Roadha Mihaaru
ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ބެލެހެއްޓޭނެ: އަމީން

ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ބެލެހެއްޓޭނެ: އަމީން

02 ޖުލައި 2020

ކޮވިޑް-19 އިން ރައްކާތެރިވާން އެންމެން އެކުގައި މަސައްކަތް ކުރަން އުފެއްދި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އުވާލައި މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވިޔަސް ހަތަރު މަހުގެ ތަޖުރިބާ އިން ގިނަ ކާމިޔާބީތަކާއި ފިލާވަޅުތައް ލިބި ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 އިން ރައްކާތެރިވާން އެންމެން އެކުގައި މަސައްކަތް ކުރަން އުފެއްދި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އުވާލައި މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވިޔަސް ހަތަރު މަހުގެ ތަޖުރިބާ އިން ގިނަ ކާމިޔާބީތަކާއި ފިލާވަޅުތައް ލިބި ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރާއި ކުންފުނިތަކާއި އަމިއްލަ ޖަމިްޔާތަކާއި ވޮލަންޓިއަރުން ބުރަ މަސައްކަތްތަކާއި ގިނަ ވަގުތުތަކެއް ހޭދަކުރި އެންއީއޯސީ އުވާލީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ހިންގަން ފެށުމަށް ފަހު އެވެ. އެންއީއޯސީން ކުރަމުން އައި މަސައްކަތްތައް ދެން ކުރާނީ ހެލްތު މިނިސްޓަރު އަމީންގެ ބެއްލެވުމުގެ ދަށުން އެތަނުގަ އެވެ.

ދަރުބާރުގޭގައި ހިންގި އެންއީއޯސީގެ ފަހު ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ރާއްޖެ އިން އަވަސް ފިޔަވަޅުތަކެއް އަޅައި ކުރު މުއްދަތެއްގައި ކޮވިޑާ ދެކޮޅަށް ކާމިޔާބުތަކެއް ހޯދިއިރު އެއީ ވަރަށް ގިނަ ތަޖުރިބާ ކަމަށެވެ. އެންއީއޯސީގައި ހިންގި ފަދަ ބޮޑު އޮޕަރޭޝަނެއް ދެން ކުރިއަށް ގެންދާނީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މި ބަލިން ރައްކާތެރިވުމާ ގުޅޭ ގިނަ ގައިޑްލައިންތަކެއް އާއްމުކޮށްފަ އެވެ. އެ ހުރިހާ ގައިޑްލައިނެއްގައި ވެސް ބާރުއަޅާފައި ވަނީ ގިނަގިނައިން އަތްދޮވުމާއި ގައިދުރުކަން ބެހެއްޓުމާއި އާއްމުންގެ ތެރެއަށް ނުކުންނައިރު މާސްކް އެޅުމާއި ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ އެހެން މީހުންނާ އެކެހަރިވުމެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެޗްއީއޯސީގެ ދަށަށް މަސައްކަތްތައް ބަދަލުކުރިޔަސް ފަރުވާއާ ގުޅިގެން ކުރަން ޖެހޭ ކަމަކަށް މަޑުޖެހުމެއް ނެތި ބަރާބަރަށް ކުރިއަށް ދާނެ އެވެ. އޭގެތެރޭގައި ކޮވިޑް-19ގެ ޓެސްޓަށް ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިން އާއި ފަރުވާ އާއި ލޮޖިސްޓިކް އެހެން މަސައްކަތްތައް ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

ރޭގެ މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ. --ފޮޓޯ/އެންއީއޯސީ

ރޭގެ މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ. --ފޮޓޯ/އެންއީއޯސީ

"އެއްވެސް ކަމަކަށް ހުއްޓުމެއް ނައިސް އިރާދަކުރެއްވިއްޔާ ކުރިއަށް ދާނެ. މިގޮތަށް ސްޓޭބަލްކޮށް ކުރިއަށްދާ ކަމަށް ވާ ނަމަ، އޮޕަރޭޝަނެއްގެ ގޮތުގައި ކުރިއަށް މިދާ ދިއުން އިރާދަކުރެއްވިއްޔާ ހާލަތު ގޯސްނުވެ ރަނގަޅަށްދާ ކަމަށް ވަންޏާ އެޗްޕީއޭގެ ޕްރޮގްރާމެއްގެ ގޮތަށް މިކަންކަން ބަދަލުވެގެންދާނެ،" އަމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިހާރު ހުރި މައުލޫމާތާއި މިކަން ކުރުމުގައި ލިބިފައި ހުރި ތަޖުރިބާ އަށް ބަލާއިރު މިކަން އިތުރަށް ގޯސްވިޔަ ނުދީ ބެލެހެއްޓޭނެ ކަމަށް ގަބޫލުކުރެވޭ."

އަމީން ވިދާޅުވީ ބައްޔަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވެގެން ދިޔަ ނަމަވެސް މިހާރު ހުރި ފަރުވާ ދިނުމުގެ އިންތިޒާމާއި ޓެސްްޓް ކުރުމުގެ ކެޕޭސިޓީ އާއި ލޮޖިސްޓިކް ކަންކަމުގައި އިދާރާތަކުން ހޯދާފައިވާ ތަޖުރިބާތަކުން ހާލަތު މެނޭޖް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"ކޮވިޑުން ރައްކާތެރިވުމާއި ފަރުވާ ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރިއަށް ދާނެ. ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ވެސް ކުރިއަށްދާނެ. ގައިޑްލައިންތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑް-19 އިން ރައްކާތެރިވާން ކުރާ މަސައްކަތްތަކުގެ އިންތިޒާމަށް ބަދަލު އަޔަސް ގައުމީ މަސައްކަތެއްގެ ގޮތުގައި އެކަން ކުރިއަށް ދާނެ އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް 2،038 މީހުން ޕޮޒިޓިވްވެފައިވާ އިރު، މި ބަލީގައި 10 މީހަކު ވަނީ މަރުވެފަ އެވެ. މިހާރު ފަރުވާ ދެމުން އަންނަނީ 413 މީހުންނަށެވެ.