Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

03 ފެބުރުއަރީ 2020

މިދިޔަ ޑިސެމްބަރު މަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ގުޑް ނިއުޒް" ހޮންކޮންގައި މި މަހުގެ 13 އިން ފެށިގެން ދައްކާ ގޮތަށް ނިންމައި، ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ޑިސެމްބަރު މަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ގުޑް ނިއުޒް" ހޮންކޮންގައި މި މަހުގެ 13 އިން ފެށިގެން ދައްކާ ގޮތަށް ނިންމައި، ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

ރާޖް މެހެތާ ޑައިރެކްޓްކުރި މި ފިލްމުގެ ތަރިންނަކީ ކަރީނާ ކަޕޫރާއި އަކްޝޭ ކުމާރާއި ކިއާރާ އަދުވާނީގެ އިތުރުން ދިލްޖީދު ދޮސަންޖެވެ.

"ގުޑް ނިއުޒް" ގައި ކިޔައި ދެނީ ކައިވެންޏެއް އެތައް ދުވަހެއްވީ ވެސް އިރު ދަރިއަކު ނުލިބޭ ދެމަފިރިއަކު އައިވީއެފްގެ އެހީގައި ދަރިއަކު ހޯދަން އުޅުމުގެ ތެރޭގައި އެ މީހުންގެ ދަރިފަނި އެހެން ދެމަފިރިއެއްގެ ދަރިފަންޏާ އޮޅުންބޮޅުންވެގެން ހިނގާ ހާދިސާތަކެކެވެ.

ޑިސެމްބަރު މަހުގެ 27 ގައި ސިނަމާތަކަށް ގެނައި ފިލްމަށް ބޮކްސް އޮފީހުގައި 700.96 ކްރޯޑް ރުޕީސް (98 މިލިއަން ޑޮލަރު) ލިބިފައިވާ އިރު، "ގުޑް ނިއުޒް" ހަދާފައި ވަނީ 60 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

"ބުރައްމަަސްތުރާ" ޑިސެމްބަރު 4 ގައި

ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައިވާ ޑައިރެކްޓަރު އަޔާން މުކަރްޖީގެ ފެންޓަސީ/އެޑްވެންޗާ ފިލްމު "ބުރައްމަސްތުރާ" މި އަހަރުގެ ޑިސެމްބަރު 4 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ފިލްމުގެ ޓިމުން އެކަން ޓްވިޓާގައި ހިއްސާކޮށްފައިވާ އިރު، މި ފިލްމަކީ ކަރަންގެ ދަރުމާ އިން ގެނެސްދޭ ޓްރިލޮޖީއެއްގެ ފުރަތަމަ ބައެވެ. "ބުރައްމަސްތުރާ" ގެ ލީޑް ރޯލުން ފެނިގެންދާނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އާލިއާ ބަޓާއި ރަންބީރު ކަޕޫރެވެ. މިއީ މި ދެ ތަރިން ފިލްމަކުން އެކީގައި ފެންނަ ފުރަތަމަ ފަހަރެވެ.

އިތުރު ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަން، ޑިމްޕަލް ކަޕާޑިއާ، ނާގުރްޖުނާ އަކިނޭނީ އަދި މޯނީ ރޯއި ހިމެނެ އެވެ.

އަޔާން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2013 ގައި ރަންބީރާއި ދީޕިކާ ޕަދްކޯން ކުޅުނު "ޔެ ޖަވާނީ ހެ ދީވާނީ" އެވެ.

އަނުޝްކާ އާއި ވިރާޓްގެ އާ އިޝްތިހާރެއް

އެކީގައި ކުރިން ވެސް އިޝްތިހާރުތަކެއް ކުޅެފައިވާ ދެމަފިރިން ކަމަށްވާ ބަތަލާ އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ތަރި ވިރާޓް ކޯލީގެ އާ އިޝްތިހާރެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

ދެ ތަރިން މި ފަހަރު ފެނިގެން ދަނީ ޝާމް ސްޓީލްގެ އިޝްތިހާރަކުންނެވެ. މިއީ ވަރުގަދަކޮށް ގެދޮރު ހެދުމާ ބެހޭ އިޝްތިހާރެކެވެ.

ދެހާސް އަށެއްގައި ރިލީޒްކުރި "ޒީރޯ" އަށް ފަހު، އަނުޝްކާ މިހާރު އަންނަނީ އިންޑިއާގެ އަންހެން ކްރިކެޓް ތަރި ޖުލާން ގޮސްވާމީގެ ވާހަކަ ކިޔައިދޭ ފިލްމުގެ މަސައްކަތްކުރަމުންނެވެ.

ސަންޖޭ އާއި ދިވްޔާގެ ކުރު ފިލްމެއް

ދެހާސް އަށާރައިގެ އޮސްކާގައި ޝޯޓް ޑޮކިއުމަންޓްރީ ކެޓަގަރީން އެވޯޑް ހޯދި "ޕީރިއަޑް. އެންޑް އޮފް ސެންޓެންސް" ގެ ޕްރޮޑިއުސަރު ގުނީތު މޮންގާ އަނެއްކާ ވެސް އިޖުތިމާއީ މައްސަލައެއް ކިޔައިދޭ ކުރު ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

"ސްލީޕިން ޕާޓްނާ" ގެ ނަމުގައި ހަދާ މި ފިލްމުގެ ތަރިންނަކީ ސަންޖޭ ކަޕޫރާއި ދިވްޔާ ދައްތާ އެވެ. މީގައި ކިޔައިދޭނީ ގެވެށި އަނިޔާ އާއި ކައިވެނީގެ ތެރޭގައި ހިންގާ ރޭޕްތަކުގެ ވާހަކަ އެވެ.

ފިލްމާ ބެހޭ ގޮތުން ސަންޖޭ އާއި ދިވްޔާ ބުނީ މިއީ އަސަރުން ފުރިގެންވާ ހިތްދަތި ވާހަކަތަކެއް ކިޔައިދޭ ފިލްމެއް ނަމަވެސް، މިއީ އަދިވެސް މުޖުތަމައުގެ ތެރޭގައި ހުރި ބޮޑެތި މައްސަލަތަކެއް ކަމަށެވެ. އަދި މިފަދަ ފިލްމަކުން ހޭލުންތެރިކަން އުފެއްދޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުންޏެވެ.