައް އިއުލާންކޮށް، ނުކުރާކަށް ސޮއެއް ނެތެވެ. ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގެނީސް ވެސް ސޮއި އަޅައިލި އެވެ.

މިހާރު އެންމެންގެ ސުވާލަކީ ވެސް، ހުރިހާ ބާރުތަކެއް އޮވެ މެ މިހާ ލަދުވެތި ނަތީޖާއެއް ލިބުނީ ކީއްވެ ހެއްޔޭ އެވެ؟

މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން، އެންމެ ބޮޑު ހިތްދަތިކަމެއް އެމްޑީޕީ އަށް ލިބޭނީ މާލޭގެ ނަތީޖާތަކުންނެވެ. އަމިއްލަ މިލްކެއްގެ ގޮތުގައި ސިފަވަމުން އައި، އަދި ކެމްޕެއިނެއް ނުކުރިޔަސް ޔަގީން ގޮނޑިތަކެއް ކަމަށް ބަލައިގެން ތިބި މާލެ އިން މިހާތަނަށް 12 ގޮނޑި ޕީޕީއެމަށް ލިބުމަކީ، ބައެއް މީހުން ސިފަ ކުރާ ގޮތުގައި ހުވަފެނަކުން ވެސް ނުފެންނާނެ ކަމެކެވެ. އިންތިހާބުތަކުގައި އައްޑޫން ވެސް ކޮންޓްރޯލް ދަމަހައްޓަމުން އައި އެމްޑީޕީ އަށް އައްޑޫ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. ގދ. ތިނަދޫ ކައުންސިލަށް ވެސް ފުރަތަމަ ފަހަރަށް ޕީޕީއެމްގެ މެމްބަރުން ވަނީ ހޮވައިފަ އެވެ. މީގެ ކުރިން ފުލް މެޖޯރިޓީ ދަމަހައްޓަމުން އައި ހއ. އިހަވަންދޫގެ ހަތް ގޮނޑި ވެސް ނެގީ ޕީޕީއެމެވެ. މީގެ ކުރިން، އިންތިހާބުތަކުގެ ޗެކް ލިސްޓް ހަދާއިރު، އެ ތަންތަނަކީ އެމްޑީޕީން އަބަދު ވެސް، ކެމްޕެއިނަކާ ނުލައި ކަށަވަރު ކުރަމުން އައި ދާއިރާތަކެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ނުކުތީ ވައުދުތަކަކާ އެކު އެވެ. މާ ކުރިން ކެމްްޕެއިން ފެށި އެވެ. އަދި ގާނޫނަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް ވަރަށް ރަނގަޅު ޓީމެއް ވެސް ނެރުނެވެ. ރައީސާއި އެމްޑީޕީގެ ބާރުގަދަ ރައީސްްގެ އިތުރުން މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް ނުކުންނަވައި ރަށްރަށުގައި ކެމްޕޭން ކުރެއްވި އެވެ. ފްލެޓްތަކުގެ ގުރުލުން އޮތް އިރު، ރަށްރަށުގައި ވެސް ތަރައްގީގެ މަޝްރުއޫތަކެއް ފެށި އެވެ. ދައުލަތުގެ މީޑިއާތަކުގައި ކެމްޕޭން ކުރި އެވެ.

