Roadha Mihaaru
ހޯރަފުށީގައި ބިއްލޫރިފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް

ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ބޮޑު ޕްލާންޓެއް ހަދަނީ

02 ފެބުރުއަރީ 2020

އިންޑިއާގެ އެހީގައި ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ބޮޑު ޕްލާންޓެއް ގާއިމްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާގެ އެހީގައި ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ބޮޑު ޕްލާންޓެއް ގާއިމްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއީ ޕްލާސްޓިކް ދޫކޮށް، ބިއްލޫރި ފުޅި ބޭނުންކޮށްގެން ފެން ބަންދުކުރާ ފުރަތަމަ ޕްލާންޓު ކަމަށްވެ އެވެ.

އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ސްކީމުގެ ދަށުން އަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އިންޑިއާ އިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރެވެ.

އެއްބަސްވުމުގައި ސޮއިކުރަން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތަށް ފަހު ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު "މިހާރު" އަށް ވިދާޅުވީ ޕްލާންޓް ގާއިމްކުރާނީ ރަށުގައި މިހާރު ވޯޓަ ސަޕްލައި ޕްލާންޓު ހުރި ސަރަހައްދުގައި ކަމަށެވެ. އެކަމަށް ވަރަށް ބޮޑު ބިމެއް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯރަފުށީގައި ގާއިމްކުރާ ފެން ބަންދުކުރާ ޕްލާންޓުން، މުޅި އިހަވަންދިއްޕޮޅަށް ބޭނުންވާ ވަރަށް ފެން ފޯރުކޮށްދެވޭނެ ކަމަށެވެ. ރިސޯޓުތަކަށާއި ވިޔަފާރި އަށް އެތަނުން ފެން އުފައްދާނެ ކަމަށާއި އެކަމުގެ ސަބަބުން ރަށަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސްކީމުގެ ދަށުން އައްޑޫގެ ފަސް ސަރަހައްދެއްގައި އީކޯ ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނެ އެވެ. އެ މަސައްކަތަށް 38 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.