އޭގެ ބަދަލުގައި ޕީޕީއެމް އޮތީ ނިދައިފަ އެވެ. އެ ޕާޓީގެ ކެންޑިޑޭޓުންނަށް ޕީޕީއެމްގެ ލީޑަޝިޕްގެ މާ ބޮޑު އެހީތެރިކަމެއް ލިބުނު ކަމަަކަށް ނުބެލެވެ އެވެ. ލޯކަލް ކައުންްސިލްގެ އިންތިހާބުގައި ބައެއް ދާއިރާތަކުން [މާލެ ވެސް ހިމެނޭ ގޮތުން] އެ ޕާޓީން ވާދައެއް ވެސް ނުކުރެ އެވެ. އަދި ލީޑަޝިޕް އެއްކޮށް ނުކުމެ ކެމްޕެއިން ވެސް ކުރެއްވީ އެންމެ ދުވަހަކު ގާތްގަނޑަކަށް ގަޑިއެއްހާ އިރު އެވެ. ޕީޕީއެމްގެ އޮތީ އެންމެ މަސައްކަތެކެވެ. އެއީ ރައީސް އަބްދުﷲ ޔާމީން ޖަލުން ނެރުމެވެ. މުޅި ލީޑަޝިޕް ބިޒީވެފައި އޮތީ އެކަމުގަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް މާލެ ސިޓީން ލިބުނު ކާމިޔާބީ ރޭ ފާހަގަ ކުރަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް މާލެ ސިޓީން ލިބުނު ކާމިޔާބީ ރޭ ފާހަގަ ކުރަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެހެންވެ މި ނުކުތް ނަތީޖާ އަކީ ޕީޕީއެމް ބުރަ މަސައްކަތްތަކެއް ކޮށްގެން ހޯދި ނަތީޖާއެއް ނޫން ކަން ކަށަވަރެވެ. އަދި މި ނަތީޖާއާ އެމްޑީޕީ ކުރިމަތިލާން ޖެހުނީ ކެމްޕެއިން ފެއިލްވެގެނޭ ބުނެވޭކަށް ވެސް ނެތެވެ. މި ނަތީޖާގެ ހަގީގަތަކީ، އެމްޑީޕީއާ ދޭތެރޭ އެ ޕާޓީގެ މެމްބަރުން ވެސް އަދި ރައްޔިތުންގެ ތެރޭގައި ވެސް ހިތްހަމަނުޖެހުންތަކެއް ހުރި ކަމެވެ. އެއްގޮތަކީ، ސިޔާސީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ރައީސް މުހަންމަދު ނަޝީދުގެ އަމަލު ހުރި ގޮތުން ފޫހިވުމެވެ. އަނެއް ގޮތަކީ ރައްޔިތުން ބޭނުންވި ގޮތަށް ސަރުކާރު ނުހިންގުމެވެ. އަނެއް ގޮތަކީ އެމްޑީޕީގެ އެތެރޭގައި ހުރި ހިތްހަމަނުޖެހުމާއި ލީޑަޝިޕްގައި އޮތް ހިޔާލުތަފާތުވުމެވެ.

އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން މިހާތަނަށް ފާޅުކުރައްވާފައިވާ ހިޔާލުތަކަށް ބަލާއިރު މި ލަދުވެތި ނަތީޖާ ގޮސް ގުޅެނީ ނަޝީދާ އެވެ. އެ ބޭފުޅުން ތުހުމަތު ކުރައްވަނީ "އެމްޑީޕީ ތަރިކަ މުދަލެއްގެ ގޮތުގައި" އެ މަނިކުފާނު ބޭނުން ކުރައްވާ ކަމަށެވެ. އަދި މި ނަތީޖާގެ ޒިންމާ ނަޝީދު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ސަރުކާރަށް ވެސް ކަމެއް ނުވެގެން އުޅެނީ އެމަނިކުފާނުގެ އުނދަގުލާ ހެދި. ރައްޔިތުން އަނގައިން ނުބުނެ ތިއްބަސް ވަގުތު ޖެހުނީމަ ބަސް ބުނާނެ. އެ އޮތީ ބުނެފައި،" ޓުވިޓާގައި އެމްޑީޕީގެ ސަޕޯޓަރަކު ލިޔެފައި ވެ އެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕޭން އިފްތިތާހު ކުރުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކައުންސިލް އިންތިޚާބުގެ ކެމްޕޭން އިފްތިތާހު ކުރުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީގެ ފަހުރުވެރި މާލެ އެ ޕާޓީ އަށް ފުރަތަމަ ފަހަރަށް ގެއްލުނީ އެވެ. މިއީ އެމްޑީޕީންް ވަރަށް ފުންކޮށް ވިސްނަން ޖެހޭ މައްސަލައެކެވެ. މާލޭގެ މޭޔަރުކަން އެއްކިބައިގައި ބާއްވާފައި، ވެރިކަމުގައި ތިއްބާ ކައުންސިލްގެ ބާރު އެހެން ޕާޓީއަކަށް ދިއުމަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނުމެވެ. މިއީ ސަރުކާރުން ވެސް އަދި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުންް ވެސް ވަރަށް ފުން ވިސްނުމަކަށް ދާން ޖެހިފައި އޮތް ހަގީގަތެކެވެ.

އެމްޑީޕީން ފައްކާ ކުރަމުން އައި ލާމަރުކަޒީ ނިޒާމު ރާއްޖޭގެ ބޮޑެތި ހުރިހާ ސަރަހައްދެއްގައި ވެސް ހިންގުމަށް ޕީޕީއެމްގެ އެހީ ދެން ބޭނުންވާނެ އެވެ. ބައެއް ސަރަހައްދުތަކުގައި އެ ނިޒާމު ދެން ކުރިއަށް ދާނީ ވެސް ޕީޕީއެމް ބޭނުންވާ ނަމަ އެވެ. މިއީ އެކަން ވެދާނެ ގޮތް ކަމަކަށް އިއްޔެ އެކަކު ވެސް ހިޔެއް ނުކުރާނެ އެވެ. އެކަމަކު މިއަދު އެކަން އޮތީ އެގޮތަށެވެ.